Roadha Mihaaru
ޓީމް ޕްރޮފައިލް: އިންގްލެންޑް

ޓީމް ޕްރޮފައިލް: އިންގްލެންޑް

10 ޖޫން 2021

އިންގްލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1968 ވަނަ އަހަރު އެވެ. އެ މުބާރާތުގެ ތިން ވަނަ އިންގްލެންޑުން ހޯދި އެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި ނަގާ ކިޔާ ނަމަކަށްވިޔަސް، އިންގްލެންޑަށް އަދި ޔޫރޯ މުބާރާތެއް ކާމިޔާބެއް ނުކުރެވެ އެވެ. މިހާތަނަށް ޔޫރޯގައި އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔަބަކީ ތިން ވަނަ އެވެ. އޭގެ ފަހުން 1966 ވަނަ އަހަރު މުބާރާތުގެ ސެމީން ޖާގަ ހޯދި އެވެ. ޔޫރޯގައި 2000 އިން 2016 އާ ހަމައަށް އިންގްލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

އިންގްލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1968 ވަނަ އަހަރު އެވެ. އެ މުބާރާތުގެ ތިން ވަނަ އިންގްލެންޑުން ހޯދި އެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި ނަގާ ކިޔާ ނަމަކަށްވިޔަސް، އިންގްލެންޑަށް އަދި ޔޫރޯ މުބާރާތެއް ކާމިޔާބެއް ނުކުރެވެ އެވެ. މިހާތަނަށް ޔޫރޯގައި އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔަބަކީ ތިން ވަނަ އެވެ. އޭގެ ފަހުން 1966 ވަނަ އަހަރު މުބާރާތުގެ ސެމީން ޖާގަ ހޯދި އެވެ. ޔޫރޯގައި 2000 އިން 2016 އާ ހަމައަށް އިންގްލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

އިންގްލެންޑަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ފަހުގެ ތާރީހެއްގައި އިންގްލެންޑަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ހަތަރު ވަނަ ލިބުމެވެ.

ކޮލިފައިވި ގޮތް:

އިންގްލެންޑް މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނިސްބަތުން އިންގްލެންޑަށް ފަސޭހަ ގުރޫޕަކުން، މުބާރާތަށް ކޮލިފައިވީ ފަސޭހަކަމާ އެކު އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން އިންގްލެންޑް މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. އިންގްލެންޑް 21 ޕޮއިންޓާ އެކު ގުރޫޕްގެ އެެއްވަނަ ހޯދިއިރު، ޗެކް ރިޕަބްލިކް ތާވަލްގެ ދެވަނައިގައި ނިންމާލީ 15 ޕޮއިންޓާ އެކު އެވެ.

މުހިންމު ކުޅުންތެރިން:

އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިންނާ އެކު، މި މުބާރާތަށް ކުރިމަތިލާއިރު އެ ޓީމަކީ ފޭވަރިޓެކެވެ. އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން، އިދިކޮޅު ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ އެ ޓީމުގެ ފޯވަޑް ހެރީ ކޭނެވެ. ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކޭން ،27، އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު 54 މެޗުން އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ. އިންގްލެންޑާ އެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ކޭން ކުޅުނެވެ. އެކަމަކު އޭނާ ވިދާލީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ހޯދި އެވެ.

އިންގްލެންޑް ޓީމުގައި މިހާރު އޮތް ޒުވާން ކުޅުންތެރިންގެ ތެރެއިން މެންޗެސްޓާ ޔުނައިޓަޑްގެ މާކަސް ރަޝްފޯޑާއި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޯޑަން ސަންޗޯ ފާހަގަކޮށްލެވެ އެވެ.

ބައިނަލްއަގްވާމީ މުބާރާތަށް މުޅިން އަލަށް ނުކުންނަ ފިލް ފޯޑަން އަކީ މި އަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ތަރިއަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރާ ކުޅުންތެރިއެކެވެ. މެންޗެސްޓާ ސިޓީގައި އޭނާ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، އިންގްލެންޑްގެ ގައުމީ ޓީމަށް ވެސް އޭނާގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.

އިންގްލެންޑްގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ހެންޑަސަން އާއި ހެރީ މެގުއަޔާ ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. މި ދެ ކުޅުންތެރިން ވެސް ސްކޮޑް އިއުލާންކުރިއިރު އަނިޔާގައި ތިބުމުން، މި ދެ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކޯޗު:

އިންގްލެންޑްގެ ކޯޗުކަމާ ގެރެތު ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރު އެވެ. މި އަހަރުގެ ޔޫރޯ ކޮލިފައިންގައި ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ ފަސޭހަކަމާ އެކު ޔޫރޯ އަށް ކޮލިވެފަ އެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ބައިނަލްއަގްވާމީ މުބާރާތަކުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އިންގެލެންޑްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ސައުތުގޭޓްގެ ކޯޗިން ކެރިއަރު 2006 ވަނަ އަހަރު ފެށީ މީޑްލްސްބަރާ އިންނެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ވެސް އޭނާ މަސައްކަތްކުރި އެވެ.

މި އަހަރުގެ ޔޫރޯގައި އިންގްލެންޑް އޮތް ގުރޫޕްގައި އެ ޓީމަކީ ފޭވަރިޓެވެ. ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީއާ ގުޅިގެން، މި އަހަރުގެ ޔޫރޯގައި ވެސް ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިންގްލެންޑް ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެ އެވެ.