Roadha Mihaaru
ޑޮލަރު ހޯދަން ސަރުކާރު ކުންފުނިތައް ކަޅުބާޒާރުގައި!

ޑޮލަރު ހޯދަން ސަރުކާރު ކުންފުނިތައް ވެސް ކަޅުބާޒާރުގައި!

17 މެއި 2021

ރާއްޖޭގެ ބާޒާރުން ޑޮލަރު ހޯދުމަށް އިންތިހާއަށް އުނދަގޫވެ، ޑޮލަރުގެ އަގު އަނެއްކާވެސް އުފުލެން ފަށާފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ބާޒާރުން ޑޮލަރު ހޯދުމަށް އިންތިހާއަށް އުނދަގޫވެ، ޑޮލަރުގެ އަގު އަނެއްކާވެސް އުފުލެން ފަށާފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ފަށައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ބޭރުގެ އިންސްޓިޓިއުޓްތަކުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމަށް ޑޮލަރު ބޭނުންވެ އެވެ. އެހެން ކަމުން ކޮންމެ މަހަކުހެން ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ޖެހެ އެވެ. އެހެން ނަމަވެސް މިދުވަސްވަރު އެމްއެމްއޭ މެދުވެރިކޮށް ޑޮލަރު ހޯދަން އުނދަގޫވެ، ބޮޑެތި ޑިލޭތައް އަންނަމުންދާ ކަމަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި އެޗްޑީސީ ފަދަ ކުންފުނިތަކުން ވެސް ބުނެ އެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތުން ބުނީ، ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ގިނަ އަދަދެއްގެ ޑޮލަރު ހޯދަން ފެށުމުން ކަޅު ބާޒާރުގަ ޑޮލަރުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެޗްޑީސީން ދެ މިލިއަނެއްހާ ޑޮލަރު ހޯދަން އިއުލާނުކުރި

ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކުން "މިހާރު" އަށް ބުނީ ދާދިފަހުން އެޗްޑީސީން ދެ މިލިއަނަށް ވުރެ ގިނައިން ޑޮލަރު ގަންނަން އިއުލާނުކުރި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް ވިދާޅުވީ، ބޭރުން ތަކެތި ގަތުމަށްޓަކައި އެ ކުންފުނިން ޑޮލަރު ބޭނުންވާތީ އެމްއެމްއޭގައި ރަޖިސްޓާ ކޮށްފައިވާ ތަންތަނުން ޑޮލަރު ގަންނަމުން އަންނަ ކަމަށެވެ. އަދި އެމްއެމްއޭ އިން ޑޮލަރު ގަންނަން ކަނޑައަޅާފައިވާ ރަސްމީ ރޭޓް 15.42ރ. ގެ ރޭޓަށް ވުރެ ބޮޑު ރޭޓުގައި ވެސް ޑޮލަރު ގަންނަން ޖެހޭ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ދެ މިލިއަން ޑޮލަރު ގަތުމަށް ހުޅުވާލިކަން ނުވަތަ ނޫން ކަން ވެސް އޭނާ ކަށަވަރު ނުކޮށްދެއްވަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެ ކުންފުނިން ވެސް މިހާރު އެމްއެމްއޭގައި ރަޖިސްޓާ ކޮށްފައިވާ ޑޮލަރު ޑީލަރުން މެދުވެރިކޮށް މުއާމަލާތްތައް ހިންގާ ކަމަށެވެ. މިގޮތަށް އެ ކުންފުނިން ޑޮލަރު ގަންނަން ފެށީ ވަރަށް ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގި ނަމަވެސް "އެރޭންޖްމެންޓް ފީ"ގެ ގޮތުގައި އިތުރު ފީތައް ދައްކަން ޖެހޭ ކަމަށެވެ. އެހެންވެ އަބަދުވެސް ބަލަނީ އެންމެ ކުދި ފީތައް ހުށަހަޅާ ފަރާތްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮފީސް. މިދިޔަ އަހަރު ވެސް އެމްއެމްއޭ އިން 634 މިލިއަން ޑޮލަރު ޑޮމެސްޓިކް މާކެޓަށް ފޯރުކޮށްދިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮފީސް. މިދިޔަ އަހަރު ވެސް އެމްއެމްއޭ އިން 634 މިލިއަން ޑޮލަރު ޑޮމެސްޓިކް މާކެޓަށް ފޯރުކޮށްދިން

