Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މިއީ ބަރީއަވެވެން ނެތް ބޮޑު ކުށެއް!

މިއީ ބަރީއަވެވެން ނެތް ބޮޑު ކުށެއް!

19 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަށް ފަހު ހާމަވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު އެކަންޏެއް ނޫނެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައްޔާއި ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ އިސް ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ހުރި ބައިވަރު މައްސަލަތައް ވެސް ފެންމަތިވެއްޖެ އެވެ. މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގައި ވެސް އެތައް މައްސަލައެކެވެ. އެކަމަކު ދާދިފަހުން ފެންމަތިވީ އެއަށް ވުރެ ބޮޑު ސީރިއަސް ކަމެކެވެ. އެއީ މިފަދަ ހަމަލާއެއްގެ މައުލޫމާތު ކުރިން އެމްއެންޑީއެފަށް ލިބިފައި އޮތް ކަމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަށް ފަހު ހާމަވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު އެކަންޏެއް ނޫނެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައްޔާއި ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ އިސް ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ހުރި ބައިވަރު މައްސަލަތައް ވެސް ފެންމަތިވެއްޖެ އެވެ. މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގައި ވެސް އެތައް މައްސަލައެކެވެ. އެކަމަކު ދާދިފަހުން ފެންމަތިވީ އެއަށް ވުރެ ބޮޑު ސީރިއަސް ކަމެކެވެ. އެއީ މިފަދަ ހަމަލާއެއްގެ މައުލޫމާތު ކުރިން އެމްއެންޑީއެފަށް ލިބިފައި އޮތް ކަމެވެ.

އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏަސް، ފަހުން އާންމުވި މައުލޫމާތުން އެނގޭ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ބަޔަކު ހަމަލާއެއް ދޭން އުޅޭކަން މަޖިލީހުގެ މެމްބަރަކަށް އެނގިވަޑައިގަތުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެކަން އޮތީ ހިއްސާ ކުރައްވައިފަ އެވެ. އެހެންކަމުން އެފަދަ މައުލޫމާތެއް ކުރިން ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ބުނުމަކީ ހަގީގަތާ ޚިލާފް ވާހަކަ އެކެވެ.

އެ މައުލޫމާތު މާރިޔާއާ ހިއްސާ ކުރެއްވީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މާރިޔާ ކުރިން ވިދާޅުވެފައިވާ ގޮތުން އެކަން އޭނާގެ ސަމާލު ކަމަށް ގެނައުމުން ފުލުހުންނަށް އެކަން ރިޕޯޓް ކުރަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތައް ވެސް އެމްއެންޑީއެފުން އެޅި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިލްޔާސް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ ފުލުހުންނާ އެކަން ހިއްސާ ކުރަން އޭނާ ގާތު މާރިޔާ ވިދާޅުވެފައި ނުޥާ ކަމަށެވެ. އިލްޔާސަށް ލިބިވަޑައިގަތީ ކޮން ކަހަލަ ހަމަލާއެއްގެ މައުލޫމާތެއް ކަމެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުންނަށް ނޭންގުމަކީ ބޮޑު ކުށެއް

އިލްޔާސް ދެއްވި މައުލޫމާތާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރި ކަމަށް ބުންޏަސް، އެވަރަކުން ނުފުދެ އެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަން އެނގިއްޖެ ނަމަ، ކަމާބެހޭ އިދާރާތަކަށް އެކަން އަންގަން ގާނޫނީ ގޮތުން ލާޒިމެވެ. އެކަމަކު ފުލުހުން ބުނާގޮތުން ފުލުހުންނަށް އެފަދަ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މާނައަކީ މާރިޔާ އަށް ލިބިވަޑައިގަތް މައުލޫމާތު އެމްއެންޑީއެފް ނުވަތަ ޑިފެންސް މިނިސްޓްރީން ފުލުހުންނަށް ދީފައެއް ނުވެ އެވެ. އެވަރުގެ ބޮޑު ސީރިއަސް ކަމެއްގެ މައުލޫމާތު ލިބުމުން އެކަން ހިއްސާ ކުރަންޖެހޭ މުއައްސަސާތަކާ ހިއްސާ ނުކޮށް ތިބުމަކީ އިިހުމާލެކޭ ބުނެ ފުއްދާލެވޭކަށް ނެތެވެ. މިއީ ގާނޫނީ ގޮތުން ކުށެއް ވެސް މެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާ ބުނާގޮތުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމުގެ އޮނިގަނޑާ އެއްގޮތަށް އެފަދަ މައުލޫމާތެއް ބަދަލު ނުކޮށް ތިބުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް ހިނގައިފި ނަމަ، އެ މައުލޫމާތެއް ހާމަ ނުކޮށް ތިބި ބަޔަކު ކުށްވެރިވާނެ އެވެ. އެ ކުށުގެ އަދަބަކީ ހަތް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ޓެރަރިޒަމްގެ އަމަލެއްގެ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ނާންގާ ތިބެއްޖެ ނަމަ އެއީ ވެސް އެވަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާދިން ތަނުގައި ފުލުހުންގެ ހަރަކާތްތެރިވަނީ  --- ފޮޓޯ/މިިހާރު

