Roadha Mihaaru
ސަރުކާރުގެ ނިންމުން:ގެސްޓް ހައުސްތަކަށް ބޮޑު ގެއްލުމެއް

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގެސްޓް ހައުސްތަކަށް ނުދެވޭ: ބޮޑު ގެއްލުމެއް!

12 ޖުލައި 2021

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގެސްޓުހައުސްތަކަށް ނުދެވޭނެ ކަމަށް ސަރުކާރުން ނިންމުމުން ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް އެ ތަންތަނުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގެސްޓުހައުސްތަކަށް ނުދެވޭނެ ކަމަށް ސަރުކާރުން ނިންމުމުން ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް އެ ތަންތަނުން ބުނެފި އެވެ.

ދެކުނު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރިތާ ދެ މަސް ފަހުން، އެ ސަރަހައްދުގެ ގައުމުތަކަށް ރާއްޖެ ހުޅުވާލަން ސަރުކާރުން ވަނީ އަނެއްކާ ވެސް ނިންމައިފަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސަރަހައްދުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލާނެ އެވެ. ނަމަވެސް މި މަސް ނިމެންދެން ދެކުނު އޭޝިއާ އެއްވެސް ޓޫރިސްޓަކަށް ގެސްޓުހައުސްތަކުގައި ނުތިބެވޭނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ ޖޫން 29ގަ އެވެ. މިގޮތަށް ނިންމުމާ އެކު ގިނަ ގެސްޓުހައުސްތަކުން ވަނީ ބުކިންތައް ނަގަން ފަށައިފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ މި ނިންމުން ބަދަލުކޮށް، މި މަސް ނިމެންދެން ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓުހައުސްތަކަށް ނުދެވޭނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުން އެގޮތަށް ނިންމުމުން ގެސްޓުހައުސްތަކުން ގިނަ އަދަދެއްގެ ބުކިން ކެންސަލް ކުރަން ޖެހުނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ މާލެ އާއި މާލެ ކައިރީ ރަށްތަކުގެ ގެސްޓުހައުސްތަކަށެވެ.

ހުޅުމާލޭގެ ނޫމޫ ގެސްޓްހައުސް ހިންގާ އަހުމަދު ވަހީދު ވިދާޅުވީ ބުކިންތައް ކެންސަލް ކުރަން ޖެހުމުން އޭނާއަށް 20،000 ޑޮލަރުގެ ގެއްލުންވި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ނުދެވޭނެ ކަން ގެސްޓުހައުސްތަކަށް ފުރަތަަމަ ދުވަހު ވެސް އެނގެން ޖެހޭނެ ކަމަށެވެ. އަދި އެކަން ހާމަ ނުކުރުމަކީ އޮޅުވާލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަހު 15އިން ފެށިގެން ބުކިންތައް ލިބިފަ ހުރީމަ ވަރަށް އުއްމީދުގައި ތިބީ. އަނެއްކާ މި ޖެހުނީ އެ ބުކިންތައް ކެންސަލްކުރަން. އަސްލު ވަރަށް ބޮޑު އޮޅުވާލުމެއް އަދި ދެރައެއް ސަރުކާރުން މިދިނީ،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރައްވާ "ކާނި ހޮޓެލްސް"ގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ އޭނާގެ ގެސްޓުހައުސްތަކަށް ގިނަ އަދަދެއްގެ ބުކިންތައް ލިބުނު ކަމަށެެވެ. ނަމަވެސް ސަރުކާރުގެ ނިންމުމާއެކު ހުރިހާ ބުކިންއެއް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާނި ހޮޓެލްސް އަށް 60،000 ޑޮލަރު މަދުވާނެ. އެއީ ގެއްލުމެއް ނޫން. އެކަމަކު ލިބެން ހުރި އެއްޗެއް ނުލިބި އެ ދިޔައީ،" ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ބައެއް ގެސްޓުހައުސްތަކުން ވަނީ، މި މަހު ގިނަ ބުކިންތައް ލިބުމުން އިތުރު ސްޓާފުން ވެސް ނަގައިފަ އެވެ. މީގެ ސަބަބުން ވެސް ބޮޑު ގެއްލުމެއް ވާނެ ކަމަށް ގެސްޓުހައުސް ވިޔަފާރިވެރިން ބުނެ އެވެ.

މާފުށީގައި "އަކޫޒް އިން" ގެސްޓުހައުސް ހިންގާ ރާއިފް ޝާޒް ވަލީދު ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުން ގިނަ އަދަދެއްގެ ބުކިން ލިބުމާ ގުޅިގެން އިތުރު މުވައްޒަފުން ވެސް ނަގާފައިވާ ކަމަށެވެ. އަދި އެ ބުކިންތައް ކެންސަލް ކުރަން ޖެހުމުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަހު މުވައްޒަފުންގެ މުސާރަ ދޭނީ ކިހިނަކުންތޯ؟ އެހެން ބުކިންއެއް ނުލިބޭ. އެ ގެއްލުނީ އަސްލު މި ދުވަސްވަރު ހަމަޖެހިލަން ލިބެން އޮތް އާމްދަނީ. ސްޓިމިޔުލަސް ލޯނު ވެސް ލިބޭނީ އެއް މަސް ފަހުން ކަމަށް ބުނަނީ،" ރާއިފް ވިދާޅުވި އެވެ.

ދެކުނު އޭޝިއާއަކީ ގެސްޓުހައުސްތަކަށް ވަރަށް މުހިންމު މާކެޓެކެވެ. އެ ސަރަހައްދުން ޓޫރިސްޓުން އައުން މަނާ ކުރުމުން ގިނަ ގެސްޓުހައުސްތަކުގެ އޮކިއުޕެންސީ ވަނީ ސުމަކަށް ވެއްޓިފަ އެވެ.