Roadha Mihaaru
މަންދަށް 15 މިލިއަން ދިނުން އޭޖީން ދިފާއުކޮށްފި

މަންދު ކޮލެޖަށް 15 މިލިއަން ދިނުން އޭޖީން ދިފާއުކޮށްފި

03 މެއި 2021

މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އެއްބަސްވުން ދިފާއުކޮށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބަޔާނެއް ނެރެފި އެވެ.

މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އެއްބަސްވުން ދިފާއުކޮށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބަޔާނެއް ނެރެފި އެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެތަނުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު ޑިސެމްބަރު 28، 2008 ގައި ވީ އެއްބަސްވުން ފެބްރުއަރީ 6، 2010 ގައި ބަދަލުކޮށްފައި ވަނިކޮށް އެ އެއްބަސްވުން ސަރުކާރުން އުވާލީ ޖެނުއަރީ 25، 2015 ދުވަހު އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ދައުލަތާ އެއްކޮޅަށް ހުކުމް ކުރި ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހުކުމް އައީ ދައުލަތާ ދެކޮޅަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން މާލޭ ހައި ކުންފުނިން ދައުވާކުރަން ހައްގު އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން ވެސް ކާމިޔާބެއް ނުވި އެވެ.

ބަދަލު ދިނުމުގެ މައްސަލާގައި ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ބަދަލަކީ، އެޑިއުކޭޝަނުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އެއްބަސްވުމާ ޚިލާފުވެފައިވާ ޚިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއް ކަމަށެވެ. އަދި ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެކަން ކުރެވެން ވެސް ނެތް ކަމަށާއި މި މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމަން މަޑުކޮށްފި ހާލަތެއްގައި އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

"މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާންކޮށްފައިވާ އަދަދު ދައުލަތުން ދައްކައި ޚަލާސްކުރާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީ" ކަމަށް ބަޔާނުގައިވެ އެވެ.

އޭޖީ އޮފީހުން ބުނީ ގެއްލުމުގެ ގޮތުގައި ދޭން އެޑިއުކޭޝަނުން ހިސާބުކުރި ފައިސާ އަކީ އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން، ކޮލެޖް އަލުން ފެށުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ހޭދަކުރަންޖެހުނު 4,317,500ރ. އާއި އެހެން އިމާރާތަކަށް ބަދަލުވާން ޖެހުމުން ކުލީގެ ގޮތުގައި ދައްކަން ޖެހުނު 10,695,000ރ. ކަމަށެވެ. އަދި މިކަމުގައި އޮޑިޓަ ޖެނެރަލް ހެދި އެސެސްމަންޓަށް ފަހު ދިން ލަފަޔަކީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ލަފައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ހައި އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެ ކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ކުރިމަތިވި ގެއްލުމެއްކަމާއި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އާދައިގެ "ސަބަބުވެރި ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭ" ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"...ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އަދި އެއީ، އެއްބަސްވުމާ ޚިލާފުވެފައިވާ ޚިލާފުވުމާ ސީދާ ގުޅުންހުރި ގެއްލުމެއްކަން ވެސް ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.