Roadha Mihaaru

އަންހެނުންނަށް ހާއްސަ ކޯޓާއާ އެކު ވިސްނުން ބަދަލުވެއްޖެ؟

އިޖުތިމާއީ ކަންތައްތަކުގައި އިސް ސަފުގައި ހަރަކާތްތެރި އަންހެނަކަށް ވާތީ، ރަށަށް ވަޑައިގަންނަވާ މެހުމާނުންގެ ކަރުގައި މާފަތި އަޅުވަން ޖެހެ އެވެ. މަރުހަބާ ކިޔަން ކުރުނބާ ގެންގޮސް ދޭން ޖެހެ އެވެ. މެހުމާނުންނަށް މަރުހަބާ ކިޔަން ކުރީ ސަފަށް ނެރެފައި ތިބެނީ އަންހެނުންނެވެ. އެކަމަކު، ޒަމާނުއްސުރެ ރަށްރަށުން ފެންނަ މި އާދައަކީ އަންހެނުންނަށް ހައްގު މިންވަރު ހެއްޔެވެ؟

އަންހެނުންނަށް ހާއްސަ ކޯޓާއާއެކު ވިސްނުން ބަދަލުވެއްޖެ؟
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ޑިސެމްބަރ 2025

އިޖުތިމާއީ ކަންތައްތަކުގައި އިސް ސަފުގައި ހަރަކާތްތެރި އަންހެނަކަށް ވާތީ، ރަށަށް ވަޑައިގަންނަވާ މެހުމާނުންގެ ކަރުގައި މާފަތި އަޅުވަން ޖެހެ އެވެ. މަރުހަބާ ކިޔަން ކުރުނބާ ގެންގޮސް ދޭން ޖެހެ އެވެ. މެހުމާނުންނަށް މަރުހަބާ ކިޔަން ކުރީ ސަފަށް ނެރެފައި ތިބެނީ އަންހެނުންނެވެ. އެކަމަކު، ޒަމާނުއްސުރެ ރަށްރަށުން ފެންނަ މި އާދައަކީ އަންހެނުންނަށް ހައްގު މިންވަރު ހެއްޔެވެ؟

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރީ މާބޮނޑި އާއި ޖޫސްތަށި އަރުވަން ތިބޭ ބައެއްގެ ގޮތުގައިި ބެލުމަށް ވުރެ ރަށު ފެންވަރުގައި ނިންމާ ނިންމުންތަކާއި ކުރާ ކަންކަމުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރާށެވެ. އެ ކޯޓާގައި ފުރަތަމަ ފަސް އަހަރުގެ ދައުރު އަންނަ އަހަރުގެ އޭޕްރީލް މަހު ހަމަވާއިރު، މި އޮތީ އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކުރަން ޖެހިފަ އެވެ.

ކައުންސިލްތަކުން ކޯޓާއެއް ކަނޑައެޅުމުގެ މަގުސަދު ހާސިލް ވެއްޖެ ހެއްޔެވެ؟ ނުވަތަ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ބޭނުން ފެނިއްޖެ ހެއްޔެވެ؟ އަދިވެސް އަންހެނުން ތިބެން ޖެހެނީ ރަށަށް ވަޑައިގަންނަވާ މެހުމާނުންނަށް ކައްކައި، ސައި ތައްޔާރުކޮށް، މާފަތި އަޅުވަން ދާން ޖެހޭ މީހުންގެ ލިސްޓުގައި ނަމަ ކުރިއެރުމެއް ނެތެވެ. އެ އަށް ވުރެ ދުރަށް ވިސްނުން ނުގެންދެވޭ ނަމަ ކޯޓާއަކުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

އަންހެނުންނަށް ހާއްސަކުރި ކޯޓާގައި ނ. ވެލިދޫ ކައުންސިލްގެ މެމްބަރުކަމަށް އިންތިހާބުކުރި ހާފިޒާ އިބްރާހިމް ވިދާޅުވީ ކައުންސިލްތަކުގެ މެމްބަރުންނަށް އަންހެނުން ތިބުމުގެ ސަބަބުން އައި ބަދަލުތައް އެ ރަށުން މިހާރު ފެންނާނެ ކަމަށެވެ.

