Roadha Mihaaru
ވިސްނުމަކީ އެސްޖީން ހަމަޖައްސާއިރު ކައުންސިލް ލަފާހޯދުން

ސަރުކާރުގެ ވިސްނުން ބަދަލެއް ނުވޭ، އެސްޖީން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ވާނެ

03 ޖޫން 2021

ސަރުކާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަންކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް ކައުންސިލްގެ ލަފާ ހޯދުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަންކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް ކައުންސިލްގެ ލަފާ ހޯދުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި، ކައުންސިލްގެ ލަފާ ހޯދުމެއް ނެތި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން ހިމަނުއްވާފައިވާތީ އެވެ. އެ އިސްލާހުގައިވާ ގޮތުން ނަމަ ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމަކީ ހަމައެކަނީ ސިވިލް ސާވިސް ކޮމިޝަންގެ ޒިންމާއެކެވެ. ކައުންސިލްތަކުގެ ލަފާ ބޭނުމެއް ނުވެ އެވެ.

ނަމަވެސް ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ސީއެސްސީންނެވެ.

ސައީދުގެ އިސްލާހާ ގުޅިގެން ގިނަ ބަޔަކު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ސައީދުގެ އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. ދެން އޮންނާނީ އެ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރުމުގެ މަރުހަލާ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ސީއެސްސީގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި ހަމަހަމަ ފުރުސަތު ލިބޭނެ ނިޒާމެއް ގާއިމްވެފައި އޮތުމެވެ. އޭގެ އިތުރުން، ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، ޕްރޮފެޝަނަލް މިންގަނޑުތަކުން ހިދުމަތް ފޯރުކޮށްދިނުމަކީ ވެސް އޭގެ ސަބަބެކެވެ.

އެކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން، ކައުންސިލްގެ ލަފާހޯދުން،" މަބްރޫކް ވިދާޅުވި އެވެ.

އެ އިސްލާހާއެކު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެސްޖީން އައްޔަންކުރުމުގައި ކައުންސިލާއެކު މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އެހެންވެ، އެ އިސްލާހަށް ތާއިދު ނުކުރެއްވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"މިއީ ވަރަށް ވަކާލާތު ކުރިކަމެއް. އެކަން އެގޮތުގައި ދެމި އޮންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.