Roadha Mihaaru
ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

10 ޖުލައި 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ދެންމެ ބުނީ ވީއައިއޭ އިން ފުރަން ދިޔަ އުމުރުން 60 އަހަރުގެ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުން މައްސަލައެއް މިއަދު ހެނދުނު 9:52 ގައި އެ އިދާރާ އަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

"ވަޒަންތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެ މީހާއާ ފުލުހުން ގެންދަނީ ސުވާލު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެހެން ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.

ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ދަނީ ފެންމަތިވެ، ކަންކަން ވަރަށް ބޮޑަށް ސީރިއަސްވަމުންނެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިވެހިންގެ ބަޔަކު ބޮމެއް ގޮއްވާލައި އެ މަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް އިއްޔެ ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ނޫނަސް ޓެރަރިޒަމާ ގުޅުން ހުރި ބައެއް ކަންކަން ރާއްޖޭގައި ފަހަކަށް އައިސް ވަނީ ތަޖުރިބާ ކޮށްފަ އެވެ.