Roadha Mihaaru
ސަލްމާންގެ ވާހަކަ ކިޔައިދޭ ޑޮކިއު-ސީރީޒެއް

ސަލްމާންގެ ވާހަކަ ކިޔައިދޭ ޑޮކިއު-ސީރީޒެއް ހަދަނީ

21 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ ސަލްމާން ޚާންގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީ-ސީރީޒެއް ހަދަން ނިންމާފައިވާ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ ސަލްމާން ޚާންގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީ-ސީރީޒެއް ހަދަން ނިންމާފައިވާ ކަމަށް ޕިންކްވިލާ އިން ބުނެފި އެވެ.

އެ ނޫހުން ބުނި ގޮތުގައި މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ހަދަން ނިންމާފައިވާ މި ޑޮކިއު-ސީރީޒް ޕްރޮޑިއުސްކުރާނީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި އެޕްލޯޒް އެންޓަޓައިންމަންޓްގެ އިތުރުން ވިޒް ފިލްމްސް ގުޅިގެންނެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މީގެ ތައްޔާރީތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެބަ ދެ އެވެ.

ސަލްމާންގެ ޑޮކިއު-ސީރީޒެއް ހަދަން ނިންމި އިރު އޭނާގެ ބައްޕަ ސަލީމް ޚާނާއި ޑައިރެކްޓަރުން ކަމަށްވާ ފަރުހާން އަޚްތަރާއި ޒޯޔާ އަޚްތަރުގެ ބައްޕަ ޖާވިދު އަޚްތަރުގެ ޑޮކިއު-ސީރީޒެއް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވެ އެވެ. "އެންގްރީ ޔަންގް މެން" ގެ ނަން ދީފައިވާ އެ ޑޮކިއު-ސީރީޒްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ސަލްމާން ބައިވެރިވެ އެވެ. އެކީގައި ކުރިން މަސައްކަތްކުރި ސަލީމާއި ޖާވިދަކީ ކުރިން ހިންދީ ސިނަމާގެ މަގުބޫލު ސްކްރީން ރައިޓަރުންނެވެ.

ޕިންކްވިލާ އިން ބުނީ ސަލްމާންގެ ޑޮކިއު-ސީރީޒަކީ އޭނާގެ 33 އަހަރުވީ ފިލްމު ކެރިއަރުގެ އިތުރުން ޒާތީ އަދި އާއިލީ ގިނަ ކަންތައްތަކެއް ވެސް ފެނިގެންދާނެ ގޮތަށް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. މީގެ ކުރިން ސަލްމާންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ވަރަށް ގިނަ ޕްރޮޑިއުސަަރުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެފަދަ އެއްޗަކަށް ހުއްދަދޭން ސަލްމާން އިންކާރުކޮށްފައިވެ އެވެ.

މި ވަގުތު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި ބޮޑު އަގެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ސަލްނާން އެކްޓިން އަށް ނުކުތީ 1988 ގެ "ބީވީ ހޯ ތޯ އޭސީ" އިންނެވެ. އެކަމަކު އޭނާ މަޝްހޫރުވެގެން ދިޔައީ ޖެހިގެން އައި އަހަރު ރިލީޒްކުރި "މޭނޭ ޕިޔާރު ކިޔާ" އިންނެވެ. އޭގެ ފަހުން ސަލްމާން ވެފައި ވަނީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ތަރިއަށެވެ.

މި އަހަރުގެ ކުރީކޮޅު "ރާދޭ" އިން ފެނިގެން ދިޔަ ސަލްމާން މިހާރު އަންނަނީ "ޓައިގާ 3" ގެ މަސައްކަތްކުރަމުންނެވެ. ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކަބީ އީދު ކަބީ ދިވާލީ "ބައިޖާން" އާއި "ކިކް 2" ހިމެނެ އެވެ. އޭނާގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.