Roadha Mihaaru
ފްރާންސް އާއި ޖަރުމަން ބޮޑު ކުރިމަތިލުމަކަށް

ފްރާންސް އާއި ޖަރުމަން ބޮޑު ކުރިމަތިލުމަކަށް

15 ޖޫން 2021

މިއުނިކް (ޖޫން 15) - ޔޫރޯ 2020ގެ ގުރޫޕް އެފްގައި މިރޭ ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗަކީ، މި މުބާރާތުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗެވެ. މި ދެ ގައުމަކީ ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ މި މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓެވެ. އަނެއްކޮޅުން، އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ޖަރުމަންގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބާއެކު، ޖަރުމަންގެ ފެންވަރު މި މުބާރާތުގައި ސާބިތުކޮށްދޭން އެ ޓީމުން ބޭނުންވާނެ އެވެ.

މިއުނިކް (ޖޫން 15) - ޔޫރޯ 2020ގެ ގުރޫޕް އެފްގައި މިރޭ ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗަކީ، މި މުބާރާތުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗެވެ. މި ދެ ގައުމަކީ ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ މި މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓެވެ. އަނެއްކޮޅުން، އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ޖަރުމަންގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބާއެކު، ޖަރުމަންގެ ފެންވަރު މި މުބާރާތުގައި ސާބިތުކޮށްދޭން އެ ޓީމުން ބޭނުންވާނެ އެވެ.

މި މެޗު ކުޅޭނީ ޖަރުމަންގެ މިއުނިކްގެ އަލިއަންޒް އެރީނާގަ އެވެ. އެހެންކަމުން، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ޖަރުމަނަށް ކުރިމަތިވާނެ އިތުރު ޕްރެޝަރަކަށްވެދާނެ އެވެ. މި މެޗަށް ގާތްގަނޑަކަށް 14،500 ސަޕޯޓަރުން ވައްދާނެ އެވެ.

ޖަރުމަންގެ ކޯޗުކަމުގައި 15 އަހަރު ހޭދަކުރުމަށް ފަހު، އެ ޓީމުގެ ކޯޗުކަމުން ޔަކިމް ލޯވް މި އަހަރުގެ ޔޫރޯ އަށް ފަހު ވަކިވާނެ އެވެ. އެހެންކަމުން، ވަދާއީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ލޯވް ވެސް ބޭނުންވާނެ އެވެ.

ފްރާންސްގެ މުހިންމު ދެ ކުޅުންތެރިން ފިޓު

މި މެޗަށް ނުކުންނައިރު، ފްރާންސްގެ ދެ ފޯވަޑުން ކަމަށްވާ އެންޓުއާން ގްރީޒްމަން އާއި ކަރީމް ބެންޒެމާގެ ފިޓްނަސްއާމެދު ސުވާލު އުފެދިފައި އޮތް ނަމަވެސް، މި ދެ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ފިޓެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފުތާގައި ބަލްގޭރިއާއާ ދެކޮޅަށް ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗުގައި މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާގެ މައްސަލަަތަކެއް ކުރިމަތިވި އެވެ.

ފްރާންސްގެ ޓީމަށް ބެންޒެމާ އެނބުރި އައީ ޓީމާ ދުރުގައި ހަ އަހަރު ހޭދަކުރުމަށް ފަހު އެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ރޭވުންތަކުގައި، ބެންޒެމާގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ޖަރުމަންގެ މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ މިރޭގެ މެޗުގައި ނުފެންނާނެ އެވެ. އަނިޔާގެ ސަބަބުން އޭނާ އަދިވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

ފްރާންސްގެ ބެންޒެމާ (ކ) ޓީމުގެ ކުޅުންތެރިންނާއެކު. -- ފޮޓޯ / އޭއެފްޕީ

ފްރާންސްގެ ބެންޒެމާ (ކ) ޓީމުގެ ކުޅުންތެރިންނާއެކު. -- ފޮޓޯ / އޭއެފްޕީ

ކޯޗުންގެ ބަސް

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޖަރުމަންގެ ކޯޗު ލޯވް ބުނީ ޖަރުމަންގެ ޓީމު އޮތީ ކާމިޔާބު ހޯދުމަށް އަމާޒު ހިފާފައި ކަމަށެވެ. އަދި މި މެޗަކީ ފާއިތުވި ދެ ހަފުތާގައި ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ދައްކާލަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ޓީމުގައި އޮތީ ވަރަށް ރަނގަޅު ރޫހެއް. ކުޅުންތެރިން ތިބީ ކާމިޔާބަކަށް ފެންބޮވައިގަނެފައި. މިއީ އަހަރަމެން ފާއިތުވި ދެ ހަފުތާއެއްގައި ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ ދައްކަން ލިބޭ ފުރުސަތު،" ލޯވް ބުންޏެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މި މެޗުގައި ކުރި ލިބޭނީ، އޭޓޭކް އަދި ޑިފެންސްގައި ވެސް މޮޅަށް ކުޅެގެން ކަމަށެވެ.

"މިއީ ފްރާންސް އަދި ޖަރުމަނަށް ވެސް ވަރަށް ބޮޑު މެޗެއް. އަހަރަމެން މި މުބާރާތް މި ފަށަން ޖެހެނީ ވަރަށް ބޮޑު ކުރިމަތިލުމަކުން،" ޑެޝޯމްޕްސް ބުންޏެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

* މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފްރާންސް އާއި ޖަރުމަން ކުރިމަތިލާ ހަ ވަނަ ފަހަރެވެ. އެކަމަކު މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ގުރޫޕް ސްޓޭޖުގައި މި ދެ ގައުމު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

* މީގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން، ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗު ކާމިޔާބުކޮށްފަ އެވެ. އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

* ޔޫރޯގައި މި ދެ ޓީމުގެ މީގެ ކުރިން ބައްދަލުކުރި މެޗަކީ 2016 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ފްރާންސެވެ.

* ޖަރުމަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ފްރާންސް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ފްރާންސް ބައްޔެއް ނުވެ އެވެ. އެންމެ ފަހުން މި ދެ ޓީމު ޖަރުމަންގެ ދަނޑުގައި ކުޅުނީ 2018 ވަނަ އަހަރެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެނެވެ.

* މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރު، ޔުއޭފާ ނޭޝަންސް ލީގުގެ މެޗެއްގަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ފްރާންސެވެ.

އެނގޭތަ ؟

* މިރޭގެ މެޗަކީ ޔޫރޯގައި ކޯޗެއްގައި ގޮތުގައި ޖަރުމަންގެ ކޯޗު ޔަކިމް ލޯވް ނުކުންނަ 18 ވަނަ މެޗެވެ. މިއީ އާ ރެކޯޑެކެވެ. ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި މީގެ ކުރިން ލޯވްގެ އިރުޝާދުގެ ދަށުން ޖަރުމަން ނިކުތް ހަ މުބާރާތުގެ ތެރެއިން، ފަސް މުބާރާތެއްގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފަ އެވެ.