Roadha Mihaaru
މެދުކެނޑުމަކަށް ފަހު ހިޔާ ފްލެޓްތަކުގެ ގުރު ކުރިއަށް

މެދުކެނޑުމަކަށް ފަހު ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން އަނެއްކާވެސް ފަށައިފި

26 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރި "ހިޔާ" ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުމަކަށް ފަހު އެޗްޑީސީން އަނެއްކާ ވެސް ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރި "ހިޔާ" ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުމަކަށް ފަހު އެޗްޑީސީން އަނެއްކާ ވެސް ފަށައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު، އެ ތަންތަނަށް ނަން ދީފައި ވަނީ އެޗް 1 އިން ފެށިގެން އެޗް 16 އަށެވެ.

މި މަހުގެ އަށް ވަނަ ދުވަހު، ފުރަތަމަ ގުރުއަތުލުން ފަށާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ (އެޗް10) ގެ ދަށުން ފްލެޓް ލިބުނު މީހުންގެ މެދުގަ އެވެ. އެއީ 188 ފްލެޓެވެ.

އެކަމަކު މެދުކެނޑުމަކަށް ފަހު އިއްޔެ އަލުން ގުރުލުން ފަށާފައިވާއިރު، އެޗްޑީސީން ބުނިގޮތުގައި އިއްޔެ ވަނީ 600 މީހެއްގެ މެދުގައި ގުރުއަތުލުން ބާއްވައިފަ އެވެ. މިއަދު ވެސް 600 މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ނިންމާފައި ވަނީ ކޮންމެ ދުވަހަކު ވެސް ދެ ބުރެއްގެ މަތިން 600 މީހުންގެ މެދުގައި ގުރުލުން ބޭއްވުމަށެވެ.

ހިޔާ ފްލެޓްތަކުން ލިބޭ އެޕާޓްމަންޓްތައް ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ ގުރުއަތުލުން ބާއްވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ބައެއް ޓީވީ ޗެނަލްތަކުން ލައިވް ކުރާ އެ އިވެންޓު ފެށުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ގުރުއަތުލުން ކުރިއަށް ގެންދާނެ މީހުންގެ ލިސްޓެއް އެޗްޑީސީން އާންމުކުރެ އެވެ. އެ މީހަކަށް ލިބޭ ފްލެޓް ބެލުމަށް ގުރުނަގާނީ ހެނދުނު ނުވަތަ މެންދުރު ފަހުގެ ދަންފަޅީގަ އެވެ.

ގުރުނަގައި ނިމުމުން އެ މީހަކަށް ލިބުނު ފްލެޓުގެ ތަފުސީލް އެޗްޑީސީން މެސެޖަކުން އަންގައިދޭނެ އެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ނަގަނީ-- ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ނަގަނީ-- ފޮޓޯ: އެޗްޑީސީ

ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގި އެންމެ ބޮޑު މަޝްރޫއުން 6،720 ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގަމުން އަންނައިރު ޑައުންޕޭމަންޓާ ނުލައި ހިޔާ ފްލެޓްގެ އަގުގެ ގޮތުގައި މި މި ސަރުކާރުން ކަނޑަައަޅާފައި ވަނީ 7،500ރ. އެވެ. ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.

ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، ތަޅުދަނޑި އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.