Roadha Mihaaru
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ

މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ

11 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ، ވަކި މައްސަލައެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނާގޮތުން ބޮމުގެ ހަމަލާގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދު އަވަހަރާކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކްއަރީ އަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމުން ވަނީ، ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ހިއްސާނުކުރުމުން މާރިޔާ އާއި އިލްޔާސްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އޭގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

އެ ގާނޫނުގައި ބުނާ ގޮތަށް ޓެރަރިޒަމްގެ އަމަލަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ދޭންވާ ފަރާތަކަށް ނުދީ އޮއްވައި އެފަދަ ކަމެއް ހިނގައި މީހަކު މަރުވެއްޖެ ނަމަ އިހުމާލުވި ފަރާތެއް 5-7 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ 3-5 އަހަރަށް ޖަލަށް ލެވޭނެ އެވެ. މީގެ އިތުރުން މުދަލަށް ލިބޭ ގެއްލުމަށް ބަލައި 100،000ރ. އާއި 500،000ރ. އާ ދެމެދުން ޖޫރިމަނާކުރުމާއި އެހެން ހާލަތްތަކުގައި ގިނަވެގެން ހަ މަހަށް ޖަލަށް ލުމަކީ ވެސް ކަނޑައަޅާފައިވާ އަދަބުތަކެވެ.

އެ ހަމަލާދިނުމުގެ ކުރިން އިލްޔާސް ވަނީ މާރިޔާއާ ގުޅުއްވައި ނަޝީދަށް ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމުގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ. އެ ވާހަކަ، އިލްޔާސް ގާތުގައި ވިދާޅުވީ އޭނާގެ ރައްޓެއްސެކެވެ. ނަމަވެސް މާރިޔާ އެކަން ފުލުހުންނާއި ސިފައިންނަށް ހިއްސާކޮށްފައި ނުވެ އެވެ.

އިންކުއަރީ ރިޕޯޓުގައި ވެސް ބުނީ އެއީ އެ ހާލަތުގައި މާރިޔާ އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރެއްވި ނަމަ ނަޝީދަށް އިތުރު ރައްކާތެރިކަން ދިނުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށް ރިޕޯޓުގައި ވެ އެވެ.

"މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މެމްބަރު އިލްޔާސް ލަބީބު ހިއްސާކުރެއްވި މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތް ނަމަ، ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދިނުން، މިޓިގޭޓްކުރުމަށް ޑިސްރަޕްޓިވް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑުވީސްކަމަށް، މި އިންކްއަރީއަށް ގަބޫލުކުރެވެ އެވެ،" ރިޕޯޓްގައި ބުނެފައި ވެ އެވެ.