Roadha Mihaaru
ސާލިމް-ޖާވިދަށް ޑޮކިއުމަންޓަރީއެއް

ސާލިމް-ޖާވިދަށް ޑޮކިއުމަންޓަރީއެއް

30 މެއި 2021

ހިންދީ ސިނަމާގައި އެންމެ ކާމިޔާބު ސްކްރީން ރައިޓަރުންގެ ގޮތުގައި ފާހަގަކޮށްލެވުނު ސާލިމް-ޖާވިދަށް ބިނާކޮށް ޑޮކިިއުމަންޓަރީއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގައި އެންމެ ކާމިޔާބު ސްކްރީން ރައިޓަރުންގެ ގޮތުގައި ފާހަގަކޮށްލެވުނު ސާލިމް-ޖާވިދަށް ބިނާކޮށް ޑޮކިިއުމަންޓަރީއެއް ހަދަން ނިންމައިފި އެވެ.

މި ޑޮކިއުމަންޓަރީ ހަދަނީ ޅެންވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު ޖާވިދު އަޚްތަރުގެ ދަރިފުޅު އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރުހާން އަޚްތަރެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސާލިމް-ޖާވިދުގެ ޑޮކިއުމަންޓަރީ ޕްރޮޑިއުސްކުރަނީ ފަރުހާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓުންނެވެ.

މީގައި ސާލިމާއި ޖާވިދުގެ އިތުރުން އެ ދެ މީހުން ލިޔުނު ވަރަށް ގިނަ ފިލްމުތަކެއް ކުޅުނު އެކްޓަރު އަމީތާބް ބައްޗަންގެ ވަރަށް ހާއްސަ އިންޓަވިއުތަކެއް ވެސް ހިމަނާނެ އެވެ. ޑޮކިއުމަންޓަރީ ގެނެސްދޭ އިރު، އެ ދެ މީހުން އެކީގައި މަސައްކަތްކުރި ދުވަސްވަރުގެ ފުޓޭޖްތަކާއި އެކީގައި މަސައްކަތްކުރި ޑައިރެކްޓަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ޑައިރެކްޓަރުންގެ ވާހަކަތައް ވެސް ހިމަނާނެ އެވެ.

ސާލިމް ޚާނަކީ އެކްޓަރު ސަލްމާން ޚާންގެ ބައްޕަ އެވެ.

ސާލިމާއި ޖާވިދުގެ ޒުވާން ދުވަސްވަރު.

ސާލިމާއި ޖާވިދުގެ ޒުވާން ދުވަސްވަރު.

ސާލިމާއި ޖާވިދު އެކީގައި ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުމުގެ އިތުރަށް، ވަކިވަކިން ވެސް ސްކްރީންޕްލޭ ލިޔުނެވެ. އެކީގައި 22 ހިންދީ ފިލްމާއި ދެ ކަންނާޑާ ފިލްމު ލިޔުނު މި ދެ މީހުންނަކީ ހިންދީ ސިނަމާގެ ވަރަށް ވަރަށް އައިކޮނިކް ފިލްމުތަކެއް ސްކްރީން ރައިޓަރުންނެވެ. އޭގެ ތެރޭގައި އަންދާޒު (1971)، ސީތާ އޯރް ގީތާ (1972)، ޒަންޖީރު (1973)، ދީވާރު (1975)، ޝޯލޭ (1975)، ޓުރިޝޫލް (1978)، ޑޮން (1978)، ކާލާ ޕައްތަރު (1979)، ދޯސްތާނާ (1980)، ޝަކްތީ (1982) އަދި މިސްޓަ އިންޑިއާ (1987) ފާހަގަކޮށްލެވެ އެވެ.

މިހާރު އުމުރުން 85 އަހަރުގެ ސާލިމް ވަކިން ލިޔުނު ފިލްމުތަކު ތެރޭގައި ނާމް (1986)، ޕައްތަރު ކޭ ޕޫލް (1991) އަދި އާ ގަލޭ ލަގްް ޖާ (1994) ހިމެނެ އެވެ.

ބަތަލާ ޝަބާނާ އަޒްމީގެ ފިރިމީހާ ޖާވިދު، 76، ސޯލޯ ރައިޓަރެއްގެ ގޮތުގައި ލިޔުނު ބައެއް ފިލްމުތަކުގެ ތެރޭގައި ބޭތާބު (1983)، ސާގަރު (1985)، ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ (1994)، ދަރިފުޅު ފަރުހާން ޑައިރެކްޓްކުރި 2004 ގެ "ލަކްޝް" އާއި 2006 ގެ "ޑޮން" ހިމެނެ އެވެ.

ޖާވިދުގެ ދަރިފުޅު ފަރުހާން އަދި ސާލިމްގެ ދަރިފުޅު ސަލްމާން.

ޖާވިދުގެ ދަރިފުޅު ފަރުހާން އަދި ސާލިމްގެ ދަރިފުޅު ސަލްމާން.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ސާލިމް-ޖާވިދުގެ ޑޮކިއުމަންޓަރީ ޑައިރެކްޓްކުރާނީ ޖާވިދުގެ އަންހެން ދަރިފުޅު ޑައިރެކްޓަރު ޒޯޔާ އަޚްތަރެވެ. ނަމަވެސް މި ޕްރޮޖެކްޓާ ގުޅުން ހުރި މީހަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ އެ ޑައިރެކްޓްކުރާނީ ޒޯޔާ ނޫން ކަމަށާއި ވަރަށް އަވަހަށް ޑައިރެކްޓަރު އިއުލާންކުރާނެ ކަމަށެވެ.

ޖާވިދަކީ މިހާތަނަށް އެތައް ފިލްމެއްގެ ލަވަތަކުގެ ވަރަށް ހިތްގައިމު ޅެންތަކެއް ވެސް ލިޔެފައިވާ އަދި މިހާރު ވެސް އެ މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ.