Roadha Mihaaru
ސަރުކާރު ކުންފުނިތަކަށް އަވަސް އިސްލާހުތަކެއް ބޭނުން

ސަރުކާރު ކުންފުނިތަކަށް އަވަސް އިސްލާހުތަކެއް ބޭނުން

24 ފެބުރުއަރީ 2019

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ތަހުގީރުގައި ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތަކަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އެކުންފުނިތަކުން ކޯޕަރޭޓް ގަވާނެންސް އުސޫލުތަކަށް ފުރިހަމައަށް ތަބާ ނުވާ ކަން ފާހަގަކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ތަހުގީރުގައި ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތަކަށް ބޮޑެތި އިސްލާހުތަކެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އެކުންފުނިތަކުން ކޯޕަރޭޓް ގަވާނެންސް އުސޫލުތަކަށް ފުރިހަމައަށް ތަބާ ނުވާ ކަން ފާހަގަކުރެވުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޓާނަލް އޮޑިޓް ނިޒާމް

ކުންފުނިތަކުގެ ހިންގުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލް އިން އެންމެ ބޮޑަށް ފާހަގަކުރެވުނީ އިންޓާނަލް އޮޑިޓް ނިޒާމެއް ނެތުން ކަމަށެވެ. އަދި ކުންފުނިތަކުން ތަބާވާން ޖެހޭ އުސޫލުތަކަށް މާ ބޮޑު ފަރުވާލެއް މީގެ ކުރިން ބަހައްޓާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޓާނަލް އޮޑިޓް ނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ވާން ޖެހޭ. އެމްޕީއެލްގައި އިންޓާނަލް އޮޑިޓްގެ ރަނގަޅު ޕްލޭނެއް ނެތް،" އެމްޑީޕީގެ ސަރުކާރުގައި ކުރިން އެސްޓީއޯގެ އެމްޑީކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

"މިހާރު ވަނީ އިންޓާނަލް އޮޑިޓަރެއް ހޯދުމަށް އިއުލާނު ކޮށްފައި."

ފުރިހަމަ އޮޑިޓް ނިޒާމެއް ގާއިމްކޮށްފި ނަމަ، ކުންފުނިތައް ޖަވާބުދާރީ ކުރެވި، ބޭރުކާރު ހަރަދުތައް ކުރުމުން ސަލާމަތް ވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

އެމްޓީސީސީގެ މަހާ ޖައްރާފު: މި ކޮންނަ ބޯޓު ގަންނަން ނިންމީ ބޯޑުގެ ހުއްދަ ކުރިން ހޯދުމެއް ނެތި

އެމްޓީސީސީގެ މަހާ ޖައްރާފު: މި ކޮންނަ ބޯޓު ގަންނަން ނިންމީ ބޯޑުގެ ހުއްދަ ކުރިން ހޯދުމެއް ނެތި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީގެ ހިންގުން ހަރަދަނާ ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުން ވަނީ ދެ ފުށް ފެންނަ ނިޒާމެއް ކަމަށެވެ. މީގެ ކުރިން އެމްޓީސީސީން ހިންގަން ރާވާފައި ހުރި ބައެއް މަޝްރޫއުތަކުގެ އޮޑިޓެއް ކުރަމުން އަންނަ ކަމަށާއި އޮޑިޓްގައި ފާހަގަކުރާ ކަންކަން ކުންފުނިތަކުން ކޮންމެހެން ވެސް އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އޮޑިޓް ކުރެވުނު ނަމަވެސް އެކަންކަން އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއް ނުވޭ،" ޝާހު ވިދަޅުވި އެވެ.

އިންޓާނަލް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަން ރަނގަޅު ނުކުރެވޭ ކަމަށް ވާ ނަމަ ކުންފުނިތަކުގެ އޮޑިޓަރުންގެ ބޭނުން ކެނޑުނީ އެވެ. މީގެ އިތުރުން މިނިވަން އޮޑިޓެއް ކުރުމަށްޓަކައި ކުންފުނީގެ މެނޭޖުމެންޓުގެ ނުޒޫފުން އެއްކިބާވެފައިވާ އޮޑިޓް ޑިޕާޓްމެންޓެއް މުހިއްމެވެ.

