Roadha Mihaaru
ދުނިޔޭގެ  އެއްވަނަ ބެލްޖިއަމް ބަލިކޮށް އިޓަލީ ސެމީއަށް

ދުނިޔޭގެ އެއްވަނަ ބެލްޖިއަމް ބަލިކޮށް އިޓަލީ ސެމީ އަށް

03 ޖުލައި 2021

މިޔުނިކް (ޖުލައި 3) - ދުނިޔޭގެ ރޭންކިންގެ އެއްވަނަ ބެލްޖިއަމް 2-1 އިން ބަލިކޮށް، ޔޫރޯގެ ސެމީ ފައިނަލަށް އިޓަލީ ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (ޖުލައި 3) - ދުނިޔޭގެ ރޭންކިންގެ އެއްވަނަ ބެލްޖިއަމް 2-1 އިން ބަލިކޮށް، ޔޫރޯގެ ސެމީ ފައިނަލަށް އިޓަލީ ދަތުރު ކޮށްފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖާއި ދެ ވަނަ ބުރުގައި އިޓަލީއާ ލައްވާލި ފަސޭހަ ޓީމުތަކެއްގެ ގޮތުން އެ ޓީމުގެ އަސްލު ފެންވަރު ވަޒަން ކުރަން ނޭނގޭނެ ކަމަށް ދެކެވުނު ވާހަކަވެސް ހުއްޓެވެ. ނަމަވެސް ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބަލިކޮށް އިޓަލީގެ އަސްލު ފެންވަރު މިވަނީ ސާބިތުކޮށް ދީފަ އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އިޓަލީންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި ނިކޮލާ ބަރޭލާ ލަނޑު ޖެހީ މާކޯ ވެރާޓީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ކުރިންވެސް އިޓަލީއަށް ލަނޑެއް ޖެހުނު ކަމަށް އެ ޓީމަށް ހީކުރެވުނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ލިއޮނާޑޯ ބަނޫޗީ ލަނޑެއް ޖަހައި އުފާފާޅުވެސް ކުރި އެވެ. ނަމަވެސް ވީއޭއާރުން ދެއްކީ އެ ގޯލް ޖެހުމުގެ ކުރިން އިޓަލީގެ ޖޯޖިއޯ ކިއަލީނީ އޮފްސައިޑް ވެފައިވާ ކަމަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޓަލީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 44 ވަނަ މިނެޓްގައި ބެލްޖިއަމްގެ ކުޅުންތެރިންގެ ކައިރިން ނައްޓާލައި ލޮރެންޒޯ އިންސީނިއާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ އޭރިއާގެ ބޭރުންނެވެ.

ބެލްޖިއަމްގެ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އާމެދު އިޓަލީގެ ކުޅުންތެރިން ސުވާލު އުފެއްދި އެވެ. ބެލްޖިއަމްގެ ޖެރެމީ ޑޯކޫއަށް އިޓަލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ފައުލް ކުރުމުން، ޕެނަލްޓީ އެއްކަމަށް ދެއްކުމުން އިޓަލީގެ ކުޅުންތެރިން ޝަކުވާ ކުރީ ފައުލް ކުރީ އޭރިއާގެ ބޭރުން ކަމަށް ބުނެ އެވެ. ނަމަވެސް ވީއޭރުން މެދުވެރިކޮށް ބެލުމަށް ފަހުވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ކަަމަށެވެ.

ދެ ވަނަ ހާފުގައި ލުކާކޫއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބުނެވެ. އޭނާ އަށް ލިބުނު ފުރުތަމަ ފުރުސަތުގައި ބެލްޖިއަމްއިން ހުރަސް ކުރި ބޯޅަ ފައިން މަޑުމަޑުން ކޮށްޕާލުމުން އެ ބޯޅަ ކޮންޓްރޯލްވީ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާގެ ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ނާސިރު ޗަޑްލީ ނަގައިދިން ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްވި ނަމަވެސް އެ ބޯޅަ ލުކާކޫ ބޮލުގައި ލައްވައެއް ނުލި އެވެ. ކުޅެން އެރިތާ ދެ މިނެޓް ތެރޭ، ޗަޑްލީއަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ.

ސެމީ ފައިނަލްގައި އިޓަލީ ވާދަކުރާނީ ސްޕެއިން އާ ދެކޮޅަށެވެ. ވެމްބްލީގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.