Roadha Mihaaru
ނަޝީދަކީ އެންމެ ހައި ރިސްކް ބޭފުޅާ: ޝަމާލް

ނަޝީދަކީ އެންމެ ހައި ރިސްކު ބޭފުޅާ، އެ މަނިކުފާނަށް އަންނަ އިންޒާރުތަކުގެ މައުލޫމާތު އަބަދު ލިބޭ: ޝަމާލް

08 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެންމެ ހައި ރިސްކު ބޭފުޅާ ކަމަށާއި އެ މަނިކުފާނަށް އަންނަ އިންޒާރުތަކުގެ މައުލޫމާތު އަބަދު ލިބޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އެންމެ ހައި ރިސްކު ބޭފުޅާ ކަމަށާއި އެ މަނިކުފާނަށް އަންނަ އިންޒާރުތަކުގެ މައުލޫމާތު އަބަދު ލިބޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް، އެ މަނިކުފާގެ ގެކޮޅު ކައިރިން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، ނަޝީދަކީ ހައި ރިސްކް ބޭފުޅެއް ކަމުން، ލިބޭ އިންޒާރުތަކަށް ބަލައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ސެކިއުރިޓީ "އެންހޭސް ޕްލޭނެއް" ގެ ދަށުން އެ މަނިކުފާނުގެ ސެކިއުރިޓީ ރަނގަޅު ކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެމްއެންޑީއެފުން ނަޝީދަށް ދެނީ ކުރީގެ ރައީސެއް ނުވަތަ ދައުލަތުގެ އެހެން ބާރެއްގެ އިސްވެރިއަކަށް ދޭ ސެކިއުރިޓީ އަށް ވުރެ މަތީ ދަރަޖައެއްގެ ސެކިއުރިޓީ އެކެވެ. އެގޮތުން ސީޕީ ޓީމުން [ސްޕެޝަލް ޕްރޮޓެކްޝަން ޓީމް] ނަޝީދާއެކު ލީތަލް ވެޕަން ހިފައިގެން އަބަދުވެސް ހަރަކާތްތެރިވަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

"ސީޕީ ޓީމުގެ ކެޕޭސިޓީ ވަރުގަދަކޮށް، އަދަދުތައް ގިނަކޮށް، ސީޕީ ޓީމު ވަނީ ހަނގުރާމަވެރި ހަތިޔާރާ އެކީ، މި ދެންނެވީ ލީތަލް ވެޕަންއާ އެކީގަ އަބަދުވެސް ރައީސް ނަޝީދާއެކީގައި އެ މީހުން ހަރަކާތްތެރިވަމުން އެ އަންނަނީ. އަދި އެ މަނިކުފާނު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމުތައް ފޮނުވުމާއި ކުރަންޖެހޭ ސްކްރީންތައްކޮށް ގޮވާ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާކޮށް، ފޮނުވާ އެޑްވާންސް ޓީމުތަކުން ދަނީ އެސެސް ކުރަމުން،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:27 ހާއިރު ނަޝީދަށް ހަމާލާ އަމާޒުވީ އެ މަނިކުފާނު ރަށުން ބޭރަށް ވަޑައިގަންނަވަން ކާރުކޮޅަށް އަރުއްވަން ވަޑައިގެންނެވި ވަގުތެއްގަ އެވެ. ނަޝީދު ފުރާ ވަޑައިގަންނަވާ ފާލަން ކައިރި އަށާއި އެ ރަށަށް ވެސް ސިފައިންގެ އެޑްވާސް ޓީމު ފޮނުވާފައިވާނެ ކަމަށް ޗީފް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝަމާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"ސެކިއުރިޓީ ފަށަލަތަކެއް ގާއިމުކުރެވިގެން އެ މަނިކުފާނަށް ސެކިއުރިޓީ ދެވެމުން ގެންދެވެނީ. ސީޕީ ޓީމުގެ ސެކިއުރިޓީ ވަރުގަދަކޮށް، އަދި ހަމަ އެއާ އެކީގައި 24 ގަޑިއިރު އެ މަނިކުފާނުގެ ގޭގައި ސެކިއުރިޓީ މީހުން ބަލަމުން ގެންދެވޭނެ ނިޒާމެއް ވެސް ގާއިމުކުރެވިފައި ވަނީ،" ޝަމާލް ވިދާޅުވި އެވެ.

އެއްޗެއް ގޮއްވާލައި ނަޝީދަށް އިއްޔެ ރޭ ހަމަލާ އަމާޒުކޮށްފައި ވަނީ އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކެނެރީގެ ހުންނަ ގޯޅިން މަޖީދީ މަގާ ވީ ކޮޅުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެގޮތުން ގޮއްވާލީ ކާރު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެންނެވެ.

ޝަމާލް ވިދާޅުވީ، ނަޝީދުގެ ގެކޮޅު ހުންނަ ހަނި ގޯޅިގަނޑުގައި ސައިކަލުތައް ޕާކުކޮށްފައި ހުންނާތީ ސެކިއުރިޓީ ދޭން ދަތިވެގެން އެ ގޯޅިގައި ޕާކުކުރުން ހުއްޓުވުމަށް އޮތީ ކަމާ ބެހޭ ފަރާތްތަކުގައި ވެސް އެދިފަ އެވެ.

ސައިކަލުގައި ހަރުކޮށްފައި އޮތް އީއައިޑީ ގޮވިތާ ގާތްގަނޑަކަށް ހަ ވަރަކަށް މިނެޓްގެ ތެރޭގައި އެ މަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ސެކިއުރިޓީ ފަށަލަތަކެއް ގާއިމުކުރެވިގެން އެ މަނިކުފާނަށް ސެކިއުރިޓީ ދެވެމުން ގެންދެވެނީ. ސީޕީ ޓީމުގެ ސެކިއުރިޓީ ވަރުގަދަކޮށް، އަދި ހަމަ އެއާ އެކީގައި 24 ގަޑިއިރު އެ މަނިކުފާނުގެ ގޭގައި ސެކިއުރިޓީ މީހުން ބަލަމުން ގެންދެވޭނެ ނިޒާމެއް ވެސް ގާއިމުކުރެވިފައި ވަނީ،"--- ޝަމާލް

ޝަމާލް ވިދާޅުވީ، ގޮއްވައިލި އީއައިޑީއަކީ 2007 ގައި ޓޫރިސްޓުންނަށް އަމާޒުކޮށް، މާލޭގެ ސަލްޓަން ޕާކުގައި ގޮއްވާލި އީއައިޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެއްޗެއް ކަމަށެވެ.

އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުރި 16 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަންތަކަށް ފަހު، އެ މަނިކުފާނު މިހާރު އޮތީ އައިސީޔޫގަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާގެ މައުލޫމާތު ކުރިން ފުލުހުންގެ އިންޓެލްއަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ނަޝީދަށް ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ފަދަ އަމަލުތަކެއް ހުރި ހަތަރު މީހަކު ފާހަގަވެފައިވާ ކަމަށާއި އެ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.