Roadha Mihaaru
އިޓަލީ މޮޅުވީއެއް ނޫން، ހެދީ ވަރުގަދަ ރެކޯޑެއް

އިޓަލީ ހަމައެކަނި މޮޅުވީއެއް ނޫން، ހެދީ ވަރުގަދަ ރެކޯޑެއް

12 ޖޫން 2021

ރޯމް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައި، ޔޫރޯގެ ތާރީހުގައި އެ ޓީމުން ތިން ގޯލް ޖެހި ފުރަތަމަ މެޗުގެ ރެކޯޑާއި ފުރަތަމަ މެޗުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވުމުގެ ރެކޯޑް ހަދައި އެހެން ޓީމުތަކަށް މެސެޖެއް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޯމް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައި، ޔޫރޯގެ ތާރީހުގައި އެ ޓީމުން ތިން ގޯލް ޖެހި ފުރަތަމަ މެޗުގެ ރެކޯޑާއި ފުރަތަމަ މެޗުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވުމުގެ ރެކޯޑް ހަދައި އެހެން ޓީމުތަކަށް މެސެޖެއް ދީފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ ދެއްކި ކުޅުމަކީ، ފުޓްބޯޅަައިގެ ބައެއް މާހިރުން ސިފަކުރި ގޮތުގައި، މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައިނުވެ ގަންނަން ޖެހުނު ލަދު ފިލުވާލައި ފެންވަރު ދައްކާލުމެވެ. އެފަހަރު ވޯލްޑްކަޕާ ހިސާބަށް ނުގޮސް ދާން ޖެހުނީ ފުރަތަމަ ފަސް މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ބަލިވެގެންނެވެ.

އެކަމަކު މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗިނީގެ ބެލުމުގެ ދަށުން މިފަހަރު ނުކުމެ ތިން ގޯލް ޖަހައިގެން ފުރަތަމަ މެޗުން މޮޅުވިއިރު މިއީ ޔޫރޯގެ ފުރަތަމަ މެޗުގައި މިހާތަނަށް އެ ޓީމަށް ކުރެވުނު ކަމެއް ނޫނެވެ. އަނެއްކޮޅުން، އެންމެ ފަހުން ކުޅުނު 28 މެޗުގައި ވެސް އިޓަލީ ބަލިވެފައި ނުވާއިރު އެ ރެކޯޑް ވެސް ދެމެހެއްޓީ އެވެ. މި 28 މެޗުގެ ތެރެއިން ރޭގެ މެޗަކީ ޖެހިޖެހިގެން އެ ޓީމު މޮޅުވި ނުވަ ވަނަ މެޗެވެ.

ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކުރީގެ ތަރިން ބުނެފައިވާ ގޮތުގައި މުބާރާތެއްގެ ފުރަތަމަ މެޗަކީ ރިތި މޮޅު މެޗަކަށް ވާން އެންމެން ވެސް ބޭނުންވާއިރު މި ފެނުނީ އޭގެ މެޗެކެވެ. ދެއްކި ތަފާތު މޮޅު ކުޅުމަށް އިޓަލީގެ ކުޅުންތެރިންނާއި ކޯޗަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ނަމަވެސް އިޓަލީން އުފެއްދި ރީތި ހަމަލާތަކާއި ތުރުކީގެ ޑިފެންސުން ވެސް ރީތި ކުޅުމެއް ފެނުނެވެ. ފުރަތަމަ ހާފުގައި ތުރުކީން ޑިފެންސަށް އިސްކަންދީގެން ކުޅުނު ގޭމް ދެ ވަނަ ހާފުގައި ވެސް ޖެހުނީ ދަމަހައްޓާށެވެ. ނަމަވެސް، އިޓާލިއަން ލީގުގެ ޔުވެންޓަސްއަށް ކުޅޭ ޑިފެންޑަރު މެރިހް ޑެމިރާލް އަތުން ބައިކޮޅަށް ލަނޑު ވަނުމުން، ތުރުކީގެ ޒުވާން ޓީމުން ގޭމު ބަދަލުކޮށްލި އެވެ.

ޓީމު ކުރިއަށް ޖެހި ހަމަލާތައް އުފައްދަން ތުރުކީން އެ ހިސާބުން މަސައްކަތްފެށި އެވެ. އެކަމުގެ ފައިދާ ނަގަން ފެށީ އިޓަލީންނެވެ. ތުރުކީގެ ޑިފެންސުން ހުޅުވު ބާގަނޑުތަކުން ވަދެ އިޓަލީގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޗީރޯ އިމްމޯބިލޭ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ލޮރެންޒޯ އިންސީނިއާ ކާމިޔާބު ކުރީ އިމްމޯބިލޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އިޓަލީ އާއި ތުރުކީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަސް

އިޓަލީ އާއި ތުރުކީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަސް

ފުރަތަމަ ހާފުގައި، ނެގި ކޯނަރުތަކުން އިޓަލީން ވަނީ ތުރުކީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނެގި ކޯނަރެއްގައި ކެޕްޓަން، ކިއަލީނީ، ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިޓަލީގެ ކީޕަރު ޑޮނަރުންމާ ޓެސްޓް ކޮށްލެވޭ ވަރުގެ ނުރައްކާތެރި ބޯޅައެއް، ތުރުކީގެ ކުޅުންތެރިންނަށް ފޮނުވައެއް ނުލެވުނެވެ. ނަމަވެސް އިޓަލީން ވަނީ ތުރުކީގެ ކޮޅަށް 24 ހަމަލާ ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އަށް ހަމަލާ ގޯލާ އަމާޒުވި އެވެ.

ޔޫރޯ، މިފެށީ މުބާރާތް ބާއްވަން ތާވަލު ކުރި އަސްލު ތާރިހަށް ވުރެ އެއް އަހަރު ފަހުންނެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި މުބާރާތް މިއަހަރަށް ފަސް ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މުބާރާތުގެ އޮފިޝަލް ނަމެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔޫއެފާއިން ކަނޑައަޅައިފައި ވަނީ ޔޫރޯ 2020 އެވެ.