Roadha Mihaaru
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ

ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކަން: ބީއެމްއެލް

09 ފެބުރުއަރީ 2017

އެވްރެޖުކޮށް ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އެވްރެޖުކޮށް ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދަތުރުވެރިިންނަށް ޑޮލަރު ދޫކުރަން ފެށިތާ މަހެއް ވުމާ ގުޅިގެން ބީއެމްއެލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަސްދުވަހުގެ ތެރޭގައި 7،000 ދަތުރުވެރިއަކަށް ޖުމްލަ 3.4 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެއީ އެވްރެޖުކޮށް ދުވާލަކު 200 މީހުންކަން އެ ބޭންކުން ފާހަގަކުރި އެވެ.

އެއާޕޯޓުން ޑޮލަރު ދޫކުރަން ފެށުމުން ލިބޭ އެންމެ ބޮޑު ފައިދާ އަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ދަތުރުވެރިންނަށް ހާއްސަކޮށް ވިއްކާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރުން އެއްކޮށްހެން ހުއްޓި، މި ގޮތަށް ދޫކުރާ ޑޮލަރު ލިބެނީ އަސްލު ދަތުރުވެރިންނަށްކަން ކަށަވަރު ކުރެވުމެވެ. އަދި ޑޮލަރު ގަންނަން ބޭންކުތަކުގެ ބޭރުގައި ކިޔޫ ހަދައިގެން ތިބެން ޖެހުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"... ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އަވަހަށް އެއާޕޯޓުން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ އެވެ،" ބަޔާނުގައިވެ އެވެ.

އެއާޕޯޓުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު ކައުންޓަރުން ބަޔަކު ޑޮލަރު ގަންނަނީ.-- ފޮޓޯ: ބީއެމްއެލް

އެއާޕޯޓުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު ކައުންޓަރުން ބަޔަކު ޑޮލަރު ގަންނަނީ.-- ފޮޓޯ: ބީއެމްއެލް

ޑޮލަރު ގަންނަން ބޭނުންވާ ދަތުރުވެރިން މިހާރު އޮންލައިންކޮށް ބުކިން ހެއްދުމަށް ފަހު، ފައިސާ ދެއްކޭނީ ބީއެމްއެލްގެ ވެބްސައިޓަށް ވަދެ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. މި ޕޯޓަލަށް ވަނުމަށް ފަހު، ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖަހައި، ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެދުނީ އެވެ. އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިން ވުމަށް ފަހު، ޑިޕާޗާ ޓާމިނަލްގެ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެ އެވެ.

އެކަމަކު، މި ނިޒާމުގެ ދަށުން ވެސް ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ، ކުރިން ވެސް އޮންނަ ގޮތަށް 500 ޑޮލަރެވެ. އަދި ބުކިން ހައްދާއިރު، އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ހަމަ ފަސް މީހުންނެވެ.

ބީއެމްއެލް މެދުވެރިކޮށް މިދިޔަ މަހުގެ 8 ގައި އެއާޕޯޓުން ޑޮލަރު ވިއްކަން ފެށުމުގެ ކުރިން، މިދިޔަ ބޮޑު ޗުއްޓީގެ ތެރޭގައި ދަތުރުވެރިންނަށް ޑޮލަރު ވިއްކީ ސީދާ މަރުކަޒީ ބޭންކުންނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.