Roadha Mihaaru
ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ އަދި ނުލިބޭނެ

ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ އަދި ނުލިބޭނެ

14 ޖޫން 2021

ކޮވިޑް-19 ކޮންޓްރޯލްކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް މި ހަފްތާގައި ލުއި ދޭ އިރު، ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުން ފަދަ ބޮޑެތި ލުއިތައް ނުހިމެނޭނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ކޮންޓްރޯލްކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް މި ހަފްތާގައި ލުއި ދޭ އިރު، ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުން ފަދަ ބޮޑެތި ލުއިތައް ނުހިމެނޭނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީގައި އިއްޔެ ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށްރަށުން އެހެން ރަށްރަށަށް، ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަކީ ރާއްޖޭގައި މިހައިތަނަށް ދިން އެންމެ ބޮޑު ލުއިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މިދިޔަ މަހު ރާއްޖޭގައި ބަލިމަޑުކަމުގެ ހާލަތު ގޯސްވުމާ ހަމަައަށް އޮތް އުސޫލަކީ ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ތިން މަސް ދުވަސް ނުވާ މީހުން ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް އޮތުމެވެ. އޭގެ އިތުރުން ބައެއް މުހިއްމު ކަންތައްތަކަށް ދަތުރުކުރާ މީހުންނަށް ވެސް ވަކި ޝަރުތުތަކަކާ އެކު އެގޮތަށް ދަތުރުކުރެވޭ ގޮތަށް ކުރިން ހަމަޖެއްސި އެވެ.

ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް އެ ފުރުސަތު ދޭން ކުރިން ނިންމި އެވެ. އެކަމަކު ކޮވިޑްގެ ތިން ވަނަ ރާޅެއް ރާއްޖެ އަށް ކުރިމަތިވީ އެ އުސޫލަށް އަމަލުކުރަން އަދި ނުފަށައި އޮއްވަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިރޭ ހަމަވާ އިރު، ބައެއް ލުއިތައް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކް އިއްޔެ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެވެން އޮތް ވަރަކަށް ލުއިދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނާ ނުލައި ދަތުރުކުރުން ފަދަ ލުއިތައް ދެވޭ ވަރަށް ރާއްޖޭގެ ހާލަތު އަދި ރަނގަޅުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ވާހަކަދެއްކެވި އެއްވެސް ތަޖުރިބާކާރެއް ދެކެވަޑައެއް ނުގަންނަވާ އެ ހިސާބަށް އަދި ދެވުނު ކަމަކަށް. އެހެންވީމާ ލުއިތައް ދިނުމުގައިި ވެސް ރިފްލެކްޓްވާނެ އެކަން،" މަބްރޫކް ވިދާޅުވި އެވެ.

މީޑިއާ ބްރީފިންގެ ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ފިޔަވަޅުތަކުގެ މުއްދަތު ހަމަވުމުން ދޭނެ ލުއިތަކާ ބެހޭ ފަހު މަޝްވަރާތައް މިރޭ އޮންނާނެ ކަމަށާއި ދޭނީ ކޮންކޮން ލުއިތަކެއްކަން އަދި ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ސްޕްރެޑް އޮތް ތަންތަނުން އެހެން ތަންތަނަށް ދަތުކުރުން ކޮންޓްރޯލްކުރަން އެޅި ފިޔަަވަޅަށް ލުއި ނުދޭނެކަން ޔަގީނެވެ.

ރާއްޖޭގައި މިދިޔަ މޭ މަހު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވި އެވެ. އޭރު އެގޮތަށް ކަންތައްތައް ދިމާވީ ދަތުރުކުރުުމުގައި ދިން ލުއިތަކާ އެކު އަތޮޅުތަކަށް ބަލި ފެތުރިގަތުމުންނެވެ. މިހާރު އަމަލުކުރަމުން އަންނަ ފިޔަވަޅުތައް އެޅީ އެހިސާބުންނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 70،0301 އެވެ. އޭގެ ތެރެއިން 197 މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 9،335 އެވެ.