Roadha Mihaaru
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް

ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓްތަކެއް ތާޒާއިން ލޯންޗުކޮށްފި

09 އޯގަސްޓް 2022

ތާޒާ ކުންފުނިން ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ އާ ޕްރޮޑަކްޓްތަކެއް ލޯންޗުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ތާޒާ ކުންފުނިން ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ އާ ޕްރޮޑަކްޓްތަކެއް ލޯންޗުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި އެ ޕްރޮޑަކްޓްތައް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ޗެއާމަން ހަސަން ސާހު އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ.

އާއާމުކޮށް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގެ ޕްރޮޑަކްޓްތައް މާކެޓުކުރާ އައިބީއެމްގެ ތާޒާ ބްރޭންޑުން މިފަހަރު ތައްޔާރުކޮށްފައިވަނީ 500 އެމްއެލް އާއި އެއް ލީޓަރުގެ ބިއްލޫރި ފުޅި އާއި ޑިސްޕެންސަރަށް ލައްވާ ވައްތަރުގެ 19 ލީޓަރުގެ "ތާޒާ 5ޖީ" ބޮޑެތި ފުޅި އެވެ. އެއީ އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތަކެެކެވެ.

ތާޒާ އިން އަލަށް ލޯންޗުކުރި ބިއްލޫރި ފުޅި ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާޒާ އިން އަލަށް ލޯންޗުކުރި ބިއްލޫރި ފުޅި ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕްރޮޑަކްޓްތައް ލޯންޗުކުރީ އައިބީއެމް އަށް 20 އަހަރު ފުރޭ މުނާސަބަތުގައި ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ހިންގާ ހަރަކާތްތަކުގެ ދަށުންނެވެ.

"ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ނޫންގޮތެއް ހޯދުމަށް އުފެއްދި އާ ޕްރޮޑަކްޓްތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ބީޗް ކްލީން އަޕް ޕްރޮގްރާމްތަކެއް ހިންގަން ވަނީ ހަމަޖެހިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ އައިބީއެމްގެ މި ކެމްޕޭނަކީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން މަދުކޮށް އެއާ ދުރަށް ދިއުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ް މިރޭގެ ރަސްމިއްޔާތު ޝަރަފަވެރިކޮށްދެއްވައި ޑރ. މައުސޫމް ވާހަކަދައްކަވަނީ. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ް މިރޭގެ ރަސްމިއްޔާތު ޝަރަފަވެރިކޮށްދެއްވައި ޑރ. މައުސޫމް ވާހަކަދައްކަވަނީ. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކުން މިފަދަ ކަންކަން ކުރަން އިސްނެގުން އެއީ ދުނިޔެއަށް އޮތް ނަމޫނާއެއް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"ތާޒާ ވެށި" މި ކެމްޕޭން 2020 ވަނަ އަހަރު ފަށަން ރޭވި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެ ކެމްޕެއިން ލޯންުޗްކުރުން ލަސްވީކަމަށް އައިބީއެމްގެ އެމްޑީ އަންވަރު ވިދާޅުވި އެވެ. އަދި ކުރިމަގުގައި މިފަދަ ގިނަ ކެމްޕޭނުތައް ހިންގަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި އައިބީއެމްގެ އެމްޑީ އަންވަރު ވާހަކަދައްކަވަނީ. --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރޭގެ ރަސްމިއްޔާތުގައި އައިބީއެމްގެ އެމްޑީ އަންވަރު ވާހަކަދައްކަވަނީ. --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ ކެމްޕޭނުގެ ދަށުން މިރޭ ލޯންޗުކުރި އާ ޕްރޮޑަކްޓަތައް މިމަހު 15 އިން ފެށިގެން ބާޒާރަށް ނެރޭނެ ކަމަށާއި އޭގެފަހުން އޯޑަރަށް ވެސް އެތަކެތި ސަޕްލައި ކޮށް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހެޔޮ އަގުގައި ކޮލެޓީ އަދި ރައްކާތެރި ބޯފެން ފޯރުކޮށްދިނުން،" އަންވަރު ފާހަގަކުރެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ދައްކާލާފައި ހުރި ތާޒާގެ އެކި އުފެއްދުންތައް ޑރ. މައުސޫމް ބައްލަވަނީ. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރޭގެ ރަސްމިއްޔާތުގައި ދައްކާލާފައި ހުރި ތާޒާގެ އެކި އުފެއްދުންތައް ޑރ. މައުސޫމް ބައްލަވަނީ. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާޒާގެ އުފެއްދުންތަކަކީ ތިން ފަހަރެއްގެ މަތިން ފިލްޓަރުކޮށް، ލެބް ޓެސްޓުކޮށް އޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ފަހު ހަށިގަނޑަށް ފައިދާ ހުރި ބައެއް ކަހަލަ މިނަރެލްސް އަޅައިގެން އުފައްދާފައިވާ ބުއިންތަކެކެވެ.