Roadha Mihaaru
ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި

ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި

03 ޖޫން 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދިވެސް ހުންނެވީ، ވަރަށް އަވަހަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަމުގައި ކަމަށް، އޭނާގެ ބައެއް އެކުވެރިން ބުނެފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދިވެސް ހުންނެވީ، ވަރަށް އަވަހަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަމުގައި ކަމަށް، އޭނާގެ ބައެއް އެކުވެރިން ބުނެފި އެވެ.

ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިއެއް ކަމަށްވާ މެގީ ހާބަމަން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މިއަހަރު އޮގަސްޓް މަހުގެ ތެރޭގައި، އަލުން އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގެންނެވޭނެ ކަމަށް ޓްރަމްޕު ގަބޫލުކުރައްވާ ކަމަށް އޭނާގެ ގާތް ބައެއް އެކުވެރިން ގާތުގައި ޓްރަމްޕު ވިދާޅުވެފައިވެ އެވެ. މެގީ ބުނި ގޮތުގައި ވަރަށް އަވަހަށް ވެރިކަމަށް ވަޑައިގެންނެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް، ވަރަށް ގިނަ އެކުވެރިން ގާތު ޓްރަމްޕު ވިދާޅުވި އެވެ.

މިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ނާކާމިޔާބު ލިބިވަޑައިގަތުމުން، ޓްރަމްޕުގެ ވެރިކަން ނިމުމަކަށް އައީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އިންތިހާބުގެ ނަތީޖާގައި ބައިޑެން ކުރި ހޯއްދަވަން ފެށި ހިސާބުން، ޓްރަމްޕު ތުހުމަތު ކުރައްވަމުން ގެންދަވަނީ، އިންތިހާބުގައި މަކަރު ހަދައި އޮޅުވައިލީ ކަމަށެވެ.

އެ ގޮތުން އޭނާއަށް ލިބިވަޑައިގެންނެވި ކިތަންމެ ވޯޓެއް، ބައިޑަން އަށް ލިބިވަޑައިގެންނެވި ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ޓްރަމްޕު ތުހުމަތު ކުރައްވަ އެވެ. އަދި ވޯޓުގެ ނަތީޖާ ބާތިލު ކުރުމަށް، ބައެއް ސްޓޭޓްތަކުގެ ކޯޓުތަކަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ވޯޓުގައި މަކަރު ހަދާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތުމުން، އެ ހުރިހާ މައްސަލަތަކެއް ވެސް ކޯޓުން ބޭރުކޮށްލީ އެވެ.

ވޯޓުގެ ނަތީޖާ ރަސްމީ ކުރުމަށް، ޖެނުއަރީ 6 ވަނަ ދުވަހު ސެނެޓްގެ ޖަލްސާ ކުރިއަށް ދަނިކޮށް، ޓްރަމްޕަށް ތާއީދުކުރާ އެތައް ހާސް ބަޔަކު، މަޖިލިސް ކުރާ ގެ (ކެޕިޓޯލް ހިލް) އަށް ވަދެގަނެ އެ ޖަލްސާ ވެސް ހުއްޓުވި އެވެ. މި ހަމަނުޖެހުންގަނޑުގެ ތެރޭގައި ފަސް މީހުން މަރުވެ 140 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އެ ދުވަހު ސެނެޓްގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު، ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ބޮޑު އެއްވުމެއް ބޭއްވި އެވެ. އެ އެއްވުމުގައި ޓްރަމްޕު ވިދާޅުވީ އޭނާ އިންތިހާބުގެ ބަލި ގަބޫލުނުކުރައްވާނެ ކަމަށެވެ.

އަދި ކެޕިޓޯލް ހިލް އަށް އެންމެން ދިޔުމަށް ގޮވައިލެއްވުމާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އެ އެއްވުމުން ނުކުމެގެން ގޮސް، ކެޕިޓޯލް ހިލް ތެރެއަށް ވަދެގަތެވެ.

އެ މައްސަލައިގައި ޓްރަމްޕު މަގާމުން އަޒުލުކުރުމަށް ވެސް ސެނެޓަށް ހުށަހެށި އެވެ. ނަމަވެސް އޭނާ އަޒުލުކުރުމަށް ބޭނުންވާ އަގުލަބިއްޔަތެއް ނުލިބުނެވެ.