ރައީސް މުއިއްޒު މިދިޔަ އޮގަސްޓް މަހު ކެންދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ އެކު ބޭއްވެވި ބައްދަލުވިމަށް ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިދިޔަ އޮގަސްޓް މަހު ކެންދު އަށް ވަޑައިގެން އެ ރަށު ކައުންސިލާ އެކު ބޭއްވެވި ބައްދަލުވިމަށް ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ވެލިދޫ ކައުންސިލްގެ މަސައްކަތްތައް ބަހާލާފައިވަނީ އެކި މެމްބަރުންނަށެވެ. ހާފިޒާގެ ދައުރަކީ މުޖުތަމައު ބާރުވެރި ކުރުމެވެ.

އޭނާ ވިދާޅުވީ ޑްރަގްގެ މައްސަލަ ބޮޑު ވެލިދޫގައި، އެކަމުން ސަލާމަތްވާން ރިހެބިލިޓޭޝަން ފަރުވާ ފެށޭނެ ގޮތްތައް ހަމަޖެއްސުމަށް އިސްނަގައި އަދި އޭގެ ނަތީޖާއެއްގެ ގޮތުން އޭގެ ސެންޓަރު އަޅަން ނިންމި ތިން ރަށުގެ ތެރޭގައި ވެލިދޫ ހިމެނުމަކީ ރަށަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އޭގެ އިތުރުން ވެސް ދަރިން ތަރުބިއްޔަތު ކުރުމާއި ކުށުގެ ވެށިން ދަރިން ސަލާމަތްކުރުން ފަދަ އިޖުތިމާއީ މުހިއްމު ކަންކަމުގައި މި ކައުންސިލަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެއް މި ދައުރުގައި ކުރެވިއްޖެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ކުރަންޖެހޭ ކަންތައްތައް. ކުޑަކުދިންނާއި ހާއްސަކޮށް އަންހެނުންނާ ގުޅުން ހުރި ކަންކަން. އުމުރުން ދުވަސްވީ މީހުންގެ ކަންކަން. މި ކަންކަމަށް މީހުން އެވެއާ ކުރުމާއި އެ ކަންކަމުގައި އެ ބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެން ހުންނަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ،" ހާފިޒާ ވިދާޅުވި އެވެ.

މީހުން ބިނާކުރުމާއި އިޖުތިމާއީ ކަންކަމަކީ ފިރިހެނުން އެހާ ބޮޑަށް ސަމާލުކަން ދޭ ދާއިރާތަކެއް ނޫން ކަމަށާއި އެކަމަކު، ކައުންސިލްގެ މެމްބަރުންގެ ތެރޭގައި އަންހެނުން ވެސް ހިމެނޭތީ، ފިރިހެނުންގެ ވިސްނުމުން މަދުވާ ބައި، އަންހެނުންނަށް ފުރިހަމަކުރެވޭކަން ހާފިޒާ ފާހަގަ ކުރެއްވި އެވެ.

އެފަދަ ވިސްނުންތަކާއެކު ކައުންސިލްތަކުން އަންހެނުންނަށް ޖާގަ ދިނުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގަތް ތިން މެމްބަރުން މިދިޔަ އަހަރުގެ އޮގަސްޓު މަހު މަގާމުގެ ހުވާކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގަތް ތިން މެމްބަރުން މިދިޔަ އަހަރުގެ އޮގަސްޓު މަހު މަގާމުގެ ހުވާކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު ހުސެއިން ވަހީދު ވިދާޅުވީ އަންހެނުންނަށް ހާއްސަ ސްލޮޓު ކަނޑައަޅައިގެން ކައުންސިލްތައް ހިންގުމާ ގުޅޭގޮތުން، އެ އޮތޯރިޓީއާ ގުޅިގެން ޔޫއެންޑީޕީން މިދިޔަ އަހަރު ސާވޭއެއް ހެދި ކަމަށެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީ އަދި އެކި ދާއިރާތަކުގެ މީހުން ބައިވެރި ކޮށްގެން ހެދި ސާވޭއިން ދެއްކީ 79 ޕަސެންޓް މީހުންނަށް އެ ބަދަލު ހިތްހަމަޖެހޭ ކަމަށެވެ. މާނައަކީ، އަންހެނުންނަށް ވަކި ކޯޓާއެއް ކަނޑައެޅުމުން ރަށްތައް ހިންގުމުގައި އެދެވޭ ނަތީޖާއެއް ނުކުތް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ގެނައި އިސްލާހުތަކުގައި ވަނީ، ކައުންސިލްތަކުގައި ތިބޭ މެމްބަރުންގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާށެވެ. އެ ގާނޫނުގެ ދަށުން ފުރަތަމަ ކައުންސިލަރުން އިންތިހާބުކުރީ 2021 ވަނަ އަހަރެވެ.

