Roadha Mihaaru
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

30 މެއި 2021

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެ އިނާމު ދިނުމުގެ އުސޫލު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ގެޒެޓް ކޮށްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، އެ އިނާމު ދިނުމުގެ އުސޫލު ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ގެޒެޓް ކޮށްފި އެވެ.

މަގާމުގެ ޒިންމާތައް އަދާކުރުމުގައި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި ޝަރަފުވެރި އިނާމަށް އެދި، 35 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރި މުވައްޒަފުންނަށް ހުށަހެޅޭނެ އެވެ.

މި އިނާމަށް ނަން ހުށަހަޅާ މީހަކީ ސަރުކާރުގެ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މީހަކަށް ވާން ޖެހޭއިރު، އިނާމު ދޭނީ އެ މުއައްސަސާ ނުވަތަ ކުންފުންޏަކުން އެ މީހެއްގެ ނަން ހުށަހެޅުމުން ނުވަތަ އެ މީހާ އަމިއްލަ އަށް ނަން ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން ކަނޑައެޅި އުސޫލުގައި ވެ އެވެ.

ޕޯޓަލް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ އޮގަސްޓު 12 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ރައީސް އޮފީހަށް ލިޔުމުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އަންނަ ޖުލައި 1 އިން އޮގަސްޓް 12 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އިނާމު ދިނުމުގައި ގައުމީ އިނާމާ ބެހޭ ކޮމިޓީން ވަކި ކަންތައްތަކަކަށް ބަލާނެ އެވެ. އޭގެ ތެރޭގައި އެމީހަކު ސަރުކާރަށް ކޮށްދީފައިވާ ހިދުމަތަށާއި ޒިންމާ އަދާކުރުމުގައި ފަރުވާތެރިކަމާއެކު ކޮށްފައިވާ މަސައްކަތަށާއި ހިދުމަތް ކޮށްދިން މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ހިމެނެ އެވެ. އަދި އެ މުައައްސަސާއަކުން ހިންގާފައިވާ އެކި ކަންތައްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ހިދުމަތްކުރި ވަރަށާއި ވަޒީފާގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީ އަށް ވެސް ބަލާނެ އެވެ. މީގެ އިތުރުން އެ މީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއް ކޮށްފައިވާކަން ނުވަތަ ނޫންކަން ވެސް ކޮމިޓީން ޔަގީން ކުރާނެ އެވެ.

އެ މީހާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައި ނުވުމާއި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި ދައުވާއެއް އުފުލާފައިވާ މީހަކަށް ނުވުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތުގައި ތަހުގީގެއް ހިންގަމުންދާ މީހަކަށް ވެގެން ނުވުމަކީ ވެސް އިނާމަށް ނަން ހުށަހެޅުމުގެ ޝަރުތެކެވެ. މީގެ އިތުރުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ މީހަކަށް ވެސް ވެގެން ނުވާނެ އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.