Roadha Mihaaru
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް

އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް

07 ޖޫން 2021

އެޕްރީލް މަހުން ފެށިގެން އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފަށައި އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި ހުންނަތާ ދޮޅު މަހެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ކޭސްތަކުގެ އަދަދު 100 އަށް ވުރެ މަދުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕްރީލް މަހުން ފެށިގެން އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފަށައި އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި ހުންނަތާ ދޮޅު މަހެއްހާ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ކޭސްތަކުގެ އަދަދު 100 އަށް ވުރެ މަދުވެއްޖެ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ރޭ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 98 އެވެ. އަދަދު ދަށްވެފައި މި ވަނީ އެކްޓިވް ކޭސްތަކުގެ އަދަދު މިދިޔަ މަހުގެ ތެރޭގައި 200 އާ ވެސް ގާތްވެފައި ވަނިކޮށެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 100 އަށް ވުރެ ދަށްވި އިރު މި މަހުން ފެށިގެން ބަލިޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފަ އެވެ. އެގޮތުން އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް ޕޮޒިޓިވްވީ އެންމެ މީހެކެވެ.

މި މަސް ފެށުނު ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހެކަށް ވުރެ މައްޗަށް ނާރާ އިރު މި މަހުގެ މިހާތަނަށް އެއް ދުވަހެއްގައި ފަސް މީހުން ޕޮޒިޓިވްވީ މި މަހުގެ ދެ ވަނަ ދުވަހު އެކަންޏެވެ.

އެޕްރީލް މަހުގެ ތެރޭގައި ކޭސްތައް އިތުރުވާން ފެށި ފަހުން މިހާތަނަށް އައްޑޫން ބަލި ޖެހުނު މީހުންގެ އަދަދަކީ 310 އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 210 އެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން މި ވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ ދެ މީހަކަށެވެ. މިދިޔަ މަހުގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާދިން ދެ މީހަކު މަރުވެފައިވެ އެވެ.

އައްޑޫގެ ކޭސްތައް މި ވަގުތު ބެހިފައިވާ ގޮތަށް ބަލާ އިރު 65 ކޭހާ އެކު ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ. ދެން ހުޅުދޫގައި 21، މަރަދޫގައި އަށެއް، މީދޫ/މަރަދޫފޭދޫ/ފޭދޫ އަދި ރިސޯޓް/ގަން މިއިން ކޮންމެ ތަނެއްގައި އެންމެ ކޭހެކެވެ.

އައްޑޫން މިހާތަނަށް 5،334 ސާމްޕަލް ނަގާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 347 އަށް އަރަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޮތީ މިދިޔަ މަހުގެ 1 އިން ފެށިގެން އައްޑޫ މޮނިޓަރިން އަށް ލައިފަ އެވެ. އަދި އެއާ އެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.