Roadha Mihaaru
ނަޝީދު ދިރިއުޅުއްވަން ކެނެރީގެ ނުރައްކާކަން އެންގި!

ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!

28 މެއި 2021

ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގިކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގިކަން "މިހާރު" އަށް ޔަގީންވެއްޖެ އެވެ.

ރާއްޖޭގައި އެއްޗެއް ގޮއްވާލައިގެން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ގޮއްވައިލި ބޮމާ އެކު، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން ނަމަ އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނަޝީދަށް އަމާޒުކޮށްފައިވާ ބޮން ގޮއްވައިލީ ސެކިއުރިޓީއާ އެކު ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ ހަމައަށް ވަޑައިގެންނެވުނުތަނާ އެ ގޯޅި ކަންމަތިންނެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި، ނަން ހާމަކުރަން އެދިވަޑައިނުގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގައިފައި މި ވަނީ، މިފަދަ ހަމަލާއެއް ދިނުމަކީ ގާތް ކަމެއްކަމަށް އެމްއެންޑީއެފްގެ އިސް ބޭފުޅުން ނަޝީދަށް ތަކުރާރުކޮށް ދަންނަވައިފައި އޮއްވަ އެވެ.

މ. ޔާގޫތުގެއިން އެ މަނިކުފާނު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ބަދަލުވެ ވަޑައިގަންނަވާތީ ސިފައިން ވަނީ ކެނެރީގޭގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައިފަ އެވެ. އެ އެސެސްމަންޓްގައި ހުރި ކަންބޮޑުވުންތަކާ އެކު، މިދިޔަ އަހަރުގެ އޮކްޓޫބަރު 11 ގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެސްޕީޖީގެ ހެޑް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަޑައިގެން ނަޝީދާ ބައްދަލު ކުރެއްވި އެވެ.

މިނިސްޓަރު މާރިޔާ، ރައީސް ނަޝީދަށް، އޮކްޓޫބަރު 11، 2020ގައި ބްރީފިން ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު މާރިޔާ، ރައީސް ނަޝީދަށް، އޮކްޓޫބަރު 11، 2020ގައި ބްރީފިން ދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އެބޭފުޅުން ވިދާޅުވި ކެނެރީގެ އަށް ބަދަލުވެ ވަޑައިގަތުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނޭ. ޔާގޫތުގޭގައި ވިއްޔާ ކާރު ގޮސް ކެމެރާ ކުރިމައްޗަށް ހުއްޓާލެވެއޭ. އެކަމަކު ކެނެރީގޭގައި ވަރަށް ގިނަ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ، އެ ގޭގައި ސެކިއުރިޓީ ދެވުމަކީ އިމްޕޮސިބަލް ކަމެއް ކަމަށް މިނިސްޓަރު ވެސް ދެންނެވި،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޮކްޓޫބަރު 29، 2020 ގައި ނަޝީދު ކެނެރީގެ އަށް ބަދަލުވެ ވަޑައިގަތެވެ.

ކެނެރީގެ ހުރީ ވީއައިޕީ ބޭފުޅަކު އުޅޭ ގޮތަކަށް ނޫން!

ސިފައިން ހެދި އެސެސްމެންޓް ބުނާ ގޮތުން ކެނެރީގެ އަކީ ވީއައިޕީ ބޭފުޅަކު ދިރިއުޅުއްވަން އެއްވެސް ގޮތަކަށް އެކަށީގެންވާ ތަނެއް ނޫނެވެ. އޭގައި ފާހަގަކޮށްފައިވާ ދެ ބައެއް އޮތެވެ. އެއް ބަޔަކީ ގޭތެރެ އޮތް ގޮތެވެ. އަނެއް ކަމަކީ އެ ގެ ހުރި ގޯޅިގަނޑު ނުވަތަ ނީލޯފަރުހިނގުމުގައި ހުރި މައްސަލަތަކެވެ.

