Roadha Mihaaru
ޖެންޑާއަށް ނޫސްތަކަށް ފިޔަވަޅެއް ނޭޅޭނެ: އެމްއެމްސީ

ޖެންޑާއަށް ނޫސްތަކަށް ފިޔަވަޅެއް ނޭޅޭނެ: އެމްއެމްސީ

24 ޖޫން 2021

ރަހީނުކޮށް ކުއްޖަކު މަރާލި ޚަބަރު ރިޕޯޓުކުރި ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް ނޫސްތަކަށް ފިޔަވަޅު އެޅިޔަސް އެއީ އެ މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަހީނުކޮށް ކުއްޖަކު މަރާލި ޚަބަރު ރިޕޯޓުކުރި ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް ނޫސްތަކަށް ފިޔަވަޅު އެޅިޔަސް އެއީ އެ މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އެކަން ކުށްވެރިކޮށްފި އެވެ.

ޖެންޑާ އިން ވަނީ "އަވަސް" ނޫސް 2،000ރ. އިން ޖޫރިމަނާކޮށް "ވަގުތު" ނޫހާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް ނަސޭހަތް ދީފަ އެވެ.

އެމްއެމްސީން ބުނީ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން އޮތީ އެ ކޮމިޝަނަށް ކަމަށާއި ޖެންޑާ އިން ފިޔަވަޅު އަޅައިފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި މީޑިއާ އިން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކުރާ އުސޫލު އެކުލަވައިލުމުގެ ބާރު ލިބިފައި ވަނީ އެ ކައުންސިލަށް ކަމަށެވެ.

މީޑިއާގައި ޝާއިއުކުރާ އެއްޗެހީގެ މައްސަލަ ބެލުމުގެ ގާނޫނީ ބާރު ލިބިގެންވަނީ އެމްއެމްސީ އަށް ކަމަށާއި އެ ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމުން ކަންބޮޑުވާ ކަމަށާއި އެ އަމަލު ކުށްވެރިކުރާ ކަމަށް ވެސް އެމްސީސީން ބުނެފައިވެ އެވެ. އަދި ޖަބާވުދާރީވުމުގެ ފުރުސަތު ނުދީ އުސޫލުގެ ބޭރުން، އެމްއެމްސީ ނޫން އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން މީޑިއާއަކަށް ފިޔަވަޅު އެޅުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

"މިފަދަ މައްސަލަތުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައި ވެސް ކައުންސިލުން ނުދެކެމެވެ. އަދި މި ބީދައިން މީޑިއާ ޖޫރިމަނާކޮށް އަދަބުދިނުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ އިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުން ދަނިކޮށް، ނޫސްވެރިންގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

ކުޑަކުއްޖެއްގެ ވަނަވަރާއި އެ ކުއްޖާއަކީ ކާކުކަން އެނގޭ މައުލޫމާތު ހާމަކުރުމުން ޖެންޑާ މިނިސްޓްރީން މީޑިއާއެއް ޖޫރިމަނާކުރި މިއީ ފުރަތަމަ ފަހަރެވެ.

ޖެންޑާ މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ސޯޝަލް މީޑިއާގައި މައުލޫމާތު އާންމުކުރާ ނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީ އަށް ލިބިގެންވާ ކަމަށެވެ.

ކުޑަކުއްޖާގެ މަރާ ގުޅިގެން ބައެއް މީޑިއާތަކުން އެމްއެމްސީގެ ގައިޑްލައިންތަކާއި ހިލާފަށް ޚަބަރާއި މައުލޫމާތު ޝާއިއުކޮށްފައިވާ ކަން ފާހަގަކުރެވުމާ އެކު މީޑިއާގެ ސަމާލުކަމަށް އެ ކައުންސިލުން އެކަން ގެނެސްފައިވާނެ ކަމަށާއި މިކަމާ ގުޅިގެން އެ ކައުންސިލުން އެސަސްމަންޓެއް ވެސް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި އެސަސްމަންޓް ހަދަން ނިންމާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް ކޮމިޓީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ހިއްސާކޮށްފައި ވާނެ ކަމަށް ބުންޏެވެ.

އެމްޖޭއޭ އިން ވެސް ކުށްވެރިކޮށް ކަންބޮޑުވުން

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް އަޅަން ނިންމި ފިޔަވަޅުތައް ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީޑިއާ ރެގިއުލޭޓް ކުރާނެ ގޮތާއި އެކަން ކުރާ މުއައްސަސާތައް ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، އެފަދަ އެއްވެސް މުއައްސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް ވެސް ނެތި ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރުދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

"ސަރުކާރުގެ ސިޔާސީ ނުފޫޒާ އެކު އަދި ސަރުކާރުގެ ފަރާތުން މީޑިއާތައް ރެގިއުލޭޓްކުރަން އުޅުމުގެ ހިތި ތަޖުރިބާ މީގެ ކުރިން ރާއްޖޭގެ ނޫސްވެރިން ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ މިންވަރު ނުހަނު ސާފުކޮށް ފެނިގެން ގޮސްފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންގޮސް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ސީދާކޮށް އަދި ނުސީދާކޮށް ވިޔަސް، ނުފޫޒު ފޯރުވުން ހުއްޓާލުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.