Roadha Mihaaru
އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ

އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ

17 ޖޫން 2021

ފްލެޓު އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ދައުވާތަކެއް ކޮށްފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފްލެޓު އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ދައުވާތަކެއް ކޮށްފައިވާ ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

މިދިޔަ މާޗު މަހު ސްރީ ލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށްފަހު އެކި ފަހަރު މަތިން އައްމަޓީގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވެ އެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް އިތުރު ކުރީ ހަތް ދުވަހެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ބަންދު ރިވިއު ކުރުމުގެ ބައިގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އައްމަޓީ ބަންދުން ދޫކޮށްލާށެވެ. ނަމަވެސް އެ ފުރުސަތު ދިނީ މާލެއިން ބޭރަށް ނުދިޔުމަށާއި ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހުގަ އެވެ.

ދައުލަތުން ވަނީ އައްމަޓީ ހެއްކަށް ނުފޫޒު ފޯރުވުމާއި ފިލައިގެން ހިނގައިދާނެތީ އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ދައުލަތުން އެދުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

އެކަމަށް ރައްދުގައި އައްމަޓީ ބުނީ ޝަރީއަތަށް އެއްބާރުލުން ދޭނެ ކަމަށާއި، ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް އަދި ފިލައިގެން ވެސް ނުދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ވ. ތިނަދޫ، ރެޑްހައުސް، އައްމަޓީ ބަންދުން ދޫކޮށްލަން ނިންމި ނިންމުމާ މެދު އެ އޮފީހުން ހިތްހަމަނުޖެހޭ ކަމަށެވެ. އެ ނިންމުން މަތީ ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ޔުނިޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް އުފުލައިފަ އެވެ.