Roadha Mihaaru
މަންދަށް 15 މިލިއަން ދިނުމަކީ އެޑިއުކޭޝަން ސްޓޭންޑު

މަންދަށް 15 މިލިއަން ދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭންޑެއް: އޭޖީ އޮފީސް

29 އެޕްރީލް 2021

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވީ އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކަށް ވާތީ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވީ އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަކަށް ވާތީ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ގައި ސަރުކާރުން ވަނީ، އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި ހުކުމްތަކަށް ފަހު ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާކޮށްފައި ވެ އެވެ.

ގެއްލުމުގެ ބަދަލާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އެދިގެން އޮޑިޓް އޮފީހުން މިދިޔަ އަހަރު އެސެސްމަންޓެއް ހެދި އެވެ. އެ އެސެސްމަންޓުން ދެއްކީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ޑިސްޕިއުޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމުން، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުކުމްކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން އޭޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޯޓުގައި ދައުލަތް ނެގީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭންޑު ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެ މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކާތީ މިކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އޮޑިޓް އޮފީހުގެ އެސެސްމަންޓުގައި ބުނީ، އެމްއީއެސް ހިންގި ބިމާއި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ހެދި އެއްބަސްވުން އުވާލުމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.