Roadha Mihaaru
ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު ފޮނުވާލައިފި

ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު ފޮނުވާލައިފި

05 ޖުލައި 2021

މަރާލާފައި އޮއްވައި ހުޅުމާލޭން ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑަމަށް ފޮނުވާލައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މަރާލާފައި އޮއްވައި ހުޅުމާލޭން ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑަމަށް ފޮނުވާލައިފި އެވެ.

ފުލުހުން ބުނީ ހަށިގަނޑު ފޮނުވާލީ މޯލްޑިވިއަންގެ ބޯޓެއްގައި މިއަދު ހެނދުނު 10:15 ގައި ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހަށިގަނޑު ފޮނުވުން ލަސްވީ އިންޑިއާ އިން ހަމަޖައްސަންޖެހޭ ކަންކަން ލަސްވެގެންނެވެ.

ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެ ރުހުމާ އެކު އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.

ކުއްޖާ މަރާލާފައި އޮއްވައި ފުލުހުން ހޯދީ ފޮއްޓަކަލަށް ލައި މޫދަށް އެއްލައިލާފައި އޮއްވައި މިދިޔަ މަހު 21 ވަނަ ދުވަހުގެރޭ، މެންދަމު 2:30 ހާއިރު އެވެ. ފުލުހުންނަށް އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެ ކުއްޖާ ރަހީނު ކުރި ކަމަށް އާއިލާއިން ރިޕޯޓު ކުރުމުން ފުލުހުން އެ މައްސަލަ ބެލުމުގެ ތެރެއިންނެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހެކެވެ.