Roadha Mihaaru
އަލިފާނު ހާދިސާގައި ލިބުނު ގެއްލުން މިލިއަނަކަށް!

މޯނިން ވިއުގެ އަލިފާނު ހާދިސާގައި ލިބުނު ގެއްލުން މިލިއަނަކަށް!

13 ޖޫން 2021

މިދިޔަ މަހު 27 ގައި މއ. މޯނިން ވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޖުމްލަ އަގު 1.3 މިލިއަނަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު 27 ގައި މއ. މޯނިން ވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޖުމްލަ އަގު 1.3 މިލިއަނަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވީ މި ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް ހެދި އެސެސްމަންޓް ނިމި، އެހީގެ ގޮތުގައި އާއިލާތަކަށް ދޭނެ ފައިސާގެ އަދަދު ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މޯނިން ވިއުގެ އާއި އެ ގެއާ އިންވެގެން ހުރި ގެއަށް ލިބުނު ބައެއް ގެއްލުންތައް ވަނީ ބަލައިފަ އެވެ. ޖެހިގެން ހުރި ގޭގެ އިންފާރަށް ލިބުނު ކުޑަ ގެއްލުމެއް ފިޔަވާ އިތުރު ކަމެއް ފާހަގަވެފައެއް ނުވެ އެވެ.

މި އެސެސްމަންޓުގައި ވަނީ ގޭގެ ސްޓްރަކްޗަރަށް ލިބުނު ގެއްލުންތަކާއި ހިފައި ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުންތައް ވެސް ބަލައިފަ އެވެ. އަދި އެހީގެ ގޮތުގައި އާއިލާތަކަށް ސަރުކާރުން ދޭން ނިންމައިފައިވާ ފައިސާގެ އަދަދުތަކުގެ ތަފުސީލު ވެސް ހިއްސާކުރެއްވި އެވެ.

މޯނިން ވިއު ގެއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު

- ސްޓްރަކްޗަރަށް ލިބުނު ގެއްލުން 1.03 މިލިއަން.

- ހިފައި ގެންގުޅޭ ޒާރޫރީ ސާމާނަށް ލިބުނު ގެއްލުން 235،425ރ.

މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ގެއްލުންވެފައި-- ފޮޓޯ: އެމްއެންޑީއެފް

މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ގެއްލުންވެފައި-- ފޮޓޯ: އެމްއެންޑީއެފް

އާއިލާތަކަށް އެހީ ގޮތުގައި ދޭ ފައިސާގެ ތަފުސީލު

- ސްޓްރަކްޗަރަށް ލިބުނު ގެއްލުމުގެ އެހީއެއްގެ ގޮތުން 6 ލައްކަ ރުފިޔާ

- ޒާރޫރީ ހިފައި ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުމަށް އެހީއެއްގެ ގޮތުން 46،000 ރުފިޔާ

އާއިލާތަކަށް އެހީގޮތުގައި ދޭން ނިންމާފައިވާ ފައިސާގެ އިތުރު އާއިލާތަކަށް ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމަށް 342،00ރ. ހަރަދުކޮށްފައިވެ އެވެ.

އެއީ ހާދިސާ ހިނގިފަހުން 21 ދުވަހުގެ މުއްދަތަކަށް، މި މަހު 16 އާ ހަމަ އަށް ވަގުތީ ހިޔާ ހަމަޖެއްސުމަށް 155،000ރ. އާއި ޒަރޫރީ ކެއިންބުއިން ހަމަޖައްސައިދިނުމަށް 141،000ރ. އަދި ޒަރޫރީ އަންނައުނު ހޯދުމަށް ދެވުނު 46،000ރ. އެވެ.

އެ ގޭގައި ދިރިއުޅު ހަތަރު އާއިލާތަކަށް އާންމު ހާލަށް ރުޖޫއަވުމަށް ދެވޭ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ދޭ އެހީތެރިކަމެއްގެ ގޮތުގައި 232،300ރ. ދޭން ވަނީ ނިންމައިފަ އެވެ.

މީގެ ތެރެއިން އެ ގޭގައި ކުއްޔަށް އުޅުނު ދެ އާއިލާއަކަށް އާ ތަނަކަށް ބަދަލުވުމަށް ދެވޭ އެހީތެރިކަމެއްގެ ގޮތުގައި 92،300ރ. ވަނީ ދީފަ އެވެ. އެ ދެ އާއިލާ މީހާރު ވަނީ ތަންތަނަށް ބަދަލުވެފަ އެވެ.

ދެން ތިބި ދެ އާއިލާ އަށް އެ ގެ މަރާމާތުކުރުމަށް ދާ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް 140،000ރ. ދޭން ވަނީ ނިންމައިފަ އެވެ.

"އެންޑީއެމްއޭ އިން ދެނީ ގެއްލުމުގެ ބަދަލެއް ނޫން. އެ ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީގެ ގޮތުގައި ލިބިފައި ހުރި ގެއްލުންތަކަށް ބަލައި ވަކި އަދަދަކަށް ފައިސާ ދެނީ،" އުމަރު ވިދާޅުވި އެވެ.

މޯނިން ވިއު ގޭގައި އަލިފާން ރޯވެގެން އެ މައްސަލަ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 5:00 ގަ އެވެ. ރޯވި އިމާރާތަކީ ފަސް ބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ތަނެކެވެ. އަދި އެންމެ މަތީ ފްލޯ ހަދައިފައި ވަނީ ޓިނުންނެވެ.

މި ހާދިސާ އަށް ފަހު ޑިފެންސްޓް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީ އާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހާލުގައި ޖެހުނު އާއިލާތަކާ ބައްދަލުކުރައްވައިފަ އެވެ.

މީގެ ކުރިން ވެސް މާލޭގައި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. އެންމެފަހުން ހިނގި އެންމެ ނުރައްކާތެރި ހާދިސާއެއް ގޮތުގައި ފާހަގަކޮށްލެވެނީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށިގޭގެ ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި ހާދިސާ އެވެ. އެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ހާލުގައި ޖެހުނެވެ.