ހުސެއިން ވަހީދު ވިދާޅުވީ، ކޯޓާގެ ކުރިން އަންހެން ކައުންސިލަރުންގެ އަދަދު ހުރީ 4-5 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް، ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ރައީސުންނަށް އޭރު އަންހެނުން ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.

ކައުންސިލްތަކުގައި މި ވަގުތު 982 މެމްބަރުން އެބަތިއްބެވެ. އޭގެ ތެރޭގައި އަންހެނުންގެ އަދަދު އުޅެނީ 381 ގަ އެވެ.

އެ އިންތިހާބުގައި ރަށު ކައުންސިލް ރައީސުންގެ ގޮތުގައި 179 އަދި އަތޮޅު ކައުންސިލް ރައީސުންގެ ގޮތުގައި 18 ބޭފުޅަކު އިންތިހާބުކުރިއަސް، މިހާރު ހިނގަމުން މި ދާ ދައުރުގައި އެއްވެސް ރަށެއްގައި ރަށު ރައީސަކަށް އަންހެނަކު ނެތެވެ. މި ދައުރުގައި އަތޮޅު ކައުންސިލްގެ ރައީސަކަށް ހޮވުނު ފުރަތަމަ އަންހެން ބޭފުޅަކީ ފ. އަތޮޅުގައި ފެބްރުއަރީ، 2024 ގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރި ހައްވާ އަބްދުލް އަޒީޒެވެ.

"ތިރީސް ތިން ޕަސެންޓް ސްލޮޓް ދިނުމާ ގުޅިގެން އަޅުގަނޑުމެންނަށް އަންހެން މެމްބަރުންގެ ނިސްބަތް ގާތްގަނޑަކަށް 40 ޕަސެންޓަށް ދިޔަ ބައިވެރިވުން. އެހެން ނަމަވެސް ނުފެނޭ އަޅުގަނޑުމެންނަށް އެއްވެސް ރަށެއްގެ ރަށު ކައުންސިލް ރައީސަކަށް އަންހެނަކު ހުންނަ ތަނެއް. އަތޮޅު ކައުންސިލެއް ހިންގުމަށް އަންހެން ކައުންސިލަރެއް ހުންނަ ތަނެއް ކޯޓާއާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.

ހުސެއިން ވަހީދު ވިދާޅުވި ގޮތުގައި، ކޯޓާ ކަނޑައެޅުމުން، އަންހެނުންނަށް ލިބޭ ހަމައެކަނި މިންވަރަކީ އެ ކޯޓާ ކަމަށް ބައެއް ރަށްރަށުގައި މީހުން ގަބޫލުކުރެ އެވެ. ނަމަވެސް، ހޭލުންތެރިކަން އިތުރުވާ ވަރަކަށް އެ ބަދަލުތައް ފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މެހެމާނުންނަށް މަރުހަބާ ކިޔުމަކީ އަންހެނުންގެ މަސްއޫލިއްޔަތެއް ކަމަށް ގަބޫލުކުރި ގަބޫލުކުރުން ބަދަލުވެ، ރަށްރަށުގެ އިގުތިސޯދު ރަނގަޅުކުރެވޭނެ ގޮތްތަކާއި އުފެދޭ މައްސަލަތަކަށް އަންހެނުންގެ ކޮމެޓީ އަދި ކައުންސިލަރުން ރަނގަޅަށް އިޖާބަދޭ ކަމަށް އެލްޖީއޭއިން ބުންޏެވެ.

"ކޮންމެ ވެސް ވަރަކަށް އެ ޝަކުވާ ލިބުނަސް ވަރަށް މަދުވަމުން އެބަދޭ. އަންހެނުންނަށް ކުރީގައި މި އޮންނަނީ މަރުހަބާ ދެންނެވުން، ސައި ހެދުން ކަހަލަ ކަންކަން. މިހާރު މަޑުމަޑުން ބަދަލުވަމުން އެބަދޭ ސިޔާސީ ގޮތުން ވެސް ހޭލުންތެރިވުމާއި ސިޔާސީ ގޮތުން ބައިވެރިވުން އިތުރޭ،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

މި ފަސް އަހަރުގެ ޓެސްޓަކަށް ފަހު އަނެއްކާ ވެސް ބޯމަތިވެފައި މި އޮތީ ކައުންސިލް އިންތިހާބަށެވެ. މި ބަދަލުތަކުން އަނެއްކާ ވެސް އާ ކަންތައްތަކެއް ދަސްކުރާށެވެ.