ނަޝީދަށް އަމާޒުކޮށް ހަމަލާދިން ތަނުގައި ފުލުހުންގެ ހަރަކާތްތެރިވަނީ --- ފޮޓޯ/މިިހާރު

ޓެރަރިޒަމާ ގުޅުންހުރި އިދާރާތަކުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވަނީ ފުލުހުންނާއި އެމްއެންޑީއެފާއި ކަސްޓަމްސާއި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އެވެ. މައުލޫމާތު ބަދަލުކުރަން ޖެހެނީ ހޯމް މިނިސްޓަރު ކަނޑައަޅާ އޮނިގަނޑެއްގެ ދަށުންނެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ހިންގަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިގޮތުން ބެލިޔަސް، އެމްއެންޑީއެފާއި ޑިފެންސް މިނިސްޓަރުގެ ޒިންމާ ވަރަށް ބޮޑެވެ. ކަމާބެހޭ އިދާރާތަކަށް އެކަން ނާންގައި އޮތް މައްސަލާގައި އެމްއެންޑީއެފް އާއި ޑިފެންސް މިިނިސްޓްރީން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އެމްއެންޑީއެފަށް ޒިންމާއިން ބަރީއަ ނުވެވޭނެ

އެހެންކަމުން ދެން އޮތް ސުވާލަކީ މީގެ ޒިންމާ ނަގަން ޖެހޭނީ ކޮން މުއައްސަސާއަކުން ތޯ އެވެ. މިކަމުގައި އެމްއެންޑީއެފްގެ ޒިންމާ އަންނަނީ ނަޝީދަކީ އެމްއެންޑީއެފްގެ ހާއްސަ ސެކިއުރިޓީއެއް ފޯރުކޮށް ދެމުންދިޔަ ބޭފުޅަކަށް ވާތީއެއް ނޫނެވެ. އެ ޒިންމާ އަންނަނީ މި ހަމަލާގެ ބާވަތުން އެކަން ހުއްޓުވުމުގެ ޒިންމާ ވެސް އޮތީ އެމްއެންޑީއެފަށް ކަމަށް ވާތީ އެވެ.

އާންމު އުސޫލެއްގެ ގޮތުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ އެންމެ ބޮޑު ދައުރެއް ޓެރަރިޒަމްގެ ގާނޫނުން ދީފައި ވަނީ ފުލުހުންނަށް ކަމަށް ވިޔަސް، ހަނގުރާމަވެރި ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކޮށްގެން ދޭން އުޅޭ ހަމަލާތަކުގައި އެކަމެއް ހުއްޓުވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ޒިންމާ އެ ގާނޫނުން ދީފައިވަނީ ހަމައެކަނި އެމްއެންޑީއެފަށެވެ. ގާނޫނުގެ 28 ވަނަ މާއްދާ ބުނާގޮތުން ނުރައްކާތެރި ހަތިޔާރެއް ނުވަތަ ގޮވާ އެއްޗެއް ބޭނުން ކޮށްގެން ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ، އެ ނުރައްކަލެއް ނައްތާލެވެންދެން ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނީ އެމްއެންޑީއެފް އިންނެވެ. އެހެން ނަމަވެސް ކުރިން ވެސް ދެންނެވިހެން އެކަމުގެ މައުލޫމާތު ފުލުހުންނާއި ޓެރަރިޒަމާ ގުޅުންހުރި އެހެން މުއައްސަސާތަކަށް އަންގަން ޖެހޭނެ އެވެ.

އެހެންކަމުން އެމްއެންޑީއެފުން އަމިއްލަ އަށް ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅަކަށް ހަމަލާއެއްގެ ނުރައްކާ އޮތްކަން އެނގި ތިބެ، އެކަން ނުހުއްޓުވި ދިއުމުގެ ޒިންމާ އެމްއެންޑީއެފް ނޫން ބަޔަކަށް އަމާޒު ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. އަދި އެވަރުގެ މައުލޫމާތެއް ލިބުމުން ގާނޫނީ ގޮތުން އަންގަންޖެހޭ އެހެން ފަރާތްތަކަށް އެމްއެންޑީއެފުން ނާންގާ ތިބި ތިބުމަކީ ވެސް ގާނޫނީ ބޮޑު ކުށެކެވެ.