"އެ ބޭފުޅުން މީޓިންގައި ނަޝީދަށް ދެންނެވި މަނިކުފާނު އެއްގޮތަކަށް ވެސް ބަދަލުވެ ވަޑައިގަންނަވަން ރަނގަޅު ތަނެއް ނޫނޭ އެއީ. ގޯޅި ތެރޭގައި ވެސް ކުއްޔަށް ވެސް އެތައް ބަޔަކު އެބައުޅެއޭ. ގޮތް ނޭނގޭ ބަޔަކު ވެސް އެބަ އުޅެއޭ އެތާނގައި،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި ގޮތުގައި، ކެނެރީގެ ވަށައިގެން އުސް އިމާރާތްތައް ހުރި އިރު، ބައެއް ގެތަކުގެ ކުޑަ ދޮރު ވެސް ކަނޑާފައި ހުރީ ކެނެރީގެ އެތެރެ ރީތިކޮށް ފެންނަ ގޮތަށެވެ. އަދި ބައެއް ގެތަކުން "ސިމެންތި ބަސްތާއެއް ކަހަލަ އެއްޗެއް ވައްޓާލިޔަސް ދުވަސް ދިޔައީ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ވެސްް އޯޕަންކޮށް އޮތް ގެއެއް އެއީ. އަނެއްކާ ނަޝީދަށް ދެންނެވި ގޭތެރޭގެ ހަރަކާތްތައް ވެސް ހަމަ ރީތިކޮށް އެބަ ފެނެއޭ. ގޭގެ ފަހަތުން ވެސް ގޭތެރެއަށް ވަދެވޭ ގޮތަށް އެ ގެ އޮތީ،" އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ގެ ހަދާފައި ހުރި ގޮތުން، އެސެސްމެންޓްގައި ބުނާ ގޮތުން ފާރުތައް ވެސް ހުރީ ޕާޓިޝަން ކަހަލަ އެއްޗެހި ތައްްޔާރުކުރާ ކަހަލަ މެޓީރިއަލަކުން ހަދައިފަ އެވެ.

"އެހެންވެ ދެންނެވި މަނިކުފާނުގެ ކޮޓަރިކޮޅު ވެސް ހުރީ ކޯރާޑިއަކުން ކަހަލަ އެއްޗަކުންް ޖަހައި ހަލާކު ވެސް ކޮށްލެވޭ ކަހަލަ ގޮތަކަށޭ،" އޭނާ ވިދާޅުވި އެވެ.

ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން: މި މަގުގައި ސައިކަލް ޕާކުކުރުން މިހާރު މަނާ

ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން: މި މަގުގައި ސައިކަލް ޕާކުކުރުން މިހާރު މަނާ

ނީލޯފަރު ހިނގުން ހަނިކަމުން އެ ގޯޅީގައި ސެކިއުރިޓީ ދިނުމަކީ ވެސް އެމްއެންޑީއެފަށް ކުރިމަތިވާނެ ވަރަށް ބޮޑު ހުރަހެއް ކަމަށް ނަޝީދަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ގޭތެރޭގައި ކެމެރާ ހަރުކޮށްފައި ހުއްޓަސް، މަގުގެ އެއްފަޅީގައި ސައިކަލް ޕާކުކޮށްފައި ހުރުމުން އެއީ ކާރަށް ވަދެވޭ ގޯޅިއަކަށް ނުވާތީ ވަރަށް ދުރަށް ހިންގަވާފައި ކާރުކޮޅަށް އަރާވަޑައިގަންނަވަން ޖެހުން ވެސް މައްސަލައެއްގެ ގޮތުގައި އޮތީ ފާހަގަކޮށްފަ އެވެ.

"އެ ހުރިހާ ސައިކަލެއް ނުބެލެހެއްޓޭނެއޭ، އެއީ ވާވަރުގެ ކަމެއް ނޫނޭ ވެސް ދެންނެވި،" އޭނާ ވިދާޅުވި އެވެ.

"ވީއައިޕީ ފެންވަރަށް ހިދުމަތް ދޭ ފޯމޭޝަންތަކަކަށް އެ ގޯޅި އެއްވެސް ވަރަކަށް ނުފެތެއޭ ދެންނެވި."

އެކަމަކު، އެކަމަށް ފަރުވާލެއް ނުބަހައްޓަވައި، އެ ބްރީފިން ދެއްވިތާ 18 ދުވަސް ފަހުން ނަޝީދު ކެނެރީގެ އަށް ބަދަލުވެ ވަޑައިގެންނެވި އެވެ.

