Roadha Mihaaru
ހަތަރު ލަނޑުން ނިއު ބަލިކޮށް ޓީސީ ސެމީ އަށް

ހަތަރު ލަނޑުން ނިއު ބަލިކޮށް ޓީސީ ސެމީ އަށް

21 ނޮވެމްބަރ 2016

ނިއު ރޭޑިއަންޓް 4-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިއަދު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓް 4-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިއަދު ހޯދައިފި އެވެ.

ހަ ޕޮއިންޓާ އެކު މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީން ޖާގަ ހޯދާފައިވާއިރު ޓީސީ ސެމީ އަށް ދިޔައީ ތިން ޕޮޮއިންޓާ އެކު ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީ ފައިނަލުގައި އީގަލްސް ބައްދަލުކުރާނީ ގްރޫޕް ބީ ގެ ދެ ވަނަ ޓީމާ އެވެ. އަދި ޓީސީ ވާދަކުރާނީ ގްރޫޕް ބީ ގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ.

ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ނިއު މުބާރާތުން ކަޓާފައިވާއިރު އެ ޓީމަށް މި ވަނީ ސީޒަން ނިމިފަ އެވެ. އެ ޓީމު މި އަހަރު ދެން ވާދަކުރި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެފްއޭ ކަޕުގެ ތިން ވަނަ ހޯދި އެވެ. މިއީ ފަސް އަހަރުތެރޭ ނިއު އިން އެންމެ ދަށްކޮށް ނިންމާލި ސީޒަނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް މެޗުގެ ހަތަރު ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ގޯލް ޖެހީ އަހުމަދު ނިޒާމް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިޒާމެވެ. ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އިބްރާހިމް ވަހީދު ހަސަން ދިން ބޯޅަ ނިޒާމް ގޯލަށް ޖެހީ އޭރިއާ ތެރޭ ހުރެ އެވެ. ޓީސީގެ ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް ވަހީދެވެ. އޭނާ މި ގޯލް ޖެހީ މުހައްމަދު އައްޒާމް އުފެއްދި ހަމަލާއެއްގަ އެވެ.

ޓީސީގެ ނިޒާމަ (ކ) އާއި ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ނިޒާމަ (ކ) އާއި ސެންޓޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހާފުގެ ފަހުކޮޅު ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ނިއު އިން ކުޅުން ރަނގަޅުކޮށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދި އެވެ. އެގޮތުން 59 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބާރު ބޯޅަ ޖެހުނީ ގޯލް ދަނޑީގަ އެވެ. އޭގެ އިރުކޮޅެއް ފަހުން އިއްޒަތު އަބްދުލްބާރީ ނެގި ހުރަހެއް ވެސް އަމާޒުވީ ދަނޑި އަށެވެ.

ޓީސީގެ ހަތަރު ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ޓީސީގެ ބަދަލު ކުޅުންތެރިޔާ އަލީ ހާފިޒް ދިން ބޯޅައެއް ސެންޓޭ ގޯލަށް ޖަހަން މަސައްކަތްކުރަނިކޮށް ނިއުގެ ސެގުން މައިކަލް އޭނާ ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ޓީސީ އަށް އިތުރު ޕެނަލްޓީއެއް ލިބުނު އިރު މި ފަހަރު ސެންޓޭ ޕެނަލްޓީ ފޮނުވާލުމުން ދިޔައީ ގޯލް ހުރަސްދަނޑި މަތިންނެވެ. މިއީ ސެންޓޭ އަށް އޭރިއާ ތެރެއިން ނިއުގެ އަހުމަދު ނުހާދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލާ އެކު ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތްކާޑެއް ދައްކައި ނުހާދު ވަނީ ދަނޑުން ފޮނުވާލާފައިފަ އެވެ.