Roadha Mihaaru
ތާޒާއިން ބިއްލޫރި ފެންފުޅި އޮކްޓޫބަރު މަހު ނެރެނީ

ތާޒާ އިން ބިއްލޫރި ފެންފުޅި އޮކްޓޫބަރު މަހު ނެރެނީ

13 ޖުލައި 2021

ތާޒާ ބްރޭންޑުގެ ބިއްލޫރި ފެންފުޅި އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބާޒާރަށް ނެރޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތާޒާ ބްރޭންޑުގެ ބިއްލޫރި ފެންފުޅި އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބާޒާރަށް ނެރޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ބިއްލޫރި ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރޭނީ 1.5 ލިޓަރުގެ ފެންފުޅި ކަމަށެވެ. ތާޒާ ފެން އުފައްދަނީ އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އައިލެންޑް ބެވްރޭޖް މޯލްޑިވްސް (އައިބީއެމް) އިންނެވެ. އެ ކުންފުނިން 2002 ވަނަ އަހަރުން ފެށިގެން "ތާޒާ" ގެ ނަމުގައި އަންނަނީ ފެން އުފައްދަމުންނެވެ.

ޝާހު ވިދާޅުވީ، މިފަދަ ބަދަލެއް ގެންނަން ނިންމީ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމުގައިވާ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކުރުމުގެ ގޮތުން ކަމަށެވެ. މިބަދަލާ އެކު ކުރިން އުފައްދާ 330 އެމްއެލްގެ ފުޅި އުފެއްދުން ހުއްޓާލާނެ އެވެ.

އެހެން ނަމަވެސް 500 އެމްއެލް އާއި 1.5 ލީޓަރު އަދި 5 ލިޓަރުގެ ފެން ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރޭނެ އެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފެށީ 2018 ގަ އެވެ. މީގެ އިތުރުން މި އަހަރު ވަނީ ސިންގަލް ޔޫޒް ޕްލާސްޓިކުގެ އަށް ބާވަތެއް ރާއްޖެ އެތެރެ ކުރުން މަނާކޮށްފަ އެވެ. މީގެ ތެރޭ 500 އެމްއެލްގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ވެސް ރާއްޖެ އަށް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.