Roadha Mihaaru
250 މިލިއަންގެ ކަރެންސީ ސްވޮޕް ހަމަހަށް އިތުރުކޮށްފި

250 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލީޓީގެ މުއްދަތު ހަ މަހަށް އިތުރުކޮށްފި

14 ޖުލައި 2021

އެމްއެމްއޭ އިން މިދިޔަ ޑިސެމްބަރު މަހު ރިޒާވް ބޭންކުން ހޯދި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު ހަ މަހަށް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްއެމްއޭ އިން މިދިޔަ ޑިސެމްބަރު މަހު ރިޒާވް ބޭންކުން ހޯދި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު ހަ މަހަށް އިތުރުކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ކަރެންސީ ސްވޮޕް ފެސިލީ އަނބުރާ ދެއްކުމުގެ ބަަދަލުގައި އޭގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީ ރާއްޖެއިން ނަގަނީ އިންޑިޔާގެ ރިޒާވް ބޭންކަށް އެ ނަގާ އަދަދަކާ އެއްވަރަށް ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އެގޮތުން 400 މިލިއަން ޑޮލަރު އިންޑިޔާގެ ރިޒާވް ބޭންކުން ނަގާ ނަމަ އެއާ އެއްވަރަށް ދިވެހި ރުފިޔާ އެ ބޭންކުގައި ބަހައްޓަން ޖެހޭނެ އެވެ. މި ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވާނެ އެވެ. ކަރެންސީ ސްވޮޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ކަރެންސީ ސްވޮޕްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނެގޭ ގޮތަށް އޮތް ނަމަވެސް އެ އަދަދު 400 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ކަރެންސީ ސްވޮޕް ނަގަނީ ސަރުކާރުން ގެރެންޓީ ދޭ ގޮތަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް 150 މިލިއަން ރުފިޔާ ކަރެންސީ ސްވޮޕްގެ ދަށުން ސަރުކާރުން ހޯދާފައިވެ އެވެ. އެ ފައިސާ ބޭނުން ކުރީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވި މާލީ އުނދަގޫތަކުން އަރައިގަތުމަށެވެ.