ކޯޕަރޭޓް ގަވާނެންސް އުސޫލަށް ތަބާވުން

ޝާހު ވިދާޅުވީ ކޯޕަރޭޓް ގަވާނެންސް އުސޫލުތަކަށް ތަބާވުމަކީ ކުންފުންޏެއް ރަނގަޅަށް ހިންގަން މުހިއްމު ކަމެއް ކަމަށެވެ. އެމްޓީސީސީން މީގެ ކުރިން ބައެއް ނިންމުންތައް ނިންމުމުގައި ބޯޑުގެ ހުއްދަ ހޯދާފައިވަނީ މެނޭޖްމެންޓުން އެކަން ނިންމުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކުންފުނިން ކަމެއް ފެށުމުގެ ކުރިން ބޯޑުގެ ލަފާ އާއި މަޝްވަރާ ހޯދަން ޖެހެ އެވެ.

"މިސާލަކަށް މަހާ ޖައްރާފު ގެނައުމުގަ އާއި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ބޯޑުގެ ލަފާ ހޯދީ ފަހުން. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން އެންމެ ފަހުން ކޮށްފައިވަނީ،" ޝާހު ވިދާޅުވި އެވެ.

މާލީ ހާލަތު ރަނގަޅު ކުރުން

ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް މި ފަހުން ވަނީ ދަށްވެފަ އެވެ. އެސްޓީއޯ އަކީ 53 އަހަރުގެ ދިގު ތަޖުރިބާއެއް އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ދަށުން ހިންގާ ބައެއް ސަބްސިޑަރީތަކުން އަސްލު ލިބެން ޖެހޭ ފައިދާ ލިބޭ ގޮތެއް ނުވެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ގޮތުގައި ތެލުގެ ވިޔަފާރިން އެންމެ އެކަށީގެންވާ ނަފާ ނުލިބެނީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތްތަކަށް ތެޔޮ ސަޕްލައި ކޮށްގެން ލިބެންވާ އާމްދަނީ ނުލިބުމުން ކަމަށެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ އެސްޓީއޯ އަށް މިހާރު ވެސް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަރުގެ ބޮޑު އަދަދެއް ނުލިބި އޮތުމުން ކުންފުނީގެ ހަރަދުތައް މެނޭޖުކުރުމަށް އެހެން ގޮތްގޮތުން ފައިސާ ހޯދަން ވަނީ މަޖުބޫރުވެފަ އެވެ. މިކަން ކުރުމަށް ކުންފުންޏަށް ޖެހެނީ ލޯނު ނަގާށެވެ. ލޯނާ އެކު ހަތް ޕަސެންޓް ނުވަތަ އަށް ޕަސެންޓްގެ އިންޓްރެސްޓެއް ދައްކަން ޖެހެ އެވެ.

މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އޭނާ މިސާލު ދެއްކެވީ ކުންފުނީގެ ގިނަ ސަޕްލަޔަރުންނަށް ދަރާފައި އޮތް އޮތުމުންނެވެ. އެހެންކަމުން ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފައިނޭންޝަލް ޓީމާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވެސް ވިދާޅުވީ އެ ކުންފުނީގެ މާލީ ހާލަތު އޮތީ އެކަށީގެންވާ ދަރަޖައެއްގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯގެ މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރު ހިއްސާވާ 20 ކުންފުނީގެ ތެރެއިން އާމްދަނީގެ ކުރިއެރުމެއް ލިބިފައި ވަނީ އެންމެ ނުވަ ކުންފުންޏަށެވެ. އެއް ކުއާޓަރުން އަނެއް ކުއާޓަރަށް މާލީ ކުރިއެރުން ހޯދުން ކުންފުނިތަކަށް މުހިންމެވެ. އަދި ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުން ކުރުމުގައި ޕްރޮޖެކްޓްތަކުގެ ފީޒިބަލް ސްޓަޑީ ހަދައި، ރަނގަޅު ޕްލޭނެއް އެކުލަވާލަން ވެސް ޖެހެ އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، ފުރަތަމަ އިސްލާހު ގެންނަން ޖެހޭ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުން މަޖުބޫރެވެ. އެ މަސައްކަތުގައި ފުރަތަމަ ވެސް އަޅަން ޖެހޭ ފިޔަވަޅަކީ ސިޔާސީ ނުފޫޒުން ކުންފުނިތައް ސަލާމަތްކުރުމެވެ. ޕްރޮފެޝަލްކޮށް އަދި ކޯޕަރޭޓް ގަވާނަންސްއާ އެއްގޮތަށް ހިންގުމެވެ.