މަޖިލިސް ހިމޭނުން

ނަމަވެސް ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީ ކުރުމުގެ ޒިންމާ އޮތް މަޖިލީހުން އަދިވެސް އެ ތިބީ ހިމޭނުންނެވެ. މި މައްސަލާގައި މާރިޔާގެ އިސްތިއުފާއަށް އިދިކޮޅު ކޯލިޝަނުން ގޮވާލަމުން ދިޔަޔަސް، ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން އެފަދަ ހިލަމެއް ނުވެ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަރުގަދަ ތަހުގީގަކަށް ތައްޔާރު ވަމުން އަޔަސް، މާރިޔާގެ މައްސަލާގައި މަޖިލިސް ވެސް މިހާތަނަށް އޮތީ ހިމޭނުންނެވެ.

މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ނަޝީދަށް ނުރައްކާ އޮތްކަމުގެ މައުލޫމާތެއް ލިބުމަކީ އާ ކަމަކަށް ނުވިޔަސް، މާރިޔާ އަށް އިލްޔާސް ދެއްވި މައުލޫމާތާ ގުޅިގެން މާރިޔާ އާއި އެމްއެންޑީއެފް އިން އަމަލުކުރި ގޮތް ބަލަން ޖެހޭނެ އެވެ. ފުލުހުން ހިންގަމުންދާ ތަހުގީގާއި މަޖިލީހުން ތައްޔާރުވަމުންދާ ތަހުގީގުގައި އެކަންކަން ބެލޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެހެން ނަމަވެސް މިހާރު އާންމުވެފައި ހުރި މައުލޫމާތަށް ބަލާއިރު، ޤާނޫނުގައި ބުނާ ކުށެއް މާރިޔާ ކުރެއްވި ކަމަށް ބެލެވޭ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

"ތަހުގީގު އެއްކޮށް ނިމުނީމަ ނިންމޭނީ ޑިފެންސް މިނިސްޓަރުގެ އިހުމާލެއް އޮތްތޯ ނުވަތަ ނޫންތޯ. މިހާރު އާންމުވެފައި ހުރި މައުލޫމާތަށް ބަލަންޏާ މައުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ނުދިނުމުން ގާނޫނުގައި ބުނާ ކުށެއް މިިނިސްޓަރު ކުރެއްވީ ކަމަށް އެބަ ގަބޫލު ކުރެވޭ. އެހެންވީމަ ތަހުގީގު ނިމެންދެން މިނިސްޓަރު ޒިންމާއިން އެކަހެރިވާން އެބަޖެހޭ." ނަން ނުޖަހަން އެދިވަޑައިގެން ވާހަކަ ދެއްކެވި އެ މެމްބަރު ވިދާޅުވި އެވެ.

ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރިޔަސް، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް ނޭންގުމަކީ ބޮޑު މައްސަލައެއް ކަމަށް އެ މެމްބަރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އަދި ސެކިއުރިޓީ ވަރުގަދަ ކުރި ކަމަށް އެމްއެންޑީއެފް އިން ބުންޏަސް، މިހާތަނަށް ބެލި ބެލުމުން އެފަދަ ފިޔަވަޅެއް އެޅިކަން ފާހަގަ ނުވާ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް ވުރެ އިތުރަށް ދެ ތިން ބޮޑީގާޑުން ތިބޭ. ސެކިއުރިޓީއަށް ބަދަލެއް ގެންނަން އެ ނޫން ކަމެއް ކުރި ކަމަކަށް ފާހަގައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

މުޅި ގައުމު ސިއްސުވާލި ނަޝީދަށް އަމާޒުކުރި ހަމަލާގެ މައްސަލާގައި ވަރަށް ގިނަ ގޮތްގޮތުން އިހުމާލުތަކެއް ފެނިއްޖެ އެވެ. ޖަވާބު ނުލިބޭ ބައިވަރު ސުވާލުތަކެއް ވެސް ފެންމަތިވެއްޖެ އެވެ. އެކަމަކު މައުލޫމާތު ލިބި ތިބެމެ، އެމްއެންޑީއެފް އިން އަންގަންޖެހޭ ފަރާތްތަކަށް ނޭންގުމަކީ އިހުމާލެއް ކަމަށް ބުނެ ފުއްދާލެވޭކަށް ނެތެވެ. އެއީ ބޮޑު ކުށެއް ވެސް މެ އެވެ. އޭގެ ޒިންމާ އެމްއެންޑީއެފް ނުވަތަ އެ މުއައްސަސާގެ ވެރިން އުފުލަން ޖެހޭނެ އެވެ.