Roadha Mihaaru
ޕާކްކޮށްފައި އޮތް ކާރެއް އެ ދިޔައީ ބިމު އަޑިއަށް

ޕާކްކޮށްފައި އޮތް ކާރެއް އެ ދިޔައީ ބިމު އަޑިއަށް

15 ޖޫން 2021

އިންޑިއާގެ މުމްބާއީގެ މަގެއްގައި ޕާކްކޮށްފައި އޮތް ކުޑަ ކާރެއް އެ އޮތް ތަނާ ދިމާލުން ތާރުގަނޑު ފޫއަޅައި އަޑިއަށް ދާ ވީޑިއޯއަކަށް އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މުމްބާއީގެ މަގެއްގައި ޕާކްކޮށްފައި އޮތް ކުޑަ ކާރެއް އެ އޮތް ތަނާ ދިމާލުން ތާރުގަނޑު ފޫއަޅައި އަޑިއަށް ދާ ވީޑިއޯއަކަށް އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި ވީޑިއޯ އިން ފެންނަނީ ފެން ވެސް ހެދިފައިވާ ވަޅުގަނޑުގެ ތެރެއަށް ކާރުގެ ކުރީކޮޅު ގަނބައިގަނެ، އޭގެ ތެރެއަށް މަޑުމަޑުން އެއްކޮށް ދާ ތަނެވެ. އަޑިއަށްދާ ކާރުގެ ކައިރީގައި އިތުރު ކާރުތަކެއް އޮތް ތަން ވެސް ފެނެ އެވެ. އެކަމަކު އެއިން އެއްވެސް އެއްޗަކަށް އެއްވެސް އަސަރެއް ނުކުރެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ހެނދުނު މުމްބާއީގެ ގަޓްޕޯކަރު ނެއިބަހުޑްގައި ކަމަށެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އެ މީހުން ގޮސް އެތަން ބަލާފައިވެ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވި ގޮތުގައި ކާރު އޮތް ދިމާލުން ބޮޑު ވަޅުގަނޑެއް ހެދުނީ އެތަން ބައްދަން އަޅާފައި ހުރި ކޮންކްރީޓް ނެއްޓިގެންނެވެ. އަދި އެގޮތަށް ދިމާވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ކާރު ވަޅުގަނޑުގެ ތެރެއަށް އަޑިއަށް ދިޔަ އިރު އޭގައި މީހަކު ނެތެވެ. އެކަމަކު އެ އަޑިއަށްދާ އިރު ފަހަތުގެ ލައިޓްތައް ދިއްލިފައި ހުންނަ ތަން ފެނެ އެވެ.

މުމްބާއީގެ މުނިސިޕަލް އިން މިހާރު ވަނީ އެ ޕްރައިވެޓް ކާރު ނަގައިފަ އެވެ.