ސްޓެލްކޯއިން ވެސް ބުނީ މި ދުވަސްވަރު އެ ކުންފުންޏަށް ވެސް ޑޮލަރު ހޯދުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޑޮލަރު ގަންނަން ޕްރައިވެޓް ޑީލަރުންގެ ގާތަށް ނުދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެސްޓީއޯ އާއި އެމްޓީސީސީން ވެސް ބުނީ ޑޮލަރު ހޯދުމުގެ ކަންކަން އަދި ކުރިއަށް ގެންދަނީ އެމްއެމްއޭ މެދުވެރިކޮށް ކަމަށެވެ.

"މިހާރު" އާ ވާހަކަ ދެއްކި ފަރާތުން ބުނީ، ކަޅު ބާޒާރުގަ ޑޮލަރު ވިއްކުމުގެ ވިޔަފާރިއަކީ ބިދޭސީ ފަރާތްތަކުން ކޮންޓްރޯލްކުރާ ވިޔަފާރިތަކެއް ކަމުން މިކަމުގެ ސަބަބުން ހީނަރުވެފައިވާ އިގްތިސާދު އިތުރަށް ހީނަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ޑޮލަރުގެ ތާށިކަން ހުއްޓުމަކަށް ގެންނަން އެކި ގޮތްގޮތުން އެމްއެމްއޭ އިން ޑޮލަރު ހޯދި. އެހެން ނަމަވެސް އެއީ ވެސް އަނބުރާ ދައްކަން ޖެހޭނެ ފައިސާ. މިކަން ހައްލުކުރަން ރަނގަޅު އުސޫލުތަކެއް އެމްއެމްއޭ އިން ހަދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓް އޭޖެންޓުން މެދުވެރިކޮށް ކުންފުނިތަކުން ޑޮލަރު ހޯދަން އުޅުމަކީ އަލަށް ހިނގާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްއޭ މެދުވެރިކޮށް ސަރުކާރު ކުންފުނިތަކަށް ޑޮލަރު ދޫކުރަން ފެށި އެވެ. އެހެން ނަމަވެސް ޑޮލަރު ހޯދަން އުނދަގޫވެ އަނެއްކާ ވެސް ކުންފުނިތަކަށް އަމިއްލަ އޭޖެންޓުން ކައިރިއަށް ދާން މިވަނީ މަޖުބޫރުވެފަ އެވެ. އަމިއްލަ އޭޖެންޓުން މެދުވެރިކޮށް ޑޮލަރު ގަންނަން ޖެހުމުން ކުންފުނިތަކުން ހޭދަކުރަން ޖެހޭ ފައިސާ ވަރަށް ބޮޑަށް އިތުރުވެ އެވެ. އެހެންވެ އެ ކުންފުނިތަކުން މާލީ ހާލަތަށް އަސަރުތަކެއް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި އަދަދުތަކުން ޑޮލަރު ގަތުމުގެ މުއާމަލާތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ އިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ "އެމްއެމްޕީއާރްސީ ހިޔާނާތު"ގައި ވެސް އޮޅުވާލައިގެން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގި މައްސަލަތައް ފެންމަތިވި އެވެ. އެހެންވެ މިއީ މިފަދަ މުއާމަލާތްތައް ހިންގުމުގައި ރަނގަޅު އުސޫލުތަކެއް އޮންނަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެންސީ ސްވޮޕް ފަދަ ފެސިލިޓީތައް ބޭނުން ކޮށްގެން ރާއްޖެ އަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ އަހަރު ވެސް 634 މިލިއަން ޔޫއެސް ޑޮލަރު ޑޮމެސްޓިކް މާކެޓަށް ފޯރުކޮށްދިނެވެ. މީގެ ތެރެއިން 62 ޕަސެންޓް ފޯރުކޮށްދިނީ އެސްއޯއީތަކަށެވެ. އަދި 35 ޕަސެންޓް ބޭންކްތަކަށް ފޯރުކޮށްދިނެވެ.

މި ވަގުތު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19ރ. ގަ އެވެ. މި އަހަރުގެ ކުރީކޮޅު ޑޮލަރުގެ ރޭޓް ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް ޑޮލަރުގެ އަގު އަނެއްކާ ވެސް މިވަނީ އުފުލެން ފަށައިފަ އެވެ.