Roadha Mihaaru
ފިއްތުންތައް ކުރިމަތިކުރިޔަސް ޗައިނާގެ މައްސަލައެއް ނެތް

އެމެރިކާގެ ފިއްތުންތަކުން ޗައިނާގެ ގުޅުން ހީނަރެއް ނުވާނެ

30 ޖޫން 2021

އެމެރިކާ އިން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިޔަސް، ޗައިނާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާހް ޚާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިޔަސް، ޗައިނާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާހް ޚާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ޓީވީ ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ޚާން ވިދާޅުވީ ޗައިނާއާ އެކު ގުޅުން ނުބާއްވައި، ވަކި ބަޔަކާ އެކު ގުޅުން ބަދަހިކުރުމަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޕާކިސްތާން ފަދަ ގައުމުތަކަށް ބާރުއެޅުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ވަކި ފަރާތަކަށް ޖެހުމަށް، އަހަރެމެން ފަދަ ގައުމުތަކަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރުމަކީ ވަރަށް ބޭއިންސާފު އަމަލެއް. ޗައިނާ އާއި ޕާކިސްތާނާ އެކު އޮތް ގުޅުން މިހާރު އޮތް ފެންވަރަށް ވުރެ ދަށް ކުރުމަށް ނުވަތަ އެ ގުޅުން ބަދަލުކުރުމަށް، ޕާކިސްތާނަށް ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިޔަސް، އެ ގުޅުން ބަދަލެއް ނުވާނެ، އެކަމެއް އެ ގޮތަކަށް ނުވާނެ،" އިމްރާން ޚާން ވިދާޅުވި އެވެ.

"ޗައިނާއާ އެކު އޮތީ ވަރަށް ފުން ގުޅުމެއް. މިއީ ދެ ސަރުކާރެއްގެ ދެމެދުގައި އޮތް ގުޅުމެއް ނޫން. މިއީ ރައްޔިތުންނާއި ރައްޔިތުންނާ ދެމެދުގައި އޮތް ގުޅުމެއް. ކޮންމެ ގޮތަކަށް ކަންތައް ހިނގައި ދިޔަސް، އަދި ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތި ކުރިޔަސް، މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަލެއް ނުވާނެ."

އޭނާ ވިދާޅުވީ ސަރަހައްދީ މައްސަލަތަކުގައި ވެސް ޗައިނާ އާއި ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ގުޅުން އަންނަނީ ބަދަހިވަމުން ކަމަށާއި، ބައިނަލްއަގުވާމީ ކަންކަމުގައި ވެސް ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ޕާކިސްތާން ހިމެނޭ ސަރަހައްދުގައި ވަރަށް ވާދަވެރި ވަރަށް އާދަޔާ ހިލާފު ކަންތަކެއް ހިނގަމުން އަންނަ ކަމަށެވެ.

"ޗައިނާއާ މެދު ހިތްހަމަނުޖެހުމެއްގެ ތެރޭގައި އެމެރިކާ އުޅޭތަން އެންމެނަށް ވެސް ފެންނާނެ. ޗައިނާ އާއި އެމެރިކާ، އެއް ބަޔަކު އަނެއް ބަޔަކާ މެދު ދެކޭ ގޮތުގެ ސަބަބުން މައްސަލަތައް އެބަ އުފެދޭ. މިހާރު އެމެރިކާ އިން އުފައްދާފައި އެއޮތީ، އެމެރިކާ އާއި އިންޑިޔާ އާއި އެހެން ބައެއް ގައުމުތައް ހިމެނޭ ގޮތަށް ކުއަޑް (އިންޑިޔާ، އެމެރިކާ، އޮސްޓްރޭލިޔާ، ޖަޕާން) ކިޔާ ސަރަހައްދީ ގުޅުމެއް ވެސް."

އިމްރާން ޚާން ވިދާޅުވި ގޮތުގައި ކުރިމަގުގައި ވެސް ޗައިނާ އާއި ޕާކިސްތާނުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވަމުން އަންނަނީ، ބައިނަލްއަގުވާމީ މައްސަލަތަކުގައި ވެސް ދެ ގައުމު އެއް ހަމައެއްގައި މަސައްކަތް ކުރާތީ ކަމަށް ވެސް އިމްރާން ޚާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާ އަށް މެދުވެރިވާ ހުރިހާ ހާލަތެއްގައި ވެސް ޕާކިސްތާނާ އެކުގައި ގާތް ގުޅުމެއް ބާއްވާ ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގަޔާއި ސަރަހައްދީ ފެންވަރުގައި ވެސް އެތައް ފިއްތުންތަކެއް ޗައިނާ އަށް ކުރިމަތިވަމުން އައި އިރުވެސް، ޕާކިސްތާނާ އެކުގައި އޮތް ގުޅުމަށް ހީނަރުކަމެއް ނާންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.