ސެކިއުރިޓީ އަށް ވިސްނަވާ ބޭފުޅެއް ނޫން!

ރައީސް ކަމުގައި ހުންނެވި އިރު ވެސް ނަޝީދަކީ، ބައެއް ފަހަރު ސެކިއުރިޓީ އަށް އެހާ ސަމާލުކަން ދެއްވި ބޭފުޅެއް ނޫނެވެ. އޭގެ ބައެއް ފާހަގަކޮށްލެވޭ ކަންކަން އޭނާ ވިދާޅުވެދެއްވި އެވެ. އަދި އޭގެ ފަހުން ކެނެރީގެ އަށް ވަޑައިގެންނެވި ފަހުން ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުން، ސެކިއުރިޓީ ބަލަހައްޓާ ބައެއް ސިފައިން އެ މީހުންގެ ކޮމާންޑަރަށް ޝަކުވާ ވެސް ގެންގޮސްފައި އެބަހުއްޓެވެ.

"ރައީސް ނަޝީދު ހިތްޕުޅު ހަމައެއްނުޖެހޭ އެ މަނިކުފާނާ ބައްދަލު ކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ޗެކްކޮށް ހަދާކަށް ވެސް. އެހެންވީމަ ކޮންމެ ބަޔަކު ވެސް ވަންނަނީ. ފާޑުފާޑުގެ މީސްމީހުން ވެސް ވަންނަނީ،" އޭނާ ވިދާޅުވި އެވެ.

"ތިމަންނަމެންގެ ބޭރުގައި ތިބޭ ކުދިންނަކަށް އަމުރެއް ނޯވެއޭ އެއީ ކޮން ބައެއް ކީއްކުރަން އަންނަ ބައެއްކަން ވެސް އަހާކަށް. އެހެން ކިޔާފައި ކޮމާންޑަރުން އެބަހުރި ސިފައިންގެ އެންމެ މަތީގެ ބޭފުޅުންނާ ހަމައަށް ވާހަކަތައް ހިއްސާކޮށްފައި."

ގެއިން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަތުމަށް ނަޝީދު ވަޑައިގަންނަވަނީ. ހަމަލާ އަމާޒުވީ ކާރާ ހަމަވިތަނާ.-

ގެއިން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަތުމަށް ނަޝީދު ވަޑައިގަންނަވަނީ. ހަމަލާ އަމާޒުވީ ކާރާ ހަމަވިތަނާ.-

އޭނާ ވިދާޅުވި ގޮތުގައި، ނަޝީދަކީ މަޝްހޫރު އަދި އާންމުންނާ ވެސް ހަމަ ކުއްލިކުއްލި އަށް ވަރަށް ކައިރިއަށް ވަޑައިގަންނަވާ ބޭފުޅަކަށް ވާތީ އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ، ހަގީގަތުގައި ވެސް "އެމްއެންޑީއެފަށް ދިމާވި ގޮންޖެހުންތަކެއް" ކަމަށެވެ.

"ބައެއް ފަހަރު ބޮޑީގާޑުން މީހަކު އެއްފަރާތް ކޮށްލިޔަސް ވިދާޅުވާނެ ތިހެން ނުހައްދަވާށޭ. ތިހެން ނުހައްދަވާށޭ،" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ފާރަލާކަން އެނގި ސެކިއުރިޓީ ލެވެލް ކްރިޓިކަލްވުން

