Roadha Mihaaru
ކައުންސިލްތަކަށް 200 އެސްޖީން ހޯދަން އިއުލާނުކޮށްފި

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ހުޅުވާލައިފި

21 ޖޫން 2021

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހޯމަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ މަގާމަށް https://myaccount.csc.gov.mv/CouncilSg ޕޯޓަލް އިން ފޯމު ހުށަހެޅޭނެ އެވެ.

ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ ރަށު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަތަރު އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑީގްރީއަކާއެކު މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

އަތޮޅު ކައުންސިލް އިދާރާގެ އެސްޖީގެ މަގާމުގެ ޝަރުތަކީ ބެޗްލާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު މަސައްކަތާ ގުޅޭ ހަ އަހަރުގެ ތަޖުރިބާ އެވެ. އަދި ސިޓީ ކައުންސިލްގެ އެސްޖީއަކަށް ބެޗްލާސް ޑިގްރީއާއެކު މަގާމުގެ މަސައްކަތާ ގުޅޭ އަށް އަހަރުގެ ތަޖުރިބާ ނުވަތަ މާސްޓާސް ޑިގްރީއާއެކު ހަ އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ

- ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ.

- އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި 12،130ރ. އެގްޒެކެޓިވް އެލަވަންސްގެ 8،870ރ. ލިބޭނެ.

- ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ރުހުމާއެކުގަ އެވެ. އެގޮތުން، އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން 60 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ނަންތައް ސީއެސްސީން އެ ކައުންސިލަކަށް ފޮނުވާނެ އެވެ. އެއަށް ފަހު، އެ އިދާރާއަކަށް އައްޔަންކުރާނެ އެސްޖީއެއް ކައުންސިލުުން ނިންމައި ސީއެސްސީއަށް ފޮނުވަންޖެހެ އެވެ.