Roadha Mihaaru
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް

ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް

02 ޖޫން 2020

ލާމަރުކަޒީ ނިޒާމްގެ ހިންގުން ނުހުއްޓި ސަލާމަތްވީ ހަނި ގޮތަކަށެވެ. ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު މާދަމާ ހަމަވާނެ އެވެ. ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅި އެކަމަކު މަޖިލީހުން ދިގުދެންމި އިސްލާހު ރޭ ދަންވަރު ފާސްނުކުރި ނަމަ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް ހުއްޓި، ގާނޫނީ ގޮތުން ބޮޑު ހުސްކަމެއް ކުރިމަތިވީހެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލާމަރުކަޒީ ނިޒާމްގެ ހިންގުން ނުހުއްޓި ސަލާމަތްވީ ހަނި ގޮތަކަށެވެ. ކައުންސިލްތަކުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު މާދަމާ ހަމަވާނެ އެވެ. ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅި އެކަމަކު މަޖިލީހުން ދިގުދެންމި އިސްލާހު ރޭ ދަންވަރު ފާސްނުކުރި ނަމަ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް ހުއްޓި، ގާނޫނީ ގޮތުން ބޮޑު ހުސްކަމެއް ކުރިމަތިވީހެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދަންވަރު ބާއްވައި، އުފެދުނު ހިޔާލުތަފާތުވުމުގައި އިދިކޮޅު މެމްބަރުން ބޭރުކޮށްގެން ނަމަވެސް ލާމަރުކަޒީ ނިޒާމް ދަމަހައްޓައިފި އެވެ. އެމްޑީޕީގެ 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރީ 74 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ބައެއް މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހު

- ކައުންސިލަރުންގެ ދައުރު ދަންމާލީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަކުރެއް އިތުރުކޮށްގެން.

- (ޅ) ގައި ހިމެނީ ކައުންސިލް އިންތިޚާބު ބާއްވައި މެމްބަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް.

- (ކ) އަށް ހުށަހެޅި އިސްލާހުގައި ވަނީ މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތަށް ކަމަށް.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމުން ވަނީ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައި. --ފޮޓޯ/މިހާރު

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމުން ވަނީ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައި. --ފޮޓޯ/މިހާރު

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ އެވެ. އެއާ އެކު ދެން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލެވެ. މި ބިލް ފާސްކުރީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް މިހާރު ދީފައިވާ ގާނޫނީ ބޮޑެތި ބައެއް ބާރުތައް ހަނިކުރުމަށް ފަހު އެވެ.

މި ބިލް ފާސްކުރީ، މިދިޔަ އެޕްރީލް 4 ގައި ބާއްވަން އުޅުނު ކައުންސިލްތަކުގެ އިންތިޚާބު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ނުބޭއްވުމުން، ކުރިމަތިވެދާނެ ގާނޫނީ ހުސްކަމުން އަރައިގަނެ، ކައުންސިލްތަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށެވެ. މި ބިލުން ބާރުތަކެއް ހަނިކުރީ، އިންތިގާލީ ކައުންސިލަރުން ޒިންމާދާރުކުރުވުމުގެ ގޮތުންނެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (މ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި(ކ) ނައިބު ރައީސް ފައިސަލް ނަސީމް(ވ) ބައިވެރިވެވަޑައިގަންނަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (މ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި(ކ) ނައިބު ރައީސް ފައިސަލް ނަސީމް(ވ) ބައިވެރިވެވަޑައިގަންނަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ބަލީގެ ހާލަތު ރަނގަޅުވުމުން ބާއްވާ އިންތިޚާބަކުން އާ ކައުންސިލަރުން އިންތިޚާބުވުމާ ހަމައަށް ދެމިތިބޭ ކައުންސިލަރުންގެ ޒިންމާއަކީ ލާމަރުކަޒީ ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ. އެހެންވެ، މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދޭން އެ ކައުންސިލަރުންގެ މައްޗަށް ލާޒިމެވެ.

ހަނިކުރި ބާރުތައް

ލާމަރުކަޒީ ގާނޫނުން ކައުންސިލަރުންނަށް ކުރިން ދީފައިވާ ބާރުތައް ހަނިކުރީ ބިލުގެ ހަތަރު ވަނަ މާއްދާ އިންނެވެ. އެ މާއްދާގެ ނ. އިން ވަނީ ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ފަދަ ރައުސުލްމާލެއް ހަ މަސް ދުވަހަށް ވުރެން ދިގު މުއްދަތަށް ވިއްކުމާއި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް އަގެއް ނުލިބޭ ގޮތަށް ހަވާލު ނުކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން، ކައުންސިލް ޒިންމާވާ ގޮތަށް ދަރަންޏަށް ފައިސާ ދިނުމާއި އާއްމު ޚިދުމަތްތައް ދިނުމަށް އިންވެސްޓްކުރުމާއި އެހެނިހެން ވިޔަފާރިތަކަށް އިންވެސްޓްކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާ އިން ޚަރަދުކުރުމާއި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމާއި ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަން ވާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަިއގެން ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ކައުންސިލްތަކުގެ ވަގުތީ މުއްދަތުގައި އާމްދަނީ އާއި ޚަރަދާއި މާލީ ހިސާބު ކޮންމެ ކައުންސިލަކުން ވެސް އެލްޖީއޭ އާއި އޮޑިޓް އޮފީހަށް ހުށަހަޅަން ޖެހެ އެވެ. މި ހިސާބުތައް ހުށަހަޅަން ޖެހެނީ، ބިލްގައިވާ ގޮތުން ނަމަ، އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާތާ ދެ ހަފުތާގެ ކުރިންނެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ: މި އިންތިޚާބުގައި ހޮވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވާނީ ކައުންސިލް އިންތިހާބު ދެން ބޭއްވުމުން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ގެނެސްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ: މި އިންތިޚާބުގައި ހޮވި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވާނީ ކައުންސިލް އިންތިހާބު ދެން ބޭއްވުމުން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ގެނެސްފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އާ ބިލްގައިވާ ގޮތުން ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވިޔަސް އިންތިޚާބަކުން އެ އަދަދު ހަމައެއް ނުކުރާނެ އެވެ. ބަދަލުގައި، ކައުންސިލް މަސައްކަތް ކުރާނެ އުސޫލް އެކުލަވާލުމުގެ ބާރު ދީފައި ވަނީ އެލްޖީއޭ އަށެވެ. މި ބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ ދެ ހަފުތާ ތެރޭގައި، ކައުންސިލްތައް ހިންގާނެ އުސޫލްތައް ވެސް އެލްޖީއޭ އިން އެކުލަވާލައި ކައުންސިލްތަކަށް އަންގަން ޖެހެ އެވެ.

