Roadha Mihaaru

ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން އަންގައިފި

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އެދިއްޖެ އެވެ.

ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 ޖުލައި 2024

އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އެދިއްޖެ އެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނީ ސިކުނޑިއަށް ޖެހޭ އެ ބައްޔަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން ވެސް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ބްރެއިން އީޓިން އެމީބާ އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަމެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން އިލްތިމާސްކުރި އެވެ.

އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު އެރުން ރައްކާތެރިއެއް ނޫނެވެ. ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިބް ބޭނުންކުރުމަށް ވެސް ކޮންސިއުލޭޓުން އިލްތިމާސްކޮށްފަ އެވެ.