Roadha Mihaaru
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް

ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް

20 ޖުލައި 2023

ކްލަބް ވެލެންސިއާ އަތުން ފަސޭހަ ކަމާއެކު 5-0 އިން މޮޅުވެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މުހިއްމު މޮޅެއް ހޯދިއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކްލަބް އީގަލްސް އިން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކްލަބް ވެލެންސިއާ އަތުން ފަސޭހަ ކަމާއެކު 5-0 އިން މޮޅުވެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މުހިއްމު މޮޅެއް ހޯދިއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކްލަބް އީގަލްސް އިން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާ އާއެކު އީގަލްސް މިވަގުތު އެއްވަނައަިގައި އޮތީ މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ޖުމްލަ 13 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ވެލެންސިއާ އަތުން ހޯދި މޮޅާ އެކު ސަސް ވެސް މިވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ހަމަކޮށް ތިންވަނައަށް ޖެހިލައިފަ އެވެ. ބުރު ސްޕޯޓްސް އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައި ވާއިރު ސަސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

އިއްޔެ ހަވީރު ޔޫވީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގައި، އީގަލްސް އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 43 ވަނަ މިނިޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ނަމަވެސް ހާފުގެ އިތުރު ވަގުތުގައި ޝަނާން ރަޝާދު ވަނީ އޭރިއާ ބޭރުން ފޮނުވާލި ރީތި ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން ޔޫވީ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އީގަލްސް އިން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައި މޮޅުވި ގޯލު ޖެހީ، 81 ވަނަ މިނިޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ރިޒޭ، އީގަލްސް އިން ޔޫވީއާ ދެކޮޅަށް ލީޑު ނެގި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޒޭ، އީގަލްސް އިން ޔޫވީއާ ދެކޮޅަށް ލީޑު ނެގި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަސް އިން ވަނީ ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މުހިއްމު ކުޅުންތެރިންތަކެއް ނުހިމަނައި އީގަލްސް އަތުން ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ނަމަވެސް ރޭ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ކީޕަރު އަބްދުﷲ ޒިމާމް އާއި ކަނާތު ބެކް އައިހަމް އަހުމަދު (އައިހު) އާއި މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ވެސް ކުޅެފައި ވެއެވެ.

ސަސް އިން ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ފަސްވަނަ މިނިޓުގައި އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. އެޓީމުން ލީޑު ފުޅާ ކުރީ އަހުމަދު ހުސާމް (ހުސާންކޮ) ގާތްގާތުގައި ޖަހައިދިން ދެ ގޯލުންނެވެ. ހުސާންކޮގެ ފުރަތަމަ ގޯލު 30 ވަނަ މިނިޓުގައި ޖެހިއިރު، ދެވަނަ ގޯލު ޖަހައިފައި ވަނީ އޭގެ ފަސް މިނިޓު ފަހުންނެވެ. އަދި 45 ވަނަ މިނިޓުގައި ހަތަރުވަނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ޕިލާ އެވެ.

މި ހާފުގައި ވެލެންސިއާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އަށް ވަނީ ގޯލު ޖަހާނެ ދެ ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ކީޕަރު ކުރިއަށް އަރާ ހުރި ވަގުތެއްގައި އިލާން ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު، ފަހުން ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު ޒިމާމް އެވެ. ވެލެންސިއާގެ އެޓޭކިންގައި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ޔާމީން ރޭގެ މެޗުގައި ކުޅެން ނުކުތީ ދެވަނަ ހާފުގަ އެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 62 ވަނަ މިނިޓުގައި ސަސްގެ ފަސްވަނަ ގޯލު ޖަހައިދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ. ވެލެންސިއާގެ ޔާމީން އާއި ޒުވާން ވިންގާ އީތަން އިބްރާހިމް ޒަކީ ފޮނުވާލި ހަމަލާތައް ކީޕަރު ޒިމާމް ދިފާއު ކުރިއިރު، އަހުމަދު ސިޒާން (ސިއްޕެ) އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.