Roadha Mihaaru
"ޔެ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ

"ޔެ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ

02 ޖޫން 2021

މި ފަހުގެ ތާރީހެއްގައި ހިންދީ ސިނަމާ އަށް އައި އެންމެ ރީތި އަދި އެންމެ ކާމިޔާބު އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯންގެ "ޔަ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހުގެ ތާރީހެއްގައި ހިންދީ ސިނަމާ އަށް އައި އެންމެ ރީތި އަދި އެންމެ ކާމިޔާބު އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދްކޯންގެ "ޔަ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ ކަމަށް ބުނެފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކޮށް 2013 ގައި ގެނެސްދިން ފިލްމު ރިލީޒްކުރިތާ މިދިޔަ މަހުގެ 31 އަށް އަށް އަހަރު ފުރުމާ ދިމާކޮށް ރަންބީރާއި ދީޕިކާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ސީކްއެލްއެއް ހަދަން އަޔާން ވަރަށް ބޭނުންވާ ކަމަށެވެ.

"އޭގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ވެސް އޭނާ އޮތީ ނިންމާފައި،" ރަންބީރް ބުންޏެވެ.

އަޔާން މި ވަގުތު ހަދަމުން އަންނަ ފިލްމަކީ 2018 ގައި މަސައްކަތް ފެށި ގޮތަށް ނުނިމި ދިގުލައިގެން ގޮސްފައިވާ ޓްރިލޮޖީ "ބުރައްމަސްތުރާ" ގެ ފުރަތަމަ ބައެވެ. އެ ފިލްމުގެ ތަރިންނަކީ ރަންބީރާއި އާލިއާ ބަޓެވެ.

ރަންބީރް ބުނި ގޮތުގައި "ބުރައްމަސްތުރާ" އަކީ މަސައްކަތުގެ ބުރަ ބޮޑު، ފިލްމަކަށްވެފައި އެއަށް މިހާރު އެތައް ދުވަހެއް ހޭދަވެފައިވާތީ އެއިން އަތްދޫކޮށްލެވުމުން ތަންކޮޅެއް މަސައްކަތް ލުއި، ލޯބީގެ ފިލްމެއް ގެނެސްދޭން ޕްލޭކޮށްފައި އޮތް ކަމަށެވެ.

"ބުރައްމަސްތުރާ އެކެއް ގެނެސް ދީފައި ދެވަނަ ބައި ފެށުމާ ދޭތެރޭ އަހަރެމެންނަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ. އެހެންވީމަ އެ މުއްދަތުގެ ތެރޭގައި ޔެ ޖަވާނީ ދީވާނީގެ ސީކްއެލްގެ މަސައްކަތް ފެށިދާނެ." ރަންބީރް ބުންޏެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ ރަންބީރާއި ދީޕިކާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، ވަކިވި ފަހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އަދި އެ ސަބަބާ ހުރެ ވެސް "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފިލްމެކެވެ.

ބޮކްސް އޮފީހުގައި 319 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމުގެ ކާސްޓްގައި އަދިތިޔާ ރޯއި ކަޕޫރާއި ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.

"ޔެ ޖަވާނީ ހޭ ދީވާނީ" އަކީ އޭގެ ލަވަތައް ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ. އޭގެ ތެރޭގައި "ބައްތަމީޒް ދިލް" އާއި "ބަލަމް ޕިޗްކާރީ" އާއި "ދިއްލީވާކީ ގާލްފްރެންޑް" އާއި "ޕިރް ކަބީރާ" އަދި މަދޫރީ ޑިކްސިޓް ފެނިގެން ދިޔަ ހާއްސަ ލަވަ "ގާގްރާ" ފާހަގަކޮށްލެވެ އެވެ.