Roadha Mihaaru
ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް

ރާއްޖެ އަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް

27 ޑިސެމްބަރ 2020

ކޮވިޑް-19އަށް ވެކްސިން ހޯދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19އަށް ވެކްސިން ހޯދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްވައިފި އެވެ.

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ "ކޮވެކްސް" ޕްރޮގްރާމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައި ވަނިކޮށް، އެ ސްކީމް ފެއިލްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރޮއިޓާސް އިން ދިރާސާކުރި އިންޓާނަލް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.

އެޗްއީއޯސީން ވެކްސިން ހޯދުމުގެ މަސައްކަތުގައި އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަށެވެ. އެކަމަކު، ސީދާ ތާރީޚެއް އަދި ނޭނގުނަސް ވެކްސިންގައި ހަމައެކަނި ބަރޯސާވަނީ ކޮވެކްސް ޕްރޮގްރާމަށް ނޫން ކަމަށާއި އެހެން ގޮތްގޮތުން ވެސް ވެކްސިން ޔަގީންކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓި އިގްތިސާދީ ގޮތުން އެންމެ ބޮޑު އަސަރެއް ރާއްޖެ އަށް ކުރި ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމުގެ އުއްމީދު އާވާ ކަމަށެވެ. އާބާދީގައި 500،000 މީހުން ތިބި ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދަމުން އަންނަ ކަމަށާއި އެކަން ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެކްސިންގެ ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން އާއްމުންނަށް ހާމަކުރާނެ އެވެ. ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ޖަހާނީ ހިލޭ ކަމަށް ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލުމުން ޓޫރިސްޓުންގެ އެންމެ މަގްބޫލު މަންޒިލަކީ ރާއްޖެކަން ފާހަގަކުރެއްވި އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށުނީ ރައްޔިތުންގެ ވަރަށް މަތިވެރި ގުރުބާނީތަކެއްގެ ސަބަބުންކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބޭތިއްބުމުގައި ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުން އިސްކޮށް މަސައްކަތް ކުރަމުން އަންނަ މީހުންގެ ޚިދުމަތަށް ރައީސް ރޭ ވެސް ޝުކުރު އަދާކުރެއްވި އެވެ.

"ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު، ގައުމު ކުރިން އޮތް ހާލަތަށް ވުރެ ވެސް، ރަނގަޅު ހާލަތަކަށް ގެންދެވޭނީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކޮށްގެންކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ،" ރައީސް ވިދާޅުވި އެވެ.