Roadha Mihaaru
އީގަލްސް އިން ވެެލެންސިއާ ހިފަހައްޓާލައިފި

އީގަލްސް އިން ވެެލެންސިއާ ހިފަހައްޓާލައިފި

29 އެޕްރީލް 2021

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ވެލެންސިއާ އާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބު ވެލެންސިއާ އާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު، ތާވަލްގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ވެލެންސިއާ އަށް ވަނީ ގެއްލިފަ އެވެ.

ޕޮއިންޓަކާއެކު، ވެލެންސިއާ ދެވަނަ ބުރު ނިންމާލީ ޖުމްލަ 25 ޕޮއިންޓާއެކުއެވެ. ދެ ވަނަ ބުރުގައި ބާކީ އެއް މެޗު އޮތް މާޒިޔާއިން ވަނީ 31 ޕޮއިންޓް ހޯދާފަ އެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، މާޒިޔާއަށް ނުވަ ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ.

ހަތަރު ވަނައިގައި އޮތް އީގަލްސްއަށް މެޗުން މޮޅުވެގެން، ތިން ވަނައަށް ދިއުމުގެ ފުރުސަތުވެސް އޮތެވެ. ނަމަވެސް މެޗުން ލިބުނު އެއް ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓާއި އީގަލްސްއާ ދެމެދު އޮތް ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ.

އީގަލްސް އާއި ވެލެންސިއާ ފުރަތަމަ ބުރުގައި ކުޅުނު މެޗު، ވެލެންސިއާ ކާމިޔާބު ކުރީ 2-0 ންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމަށް ބަލައި ތިން ޕޮއިންޓަށް އޭނާ އުންމީދު ކުރި ކަމަށެވެ.

"މިރޭ އެއްކަމެއް ވަރަށް ރަނގަޅަށް ފެނުނު އެއީ ކުޅުންތެރިންގެ ސްޓެމިނާ (ބުންވަރު)، އެކަމުން އަންގައިދެނީ ލީގުގެ ތެރެއަށް ރަނގަޅަށް ވަދެވިފައޭ މިއިނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ. "ދެން ކޯޗެއްގެ ހައިސިއްޔަތުން އެންމެ ބޭނުންވާ ލެވެލް އަށް އަދި ނުގެންދެވުނަސް މިހާރު ރަނގަޅު ޓްރެކެއްގައި އޮތްކަން އެބަ އެނގޭ."

ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތި) ބުނިގޮތުގައި، އޭނާ މެޗަށް ނުކުތީ ދެ ޓާގެޓެއް ކަނޑައަޅައިގެންނެވެ. ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ ބަލިވެފައި އޮތުމުން، މިރޭ ގެ މެޗަށް އެންމެ ފުރަތަމަ ކަނޑައެޅި ޓާގެޓަކީ ބަލި ނުވެ މެޗު ނިންމާލުން ކަމަށް އާތީ ބުންޏެވެ. އޭނާ ބުނީ މެޗުން ތިން ޕޮއިންޓް ހޯދަން އަޒުމު ކަނޑައެޅިނަމަވެސް އެކަން ހާސިލުނުވީ ނަސީބު ނެތުމުން ކަމަށެވެ.

"ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ފުރަތަމަ ހާފުގައިވެސް ވަރަށް ގިނަ ހަމަލާތަކެއް އުފައްދައިފި. ކުޅުންތެރިންނަށް ޝުކުރު އަދާ ކުރަން އެ ކުރި މަސައްކަތައް."