ބޮޑު ބަދަލެއް: އެލްޖީއޭގެ ބޯޑަށް އާ މެމްބަރުން

ކައުންސިލަރުންގެ މަގާމުގައި ބޭތިއްބި ނަމަވެސް އެލްޖީއޭ ބޯޑުގައި ތިއްބެވި މެމްބަރުންގެ ދައުރު މި ގާނޫނާ އެކު ހަމަވެ ބޯޑު އުވުނީ އެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ހަފުތާއެއްގެ ތެރޭގައި އެލްޖީއޭގެ ބޯޑަށް ހަތް މެމްބަރަކު ރައީސް އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވާ ފަސް މެމްބަރުންނަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މިންނާ ރަޝީދާއި އާމިރު އަލީ އާއި އަހްމަދު ހަސަންގެ އިތުރުން މުހައްމަދު ޝަފީގް މަހްމޫދެވެ.

މި ބޯޑަށް އައްޔަންކުރާ މެމްބަރުންގެ ތެރޭގައި ދައުލަތުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އެ މެމްބަރަކު އަދާކުރާ ވަޒީފާ އިން ލިބޭ އުޖޫރައިގެ އިތުރަށް އެއްވެސް އުޖޫރައެއް ނުލިބޭނެ އެވެ.

އެލްޖީއޭގެ ބޯޑު ބަދަލުކުރިޔަސް ގާނޫނުން އެ ބޯޑާ މިހާރު މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ބަދަލެއް ނުގެނެ އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު މި ގެނައީ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމުގެ ބަދަލުގައި، މަޖިލީހުން އެހެން ހައްލުތަކެއް ހޯދަން މަސައްކަތް ކުރުމަށް ފަހު އެވެ. އެންމެ ފަހުން މަޖިލީހުގެ ނިންމުން ބަދަލުކުރީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކައުންސިލްތަކުގެ ދައުރު ދަންމަން ސުޕްރީމް ކޯޓުން ލަފާ ދިނުމުންނެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހިތްހަމަނުޖެހުނީ، އިންތިހާބު ލަސްކުރަން ޖެހުމުން ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލަ ހައްލުކުރަން ވަގުތު ލިބި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އެކަން ނުކުރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އެ ލަސްވުމުގެ ފަހަތުގައި ހުންނެވީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ގޮތް ވެސް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔާ ހިލާފު ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި، ޕީޕިއެމްގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ރޭގެ ޖަލްސާ ކުރިއަށް ގެންދިޔައީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރެގެންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެރުނު ވަގުތު މަޖިލީހުގެ ނިޒާމު ގެއްލިފައި

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ނެރުނު ވަގުތު މަޖިލީހުގެ ނިޒާމު ގެއްލިފައި

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާއި ކައުންސިލްތަކުގެ ދައުރު އަދާކުރާނެ ގޮތުގެ ބިލް އަވަހަށް ތަސްދީގު ކުރައްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށް މަޖިލިސް ނިންމަވާލައްވަމުން ރިޔާސަތުން ނަޝީދު އިއުލާން ކުރެއްވި އެވެ.

ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި އަތްނުލައި ގާނޫނެއް ހުށަހަޅައިގެން ހައްލުތަކެއް ހޯއްދަވަން ކުރިން މަސައްކަތް ކުރެއްވި ނަމަވެސް ގާނޫނުއަސާސީ އިސްލާހުކުރަން ފާސްވުމާ އެކު ނަޝީދު ރޭ ވަނީ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ލާމަރުކަޒީ ނިޒާމަށް ގާނޫނީ ހައްލެއް ހޯދައި ނިމުނީ "ރަނުން ރަނަށް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް މިކަން ނިންމުމަށް މި ލިބުނީ ވަރަށް ހަނި ފުރުސަތުތަކެއް. ވަރަށް ދަތި ޖާގަތަކެއް. ނަމަވެސް ހުރިހާ އިއްޒަތްތެރި މެމްބަރުންނާއި މިކަމުގައި ބައިވެރިވި ހުރިހާ އެންމެންގެ އެއްބާރުލުމާ އެކުގައި މިކަން އަޅުގަނޑުމެންނަށް މި ނިންމުނީ،" ނަޝީދު ވިދާޅުވި އެވެ.