Roadha Mihaaru
ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާއަށް ފިލްމެއް ހަދަނީ

ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އަށް ބިނާކޮށް ފިލްމެއް

12 ޖޫން 2021

ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، އެ އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، އެ އިއުލާންކޮށްފި އެވެ.

"ދޭ އާ އަޒް" ގެ ނަން ދީފައިވާ މި ފިލްމުގައި ޖަސިންޑާގެ ރޯލު ކުޅެން ނަގާފައި ވަނީ އޮސްޓްރޭލިއާގެ ބަތަލާ ރޯޒް ބީން، 41، އެވެ. ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ ނިއު ޒީލެންޑްގެ ޑައިރެކްޓަރު/ސްކްރީން ރައިޓަރު އެންޑްރޫ ނިކޯލް އެވެ. އޭނާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ލޯޑް އޮފް ވޯ"، "އިން ޓައިމް"، "ދަ ހޯސްޓް"، "ގުޑް ކިލް" އަދި "އެނޮން" ހިމެނެ އެވެ.

ޖަސިންޑާ އަށް ބިނާކޮށް ހަދާ "ދޭ އާ އަޒް" އާ ބެހޭ ގޮތުން އެންޑްރޫ ބުނީ ފިލްމުގައި ޖަސިންޑާގެ ލީޑަޝިޕްގެ ދަށުން ގައުމު މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި ގައުމަށް މިހާތަނަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން ޖަސިންޑާގެ ސަރުކާރުން ކޮށްފައިވާ ހަރުދަނާ މަސައްކަތްތައް ދައްކުވައި ދޭނެ ކަމަށެވެ.

އޭގެ ތެރޭގައި 2019 ގައި ނިއު ޒީލެންޑްގެ މިސްކިތްތަކަށްކަ ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ އާއި 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް އެ ގައުމުން ކުރި ހަރުދަނާ މަސައްކަތްތައް ފިލްމު އުސްއަލިތަކުގެ ތެރޭގައި ހިމެނޭނެ އެވެ.

އެންޑްރޫ ބުނި ގޮތުގައި ފިލްމަށް "ދޭ އާ އަޒް" ގެ ނަން ދިނީ ކްރިސްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން ޝިކާރައަކަށްވި އާއިލާގެ މީހުންނާ އެކު ގައުމު އޮތްކަން ހާމަކޮށްދެއްވައި ދެއްވި ތަގުރީރުގައި ޖަސިންޑާ ބޭނުންކުރެއްވި ވަރަށް ފާހަގަކޮށްލެވޭ އިބާރާތްކޮޅަކަށްވާތީ އެވެ.

"ޖަސިންޑާ އަށް ބިނާކޮށް ހަދާ ފިލްމަކީ އިންސާނިއްޔަތުކަން އޭގެ އެންމެ ފުންމިނުގައި ފެނިގެން ދާނެ ފިލްމެއް،" ޑައިރެކްޓަރު ބުންޏެވެ.

"ދޭ އާ އަޒް" ގެ ޝޫޓިން ވަރަށް އަވަހަށް ނިއު ޒީލެންޑްގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަސިންޑާ، 40، ނިއު ޒީލެންޑްގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2017 ގަ އެވެ. އޭނާ އަކީ އެ ގައުމުގެ 40 ވަނަ ބޮޑުވަޒީރެވެ.