Roadha Mihaaru
މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި 400އެއްހާ މީހުން

ހާލަތު ބަދަލެއް ނުވި، މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި 400 އެއްހާ މީހުން

22 ޖޫން 2021

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަން ޑްރަގު ކޯޓުން ހުކުމްކުރިޔަސް ތަފާތު އެކި ސަބަބުތަކާ ހެދި މި ވަގުތު ފަރުވާ ނުފެށި 400 އެއްހާ މީހުން އެބަތިބި ކަމަށް ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަން ޑްރަގު ކޯޓުން ހުކުމްކުރިޔަސް ތަފާތު އެކި ސަބަބުތަކާ ހެދި މި ވަގުތު ފަރުވާ ނުފެށި 400 އެއްހާ މީހުން އެބަތިބި ކަމަށް ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން ރަށްތައް މޮނިޓަރިންގައި އޮތުމުން ފަރުވާ އަށް މީހުން ފޮނުވަން އުނދަގޫ ކަމަށެވެ. ނަމަވެސް، އިމަޖެންސީ ހާލަތެއްގައި އެޗްޕީއޭގެ ހުއްދައާ އެކު އެ ރަށްރަށަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި ވަގުތު ވެސް ފަރުވާ ނުފެށި 396 މީހުން އެބަތިއްބެވެ.

އެންޑީއޭ އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން 258 މީހުން ވެއިޓިން ލިސްޓުގައި އެބަތިއްބެވެ. ކޮމިއުނިޓީގައި ތިބެގެން ރަނގަޅުވުމަށް ހުކުމްކޮށް، ފަރުވާ ނުފެށި ތިބި މީހުންގެ އަދަދަކީ 138 އެވެ.

ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރެސިޑެންޝަލް ފަރުވާދޭ ސެންޓަރު، ހިންމަފުށީ ސެންޓަރުގެ ޖާގައަކީ 172 އެވެ. އެކަމަކު އެ ސެންޓަރުގައި ފަރުވާ ދޭ މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދެން ގާއިމްކޮށްފައިވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރުތަކެވެ.

އޮފިޝަލް ވިދާޅުވީ ފަރުވާއަށް އެ މީހުން ނުފޮނުވޭތީ އުނދަގޫވާ ކަމަށެވެ. އަދި ފަރުވާ ނިންމުމަށް ފަހު ވެސް ދާނެ ވަކި ތަނެއް ނެތުމުން އެ ސެންޓަރުން ދޫކޮށްނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރުވާ ނުފެށި ލަސްވާ ނަމަ، ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރެ އެވެ.

އެ ވަބާ އިން ސަލާމަތްވުމަށް ފަރުވާ ނުފެށި 400 އެއްހާ މީހުން ތިބިއިރު، މާލޭގެ މިސްކިތްތަކަށް އަރައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ފަދަ މައްސަލަތަކަކާ ގުޅިގެން މި ފަހުން ވެސް މިސްކިތުން ބަޔަކު ހައްޔަރުކުރި އެވެ.