Roadha Mihaaru
ރާއްޖޭގައި ޕީސީއާރުގެ ފޭކް ޓެސްޓްތަކާއި ނަތީޖާތަކެއް!

ރާއްޖޭގައި ޕީސީއާރުގެ ފޭކް ޓެސްޓްތަކާއި ނަތީޖާތަކެއް!

28 އެޕްރީލް 2021

ރާއްޖޭގެ ބައެއް ލެބޯޓަރީތަކާއި އެހެނިހެން ގޮތްގޮތުން ވެސް ފޭކް ނެގެޓިވް ނަތީޖާތަކެއް ހަދައިދެމުން އަންނަ ކަމުގެ ތުހުމަތު، މި ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކޮށްފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރާއްޖޭގެ ބައެއް ލެބޯޓަރީތަކާއި އެހެނިހެން ގޮތްގޮތުން ވެސް ފޭކް ނެގެޓިވް ނަތީޖާތަކެއް ހަދައިދެމުން އަންނަ ކަމުގެ ތުހުމަތު، މި ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކޮށްފި އެވެ.

ނަން ހާމަކުރަން ނޭދި ވާހަކަ ދެއްކެވި، ލެބޯޓަރީއެއްގެ ވެރިޔަކު ވަނީ އެކަން ހިނގާ ގޮތް "މިހާރު" ނޫހަށް ވަރަށް ތަފުސީލުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ޔަގީންވާ ވަރުގެ ހެކި އޭނާގެ އަތުގައި އެބަހުއްޓެވެ.

"އިއްޔެ ނޫން ކުރީ ދުވަހު ވެސް ރިސޯޓަކުން އަޅުގަނޑުމެންނަށް ފޮނުވައިފައި އެބައޮތް ބިލެއް 5 ޓޫރިސްޓެއްގެ ކޮވިޑް ޓެސްޓް އެއާޕޯޓުން ހެދި ކަމަށް. އަޅުގަނޑުމެންގެ ބަޔަކު އެއާޕޯޓަކު ނޫޅޭނެ. އެކަމަކު އެ މީހުންނަށް ރިޕޯޓް ދީފައި ހުރީ ޑޮކިއުމެންޓް ފޯޖްކޮށްގެން އަޅުގަނޑުމެންގެ ލެބޯޓަރީގެ ނަމުގައި،" އޭނާ ވިދާޅުވި އެވެ.

"180 ޑޮލަރަށް ޓެސްޓެއް ހަދާފައި ޓޫރިސްޓުންްގެ އަތުން އެ ފައިސާ ނެގީމަ ޓޫރިސްޓުން ރިސޯޓަށް މި ހުށަހަޅަނީ އެ ފައިސާ އަނބުރާ ހޯދަން. އެ ހިސާބުން މި އެނގެނީ."

ކޮވިޑްގެ ފޭކް ނެގެޓިވް ޓެސްޓް ތިން ގޮތަކަށް އެބަ ގެންގުޅެ އެވެ. އެއްގޮތަކީ، އެއާޕޯޓްގައި ކޮންމެވެސް ހުއްދަ ނެތް ބަޔަކު ޓޫރިސްޓުންގެ ޓެސްޓްތައް ހެދުމެވެ. އަނެއް ގޮތަކީ ޕޮޒިޓިވް ނަތީޖާއެއް، ފޮޓޯޝޮޕް ކޮށްލުމަށް ފަހު ނެގެޓިވް އަށް ބަދަލުކޮށްގެން ފުރައިގެން ދިއުމެވެ. ތިން ވަނަ ގޮތަކީ، ބައެއް ލެބޯޓަރީތަކުން ނެގެޓިވްް ނަތީޖާ ވިއްކުމެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން، ހާއްސަކޮށް ބައެއް ރިސޯޓްތަކުން ވެސް ގުޅާފައި އެބަހުރި 100 ޑޮލަރަށް މިވެނި ތަނަކުން ނެގެޓިވް ރިޕޯޓް އެބަ ލިބެއޭ. ތިތަނުން ހަދައިދީބަލާށޭ ކިޔާފައި،" އޭނާ ވިދާޅުވި އެވެ. "ތެދެއް ދޮގެއް ނޭނގެ. އަޅުގަނޑުމެންނަށް އިވިފައި އެބައޮތް ބައެއް ލެބޯޓަރީތަކުން ސާމްޕަލް ނުވެސް ހަދައި ނެގެޓިވް ރިޕޯޓް ދީފައި ހުރި ވާހަކަތަކެއް."

މީގެ ދެތިން ދުވަސް ކުރިން ދިމާވި ކަމެއް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެޗްޕީއޭ އިން ގުޅާފައި މި އަހަނީ މިވެނި މީހަކު ކޮބައިހޭ. ބެލިއިރު އޭނާ ފުރައިގެން ހިނގައްޖެ. އަޅުގަނޑުމެން މި ދިނީ އޭނާ އަށް ޕޮޒިޓިވް ޓެސްޓެއް. އެކަމަކު އޭނާ ނެގެޓިވް އަށް ކޮންމެވެސް ގޮތަކުން ބަދަލުކޮށްލައިގެން ފުރައިގެން މި ދިޔައީ."

ކޮވިޑް ޓެސްޓް ކުރަން ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވަނީ ވަރަށް މަދު ތަންތަނަށެވެ. އަދި އެ ތަންތަނަށް ހުއްދަ ދީފައި ވަނީ ވެސް ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހު އެވެ. ކޮވިޑަށް ހަދާ ޓެސްޓްތަކުގެ ނަތީޖާތައް އެޗްޕީއޭގެ ޕޯޓަލް އަށް ކޮންމެ ދުވަހަކު ވެސް އެ ލެބޯޓަރީތަކުން އަޅަން ޖެހެ އެވެ. އެހެން ނަމަވެސް، މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ އެ ޕޯޓަލް އަށް ނަތީޖާތައް އެޅެނީ ވަރަށް އުނދަގުލުން ކަމަށް ވާތީ، ވަރަށް ގިނަ ތަންތަނުން ބަރާބަރަށް ޕޯޓަލް އަށް އަޕްޑޭޓް ކުރަމުން ނުދާ ކަމަށެވެ.

"ވަރަށް ގިނަ މީހުންް އެބަ ފުރައިގެން ދޭ ޕޮޒިޓިވް މީހުން ވެސް ނެގެޓިވް ރިޕޯޓްތައް ހަދައިގެން. ކޮންމެ މީހަކު ވެސް އަސްލު ފުރައިގެން ދާއިރު ނަތީޖާ ދައްކަން ޖެހޭނެ. އެ ނަތީޖާ ޕޯޓަލް އިން ވެރިފައި ކުރެވޭނެ. އެކަމަކު މިހާރު ވާ ގޮތަކީ ޕޯޓަލް އަށް ނާޅާ ހުއްޓާ ފުރައިގެން މި ދަނީ ފޭކް އެއްޗެއް ދައްކައިގެން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ފޭކް ރިޕޯޓްތަކުގެ މައްސަލައަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. އެންމެ ކައިރިން އިންޑިއާގައި ވެސް މި މައްސަލަ ވަރަށް ބޮޑެވެ. އެކަމަކު ރާއްޖޭގައި މި މައްސަލަ ކުރިމަތިވެގެން މި އުޅެނީ އަދިކިރިޔާ އެވެ.

މިކަމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތުންް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމާ ބެހޭ ގޮތުން ޖަވާބެއް ހޯދަން ހެލްތު މިނިސްޓްރީ އަށް ރެއިން ފެށިގެން މި އަންނަނީ ގުޅަމުންނެވެ.