Roadha Mihaaru
"ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު"

ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު: ދޮންބިލެތް ހަލީމް

16 ޖޫން 2021

ލޯކަލް ކައުންސިލްތައް ނުލިބުމުން، ގާނޫނަށް ބަދަލު ގެނެސްގެން ސިވިލްސާވިސް މެދުވެރިކޮށް ވެރިޔަކު ލާން އުޅުމަކީ ހުތުރު ކަމެއް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތައް ނުލިބުމުން، ގާނޫނަށް ބަދަލު ގެނެސްގެން ސިވިލްސާވިސް މެދުވެރިކޮށް ވެރިޔަކު ލާން އުޅުމަކީ ހުތުރު ކަމެއް ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ލަފާ ހޯދުމެއް ނެތި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން ގެމަނަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސައީދު ބިލެއް ހުށަހެޅުއްވުމުންނެވެ.

ސައީދު އެ އިސްލާހު އެގޮތަށް ހުށަހެޅުއްވިއިރު، ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ކައުންސިލެއްގެ ލަފާގެ މަތިން ސީއެސްސީންނެވެ.

އެ އުސޫލު ބަދަލުކުރަން ސައީދު އިސްލާހު ހުށަހެޅުއްވުމުން ސަރުކާރުން ވެސް ވަނީ އެއާ ދެކޮޅު ހަދައިފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް ކައުންސިލްގެ ލަފާ ހޯދުން ކަމަށެވެ.

ސައީދުގެ އިސްލާހާ މެދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އެ ބިލާ އެއްކޮޅަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވާހަކަ ދައްކަވަނިކޮށް، ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ވިދާޅުވީ ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ކައުންސިލްތައް ނުލިބުނު މީހުން ކަމަށެވެ.

"ވަރަށް ހުތުރު ބަދަލެއް ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ ކައުންސިލް ނުލިބުމުގެ ސަބަބުން ދެން އެ އުޅުއްވަނީ ޒިންމާދާރުވެރިޔާ ސިވިލް ސާވިސް މެދުވެރިކޮށް ލާން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކައުންސިލްގެ ލަފައާ އެކު ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރާ ގޮތަށް ގާނޫނު ބަދަލުކުރީ ޒިންމާދާރުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން ކައުންސިލްތަކަށް ނުލިބިގެންނެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްްޔަން ކުރާއިރު ކައުންސިލްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުގައި ތިއްބަވާނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އާ ކައުންސިލްތަކާ އެކުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާވާ މި ދަނޑިވަޅުގައި މިފަދަ އިސްލާހެއް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަަށް މޯޑް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި އިސްލާހު މި ގޮތަށް ގެނެސްގެނެއް ލާމަރުކަޒީ ނިޒާމަކަށް ވެސް އަދި ސިވިލްސާވިސް ގާނޫނަކަށް ވެސް އަޅުގަނޑުމެންނަށް އެ ގެނެވެނީ އިތުރު ފުރިހަމަކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މުހަންމަދު އަބްދުﷲ ޝަފީގު (މޯޑު) ކޮމިޓީ ބައްދަލުުވުމެއްގައި ބަައިވެރިވެވަޑައިގަަންނަވަނީ. ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލެއް ލާން އޭނާ ވެސް ދެކޮޅު.

މުހަންމަދު އަބްދުﷲ ޝަފީގު (މޯޑު) ކޮމިޓީ ބައްދަލުުވުމެއްގައި ބަައިވެރިވެވަޑައިގަަންނަވަނީ. ކައުންސިލްގެ ބަހެއް ނެތި ސެކްރެޓަރީ ޖެނެރަލެއް ލާން އޭނާ ވެސް ދެކޮޅު.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ކައުންސިލެއްގެ ނިންމުންތައް ތަންފީޒުކުރަން ހުންނަ ސިވިލް ސާވިސްގެ އެންމެ އިސް މީހަކީ ކައުންސިލްގެ ރުހުމާ އެކު އަންނަ މީހަކަށް ހެދީ ބޮޑު މައްސަލައެއް ކުރިމަތިވެގެން ކަމަށެވެ. އެއީ ކައުންސިލްތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަންތައްތައް ލަސްވުމާއި ހުރަސް އެޅުމެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން އެދޭ ގޮތަށް އިންތިހާބުގެ ނަތީޖާ ނައީއޭ ކިޔާފަކާއެއް އަޅުގަނޑުމެން އެ ބާރު އަތުލަން އުޅުން އެއީ އަޅުގަނޑުމެންގެ ތެދުވެރިކަމާއި އަޅުގަނޑުމެންގެ އިހުލާސްތެރިކަމާ ދޭތެރޭގައި ރައްޔިތުން ސުވާ ލުއުފައްދާނެ ކަމެއް،" ވައްޑޭ ވިދާޅުވި އެވެ.

ގާނޫނަށް އެ ބަދަލު ގެނައީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ، މިހާރު އޮތް 19 ވަނަ މަޖިލީހުންނެވެ.

އޭނާ ވިދާޅުވީ އަނެއްކާ ވެސް ބަދަލު ގެންނަން ބައެއް މެމްބަރުން މަސައްކަަތް ކުރައްވަނީ ކައުންސިލްތައް ނުލިުބުމުން ކަމަށެވެ.