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންނެވުމާ އެކު ބޭނުންފުޅު ކުރެއްވީ މަޖިލީހުގެ ކާރުކޮޅާއި މަޖިލީހުގެ ޑްރައިވަރެވެ. އެކަމަކު، އެއީ އެ މަނިކުފާނުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ކުރީގެ ރައީސެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ކާރާއި ޑްރައިވަރު ހަމަޖައްސައިދީފަ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އިންޓެލިޖަންސަށް ލިބުނު ރިޕޯޓަކާ އެކު، އެ މަނިކުފާނުގެ ސެކިއުރިޓީ ލެވެލް ވަނީ ދެ ދަރަޖަ މައްޗަށް، ނުވަތަ ކްރިޓިކަލް ލެވެލް އަށް ޖައްސައިފަ އެވެ. އަދި އެ މަނިކުފާނުގެ ސަލާމަތީ ކަންތައްތަކާ މެދު އިތުރު މަޝްވަރާއަކަށް ސިފައިންގެ އެންމެ އިސް ތިން ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް، ނަޝީދާ ބައްދަލުކުރައްވަން ވަޑައިގަތެވެ. މިދިޔަ މާޗް 11 ވަނަ ދުވަހު އޮތް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި އިންޓެލިޖެންސްގެ ހެޑް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އެ ބައްދަލުވުމުގައި ވެސް އެ ބޭފުޅުން ދެއްކެވިި މައިގަނޑު އެއް ވާހަކައަކީ ކެނެރީގޭގައި އުޅުއްވުމުން ދިމާވާ މައްސަލަތަކެކެވެ. އޭގެ އިތުރުން، އެ މަނިކުފާނަށް ބަޔަކު ފާރަލަމުން ގެންދާ ކަމާއި ކޮންމެ ވަގުތަކު، ކޮންމެ ފަދަ ގޮތަކަށް ވެސް ހަމަލާއެއް ދީފާނެތީ ނަޝީދަށް ދެން ކަންކަން ކުރައްވަންވީ ގޮތުގެ ބްރީފިންއެއް ވެސް ދެއްވި އެވެ.

"އެއީ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު. އެ ބޭފުޅުން ވިދާޅުވި ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވާއިރު ވެސް ވިސްނަވަން،" ގޭގެއަށް ވަޑައިގެން އުޅުއްވާއިރު ކަން ކުރައްވަންވީ ގޮތް ވެސް ނަޝީދަށް ދެންނެވި ކަމަށާއި އެކަމަކު އެ ކަންކަމަށް ވެސް ނަޝީދު ސަމާލުކަން ދެއްވިތަން ނުފެންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު، ނަޝީދުގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ރަށްރަށަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަދި އެހެން ތަންތަނަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެ ތަނެއް އެޑްވާންސްކޮށް ބަލައި ފާސްކުރަން ފެށި އެވެ. އިންޓެލިޖެންސް ވަރުގަދަކޮށް، އެމްއެންޑީއެފްގައި ހުރި އެހެން ވަސީލަތްތައް ވެސް ބޭނުންކުރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، ހާލަތަށް ބަލައި ޖޭމަރު ބޭނުން ކުރުމާއި ހަތިޔާރު އެޅި ސިފައިން އެ މަނިކުފާނާ އެކު ހަރަކާތްތެރިވާ ގޮތް ހަމަޖެއްސިކަން އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ރައީސް ނަޝީދު ހޮޓަލެއްގައި ބަޔަކާ އެކު ސައި ބައްލަވަނީ

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ރައީސް ނަޝީދު ހޮޓަލެއްގައި ބަޔަކާ އެކު ސައި ބައްލަވަނީ

"އެކަމަަކު އެހެން އޮއްވައި ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ހޮޓާތަކަށް ވަޑައިގަންނަވާ ތަނާއި ސައިކަލް ފަހަތުގައި ދުއްވާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ސެކިއުރިޓީގެ މައްސަލަތަކުގައި ވާހަކަ ދެއްކުމުން ނަޝީދު އެކަން ބައެއް ފަހަރު ސަމާސާ ގޮތަކަށް ނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަލާ ދިނުމުގެ ދެރެއެއް ވަރު ކުރިން ހިނގި ކަމެއް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

"އެމަނިކުފާނު ވަޑައިގަތީ ބޭފުޅަކާ ބައްދަލުކުރައްވަން. އެގޭ ކައިރީގައި ސިފައިން ތިއްބާ ދެން އަޅުގަނޑުމެންނަށް ފެނުނީ ކުއްލިއަކަށް ޓްވީޓް ކުރެއްވި ތަން ތިމަން މަނިކުފާނު މި އިންނެވީ ވުޑްބެރީގައޭ ވިދާޅުވެފައި. އެއީ މުޅިން އެހެން ހިސާބެއް. ސިފައިންނަށް ކުރިން އެނގިގެން ވީކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.

