Roadha Mihaaru
ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 511 މީހުން

ލޯކަލް ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 500 އަށް ވުރެ ގިނަ މީހުން

01 ޖުލައި 2021

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް މީހުން ހޯދަން ހުޅުވައިލި މުއްދަތު މިިދިޔަ ހޯމަ ދުވަހު ހަމަވިއިރު 511 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހެއް އަތޮޅު ކައުންސިލްގެ އެސްޖީއަކަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.

ކައުންސިލްތަކަށް އެސްޖީ އިން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާއެކު ސީއެސްސީންނެވެ. އެގޮތުން، އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށްފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. އެ މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.