Roadha Mihaaru
އިންޑިއާ އިން 60،000 ޓެސްޓް ކިޓް ގެންނަނީ

އިންޑިއާ އިން 60،000 ޓެސްޓް ކިޓް ގެންނަން ރާއްޖެ އަށް ހުއްދަ ދީފި

17 މެއި 2021

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ 60،000 ޕީސީއާރު ޓެސްޓު ކިޓް ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ 60،000 ޕީސީއާރު ޓެސްޓު ކިޓް ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ، ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އެ ގައުމުން ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ބޭނުމަށް އާރްޓީ-ޕީސީއާރް ޓެސްޓް ކިޓްތަކެއް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައި ކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުން ވަނީ ކޮވިޑް ވެކްސިނާއި ޓެސްޓިކް ކިޓާއި އަދިވެސް އެހެން ބައެއެއް ބާވަތްތަކުގެ ބޭސްތައް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.

ރާއްޖެ އަށް ޓެސްޓް ކިޓް އެކްސްޕޯޓް ކުރަން އެ ގައުމުން ހުއްދަ ދިނީ ދިވެހި ސަރުކާރުން އިންޑިއާގައި އެކަމަށް އެދިފައިވާތީ ކަމަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ ރާއްޖެ އަށް ކޮވިޑް ޓެސްޓް ކިޓްތައް ހަދިޔާ ކޮށްފަ އެވެ. އަދި އެ ގައުމުގައި އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒް ވެސް ހަދިޔާ ކޮށްފައި ވެ އެވެ.