ހަމަލާ ދިނީ ނަޝީދު އުޅުއްވާނެ ތަނެއް ހޯދަމުން ދަނިކޮށް

ކެނެރީގޭގައި ރައީސް ނަޝީދަށް އެކަށީގެންވާ ގޮތަކަށް ސެކިއުރިޓީ ނުދެވޭތީ އެ މަނިކުފާނު ދިރިއުޅުއްވާނެ ތަނެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

"އޭގެ އިތުރުން ހުޅުމާލޭގެ ބައެއް ރޯހައުސްތައް ވެސް ދިޔައީ ބަލަމުން. މީގެ އިތުރުން ކުރީގެ ނައިބު ރައީސް ދިރިއުޅުއްވި ރެހެންދި ފްލެޓާއި މުރައިދޫގެ ވެސް ބެލި. މި ހަމަލާ މި ދިނީ އެ މަނިކުފާނަށް ތަނެއް ހޯދުމުގެ މަސައްކަތްް ކުރަމުން ދަނިކޮށް،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގުމުގެ ކުރިން، ނަޝީދަށް ހާއްސަކޮށް އެހެން އިންތިޒާމެއް ވެސް އެމްއެންޑީއެފުން ހަމަޖައްސައިދިނެވެ.

"އެމަނިކުފާނަށް ދެންނެވި މަނިކުފާނަށް ފަސޭހަފުޅު ވާނެއޭ ވަޑައިގަންނަވާ ކޮންމެ ތަނެއް ސީދާ ވައިސް ޗީފަށް އަންގަވާލަދެއްވާށޭ. އޭރުން ސެކިއުރިޓީގެ ކަންކަން އިތުރަށް ރަނގަޅުވާނެއޭ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ ދިން ހަމަލާއަކީ ކިތަންމެހާ ވެސް ހިތާމަވެރި ހަމަލާއެއް ކަމަށެވެ. އަދި ކަން ކޮންމެ ގޮތަކަށް އޮތަސް، މި ހަމަލާ އިން އެމްއެންޑީއެފަށް ދިފާއުވެވެން ނެތް ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

އިތުރު ފަރުވާ އަށް ނަޝީދު ޖަރުމަނުވިލާތަށް ވަޑައިގަތުމަށް، ސިފައިންގެ ސެކިއުރިޓީގައި އެއާޕޯޓަށް ގެންދަނީ: މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިވަރުގެ ސެކިއުރިޓީއެއް ދިން ފުރަތަމަ ފަހަރު -- ފައިލް ފޮޓޯ: މިހާރު

އިތުރު ފަރުވާ އަށް ނަޝީދު ޖަރުމަނުވިލާތަށް ވަޑައިގަތުމަށް، ސިފައިންގެ ސެކިއުރިޓީގައި އެއާޕޯޓަށް ގެންދަނީ: މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިވަރުގެ ސެކިއުރިޓީއެއް ދިން ފުރަތަމަ ފަހަރު -- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑު ވެސް ގަބޫލުކުރަން އެބަހުރި މިސްޓޭކްތަކެއް ހެދިފައި. ދިފާއު ވުމެއް ވެސް ނޫން މީގައި މުހިންމީ. އިރާދަކުރެއްވީތީ ޒަހަމްތަކަކަށް ފަހު އެ މަނިކުފާނުގެ އަންނަނީ ރަނގަޅުވަމުން. ދެން އޮތް ތާނގައި މިކަހަލަ ކަމެއް ނުހިނގާނެ ގޮތަކަށް ކަންކަން ރޭވުން ދެން މުހިންމީ،" އޭނާ ވިދާޅުވި އެވެ.

ނަަޝީދު އެނބުރި ވަޑައިގެން، ކެނެރީގޭގައި ދެން ދިރިއުޅުއްވިދާނެތޯ، އެހުމުން އޭނާ ވަގުތުން ދެ ފަރާތަށް ބޯހޫރާލެއްވި އެވެ.

"އެމްއެންޑީއެފުން ދެން އެ ފުރުސަތެއް ނުދޭނެ. މިހާރު ވެސް ހަގީގަތުގައި އޮތް ފުރުސަތެއް ނޫން އެއީ. އެކަމަކު އެ މަނިކުފާނު ދިރިއުޅުއްވީ. ދެން އެހެނެއް ނުވާނެ."