Roadha Mihaaru
ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: އެމްއެމްސީ

ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް އެމްއެމްސީން ބުނެފި

13 ޖުލައި 2021

މަރާލާފައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން ބައެއް މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފިޔަވަޅު އެޅި މައްސަލަ ބަލަން ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މަރާލާފައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން ބައެއް މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ފިޔަވަޅު އެޅި މައްސަލަ ބަލަން ޖެންޑާ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުޑަކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް މީޑިއާގައި ޝާއިއު ކުރުމުގައި ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް، އެ ކައުންސިލުން އެސެސްމަންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި އެސެސްމަންޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބައެއް މައުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެގޮތުން އެއް މީޑިއާ ޖޫރިމަނާކޮށް، ތިން މީޑިއާއަކަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރު ނުކުރުމަށް އިންޒާރުދީފައި ވަނީ ކޮން ކޮންޓެންޓެއް ޝާއިއުކުރުމާ ގުޅިގެންތޯ ވަކިވަކިން ސާފުކުރުމަށް ދެ ފަހަރެއްގެ މަތިން އެ ކައުންސިލުން އެދިފައިވެ އެވެ.

ނަމަވެސް ކައުންސިލުން އެދިފައިވާ މައުލޫމާތު އެތަނުން މިއަދާ ހަމައަށް ވެސް ހިއްސާ ކޮށްފައިނުވާ އިރު، ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް ވެސް ޖަވާބު ދީފައި ނުވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

އެހެންވެ ސަބަބުން މި އެސެސްމަންޓްގެ މަސައްކަތް އެދެވޭ ހަލުވި މިނެއްގައި ކުރިއަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ކުޑަކުއްޖާގެ މަރު ރިޕޯޓު ކުރި ގޮތުން މިދިޔަ މަހު ޖެންޑާ މިނިސްޓްރީން ވަނީ "އަވަސް" ނޫސް 2،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން، "ވަގުތު" ނޫހާއި "ވަން އޮންލައިން" އާއި "އަދަދު" ނޫހަށް ނަސޭހަތް ދީފަ އެވެ.