Roadha Mihaaru
ހިޔާ ފްލެޓް ދޫކޮށްލަން ބޭނުން ނަމަ "ވިނަރެސް" އަށް

ބޭނުން ނަމަ "ވިނަރެސް" ފްލެޓުން "ހިޔާ" ގެ އެންމެންނަށް ފުރުސަތު ދީފި

05 ޖުލައި 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ބޭނުން ނަމަ އެ އަށް ވުރެ ފެންވަރު ރަނގަޅުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓަށް ބަދަލުވުމުގެ ފުރުސަތު އެންމެންނަށް ދީ، އެ ކަމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށް ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ބޭނުން ނަމަ އެ އަށް ވުރެ ފެންވަރު ރަނގަޅުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ "ވިނަރެސް" ފްލެޓަށް ބަދަލުވުމުގެ ފުރުސަތު އެންމެންނަށް ދީ، އެ ކަމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށް ދީފި އެވެ.

ހައުސިން މިނިސްޓްރީން ކުރިން އިއުލާންކުރި ގޮތުން ނަމަ، ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ބޭނުން ނަމަ ސަރުކާރުން ކުރިއަށް ގެންދާ ގޯތިގެދޮރު މަޝްރޫއުގެ ތެރެއިން މަޝްރޫއަކަށް ފުރުސަތު ބަދަލު ކުރެވިދާނެ އެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ފަންނީ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް އޭރު ދޭން ނިންމި އެވެ.

އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، "މިހާރު" އަށް މިއަދު ވިދާޅުވީ، މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރިއިރު އެ މިނިސްޓްރީން ނިންމާފައި ވަނީ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކޮންމެ މީހަކަށް ވެސް "ވިނަރެސް" ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އެގޮތަށް ބަދަލުކުރީ ފަންނީ މީހުންނަށް އެކަނި ފުރުސަތު ހުޅުވައިލުމުން، އެ ނޫން ކެޓަގަރީތަކުގެ ބައެއް މީހުން ވެސް "ވިނަރެސް" ފްލެޓަށް ބަދަލުވުމަށް އެދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިނަރެސް" މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 13 ބުރީގެ 10 ޓަވަރުގެ މަސައްކަތެވެ. އެ ތަންތަނުގައި 1،344 ފްލެޓު ހުންނާނެ އެވެ.

ހިޔާ ފްލެޓްގެ ބަދަލުގެ ގޮތުގައި ވިނަރެސް ފްލެޓް އެ މީހުންނަށް ދޭން ނިންމީ އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމެނޭ މަސައްކަތަކީ އެއީ ކަމަށް ވާތީ އެވެ. އެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ނިމެނޭ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މި ތަންތަން ދޭނީ އެ ކުންފުނިން ކަނޑައަޅާފައިވާ އަގުތަކުގަ އެވެ.

ވިނަރެސް މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.

އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެ އެވެ. އެ ތަންތަނުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ބެލްކަންޏެއް ވެސް ހުންނާނެ އެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ. މި ތަންތަނުގައި ވެސް ތިން ކޮޓަރި ހިމެނޭ ގޮތަށް ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެ އެވެ.

މި ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރީ ދެ ކޮޓަރީގެ 6،720 ފްލެޓެވެ. އެ ފްލެޓްތައް ލިބުނު މީހުންނާ އެކު މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޖުމުލަ 25 އަހަރަށް ބަހާލައިގެން މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާއާ އެކު ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ މި ފްލެޓްތަކުން ނަގާނެ އެވެ. ފިނިޝިން މަސައްކަތް ވެސް ކުރަން ޖެހެނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.

ވިނަރެސް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭއިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފަ އެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެ އެވެ. އަދި ބަދިގެ ކަބަޑު ސެޓު ވެސް ފާރުގައި ހަރުކޮށްފައި ހުންނާނެ އެވެ. ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި ވެސް އޭސީ ހަރުކޮށްފައި ހުންނާނެ އެވެ.

އެކަމަކު ވިނަރެސް އެޕާޓްމަންޓްތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެ އެވެ.

މި ތަންތަން ވިއްކުމަށް ހުޅުވާލާއިރު ޑައުންޕޭމަންޓްގެ ގޮތުގައި ވެސް ވަކި ވަރެއް ދައްކަން ޖެހޭނެ އެވެ. އެކަަމަކު ވިއްކުމަށް ހުޅުވާލުމުގެ ކުރިން ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް އެ މީހުން ބޭނުން ތަނަކުން ބޭނުން އެޕާޓްމަންޓެއް ނެގުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.