Roadha Mihaaru
ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ

ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ: އެމްއެމްއޭ

19 ނޮވެމްބަރ 2016

މި ބޮޑު ޗުއްޓީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ރަށްރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކުން ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ވިއްކަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މި ބޮޑު ޗުއްޓީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ރަށްރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކުން ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ވިއްކަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

މިހާރު ބޭންކުތަކުން ދަތުރުވެރިންނަށް ވިއްކާ ޑޮލަރު، މާދަމާ އިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން އެމްއެމްއޭ އިން އެކަނި ވިއްކާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަން މިއަދު އިއުލާން ކުރިއިރު، ރަށްރަށުގެ ބްރާންޗުތަކުން މިހާރު ވެސް ވިއްކަމުން އަންނަ ޑޮލަރަށް ހަދާނެ ގޮތަކާ މެދު އެމްއެމްއޭ އިން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު، ފަހުން ނެރުނު ބަޔާނެއްގައި އެމްއެމްއޭ އިން ބުނީ ސްކޫލު ބަންދުގެ ތެރޭގައި އެތަނުން އެކަނި ޑޮލަރު ވިއްކިޔަސް، ރަށްރަށުގައި ހުރި ބީއެމްއެލްގެ ބްރާންޗުތަކުން ކުރިއެކޭ ވެސް އެއްގޮތަށް ދަތުރުވެރިންނަށް ޑޮލަރު ވިއްކާނެ ކަމަށެވެ.

އެމްއެމްއޭ އިން ޑޮލަރު ވިއްކުން:

- ވިއްކާނީ މާދަމާ އިން ފެށިގެން ޖެނުއަރީ ހަތެއްގެ ނިޔަލަށް.

- ކޮންމެ ދުވަހަކު ވެސް ވިއްކާނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަނި

- ޓިކެޓަކަށް 500 ޑޮލަރު

- ގިނަ މީހުންގެ ގްރޫޕެއް ނަމަ ދަތުރުކުރާ އެކަކަށް އެންމެންގެ ޓިކެޓު ހިފައިގެން ދެވޭނެ (އެކަކަށް ގިނަވަގެން ފަސް ޕާސްޕޯޓް)

- ޕާސްޕޯޓާއި ޓިކެޓު ޗެކުކުރުން: ހެނދުނު 9 އިން އިރުއޮއްސި 6 އަށް

- ޑޮލަރު ވިއްކުން: ހަވީރު 4 އިން ފެށިގެން (ސްލިޕުގައިވާ ގަޑިއަކަށް)

- އިރުއޮއްސި 6 ގެ ކުރިން ޓިކެޓާއި ޕާސްޕޯޓު ހުށަހަޅާ ނަމަ، އެ ދުވަހަކު ޑޮލަރު ލިބޭނެ

މީގެ އިތުރުން، ސްކޫލު ބަންދު ނިމުމުން، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން އެކަނި ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާފައި ވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް ހިމެނޭ ކަމަށް ވެސް އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ހަތަރު އިންޓަނޭޝަނަލް އެއާޕޯޓެއް އެބައޮތެވެ. އެއީ މައި އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ އިތުރުން، އައްޑޫ ގަން އެއާޕޯޓާއި ހދ. ހަނިމާދޫ އެއާޕޯޓް އަދި އދ. މާމިގިލީ އެއާޕޯޓެވެ. އެކަމަކު، އިންޓަނޭޝަނަލް ފްލައިޓުތައް މިހާރު އޮޕަރޭޓު ކުރަނީ އައިއެންއައިއޭ އަށް އެކަންޏެވެ. ގަން އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭ އިން ބުނީ ފުރާ މީހުންނަށް ދަތި ނުވާ ގޮތަށް ޑޮލަރު ފަސޭހަކަމާ އެކު އަދި އަވަހަށް ލިބޭނެ އިންތިޒާމު އެއާޕޯޓުގައި ހަމަޖެއްސުމުގެ މަސައްކަތް ބީއެމްއެލް އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލު އެ ބޭންކުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ސްކޫލު ބަންދު ފެށިފައި ވާއިރު، ޑޮލަރު ލިބުން ތާށިވެ، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބީއެމްއެލްގެ ބްރާންޗު ދޮށުގައި ދިގު ކިއޫ އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އަދި ދަތުރު ނުކުރާ އެތައް ބަޔަކު ހެނދުނުއްސުރެ ކިއޫ އަށް ވަދެ، ނަންބަރު ލިބުމުން ބޮޑު އަގުގައި އެ ނަންބަރު ވިއްކުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.